ހަބަރު

ހައިކޯޓުގެ އާ ދެ ފަނޑިޔާރުން ހުވާ ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހައިކޯޓަށް އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން މިރޭ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި ތިއްބެވި ހާތިފް ހިލްމީ އާއި ހުސެއިން މަޒީދެވެ.

އެ ދެ ބޭފުޅުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. މަގާމު ލިޔުން ހަވާލު ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފެވެ.

ހުވާ ކުރެއްވުމަށް ޖޭއެސްސީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖޭއެސްސީގެ އެހެން މެންބަރުންނާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސްޕީރިއާ ބައެއް ކޯޓުތަކުގެ އިސް ގާޒީން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތަށް އުއްތަމަ ފަނޑިޔާރު ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އަދި ޖޭއެސްސީގެ ތަހުގީގުތަކަށް ހާޒިރުވާން ވެސް އުއްތަމަ ފަނޑިޔާރު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ. ތަހުގީގު ނިންމުމަށްފަހު މިއަދު ޖޭއެސްސީއިން ފޮނުއްވި ރިޕޯޓަކާ ވެސް އުއްތަމަ ފަނޑިޔާރު ހަވާލުވެވަޑައިނުގެންނެވި އެވެ.

ހައިކޯޓުގައި މިހާރު ތިއްބަވަނީ ނުވަ ފަނޑިޔާރުންނެވެ. އަލަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުންނަކީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އިތުރުވި ދެ މަގާމަށް ގެނައި ފަނޑިޔާރުންނެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން 11 އަށް ބަދަލު ކުރަން ނިންމީ ހައިކޯޓުގެ ދެ ގޮފި ހެދުމަށްފަހު އެ ގޮފިތަކަށް ފަނޑިޔާރުން ބަދަލު ކުރުމުން މާލޭގެ ހައިކޯޓުގެ މައްސަލަތައް ނުބެލި ލަސްވަމުންދާތީ އެވެ. ނަމަވެސް ފަނޑިޔާރުންގެ އަދަދު ގާނޫނަށް ބަދަލު ގެނެސް އިތުރުކުރި ފަހުން ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގައި ދާއިމީ ގޮތެއްގައި ފަނޑިޔާރުން ނުތިއްބަވާ ގޮތަށް ކަނޑައަޅައި ދެކުނު ގޮފީގައި ތިއްބެވި ފަނޑިޔާރުން މާލެ ގެނެސްފަ އެވެ. މިހާރު ގޮފިތަކުގައި މައްސަލަތައް ބަލަނީ ޝަރުއީ ވަފުތައް ޒިޔާރަތް ކުރައްވައިގެންނެވެ.