އިސްލާމީ ޝަރީޢަތަކީ ޙިކުމަތުން ފުރިގެންވާ މަތިވެރި އުޞޫލުތަކެއްގެ މައްޗަށް ޤާއިމުވެގެންވާ ޝަރީޢަތެވެ. ވަކިން ޚާއްޞަކޮށް ނަސަބުގެ މައްސަލައަކީ އެ މައްސަލައަކަށް މަތިވެރިކަމެއް ދެވިފައިވާ މައްސަލައެކެވެ. އެހެންކަމުން ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ނަސަބު ނުވަތަ އަބުރު ޙިމާޔަތްކުރުން ލައްވާފައިވެއެވެ. ޑީއެންއޭގެ ޙަޤީޤަތާއި ނަސަބު ދެނެގަތުމުގައި ޑީއެންއޭގެ ބޭނުންކުރެވޭ ދާއިރާތަކާ ބެހޭ ގޮތުން ކުރީގެ މަޒްމޫނު ގައި ވާނީ އަލި އަޅުވާފައެވެ. އަދި ނަސަބު ނަފީކުރުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ލިޢާންގެ މައްޗަށް ވެސް މަޒްމޫނެއްގައި ވާނީ އަލިއަޅުވާލާފައެވެ.
މި މަޒްމޫނު ޚާއްޞަކޮށްލަނީ ލިޢާން ކުރުމުގެ ބަދަލުގައި ޑީއެންއޭ ތަޙުލީލުކޮށް، އެއިގެ މައްޗަށް ބިނާކޮށް ނަސަބު ނަފީކުރުމާމެދު އިސްލާމީ ފިޤުހުވެރިންގެ މެދުގައި އުފެދިފައިވާ ރައުޔުތަކާ ބެހޭ ގޮތުންނެވެ. ޑީއެންއޭ އަކީ ޒަމާނީ ހޯދުމެއް ކަމުން އެ ފަދަ ހޯދުމަކީ އިސްލާމީ ޝަރީޢަތުގައި ޤަޠުޢީ ޙުއްޖަތަކަށްވާނެތޯއާއި ނުވަތަ އެއީ ޡައްނީ ޙުއްޖަތެއްތޯ އާމެދު ދަންނަބޭކަލުން ބަޙުޘް ކުރައްވާފައި ވެއެވެ. ޝަރީޢަތުގައި ވަޙީގެ ޤަޠުޢީ ޙުކުމް ބަޔާން ވެގެންވާ ކަމެއްގައި ޑީއެންއޭ ފަދަ ޢިލްމީ ހޯދުމެއް އެފަދަ ޤަޠުޢީ ހުކުމެއްގެ މައްޗަށް އިސްފަސް ކުރެވިދާނެތޯ އާ މެދު ފިޤުހުވެރިން ބަޙުޘް ކުރައްވާފައި ވެއެވެ.
ކުރީގެ މަޒްމޫނުގައި ބަޔާންކުރި ފަދައިން ލިޢާން ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ދަރި ނަފީކުރުމަށް އޮތް ޙުކުމެވެ. އެ ޙުކުމް ތަންފީޒު ކުރުމުން ޙައްދުގެ ޢުޤޫބާތަކާ ނުލައި ދެމަފިރިންގެ އަބުރުވެސް މި ދުނިޔޭގައި ޙިމާޔަތްކުރެވެއެވެ. ނަމަވެސް ލިޢާންގެ ސަބަބުން ދެމަފިރިން އަބަދަށްޓަކައި ވަކިވެ ދަރިފުޅުގެ ނަސަބު ފިރިމީހާގެ ކިބައިން ޝަރުޢީ ގޮތުން ނަފީ ވެގެން ދެއެވެ. ލިޢާންގެ މައްސަލައިގައި ޑީއެންއޭ ތަޙުލީލު ކުރުމުގައި ޢިލްމުވެރިން ބަޙުޘު ބިނާކޮށްފައިވަނީ ލިޢާނުގެ ޙުކުމް ޝަރުޢު ކުރެއްވުމުގެ ޙިކުމަތުގެ މައްޗަށެވެ.
ލިޢާން ޝަރުޢު ކުރެއްވުމުގެ ޙިކުމަތް
ދަރިއެއް ނަފީ ކުރުމާއި ތިމާގެ އަނބިމީހާގެ ބޮލުގައި ޒިނޭގެ އިލްޒާމް އެޅުވުމަކީ ވަރަށް ބޮޑު ކަމެކެވެ. ނާދިރު ޙާލަތެއްގައި މެނުވީ ފިރިމީހާ ނޫން އެހެން ފަރާތަކަށް އަނބިމީހާގެ ޙާލަތު ނުވެސް އެނގޭނެ އެވެ. އެ ފަދަ ތުހުމަތެއްގެ ކުރިމަތީގައި ފިރިމީހާ އަށް، އޭނާގެ އަމިއްލަ ނަފްސު މެނުވީ އޭނާގެ ދިފާޢުގައި ދެއްކޭނެ އިތުރު އެހެން ޙުއްޖަތެއް ނުވާނެއެވެ. އަދި ހަމަ އެހެންމެ، އަނބީމީހާ ވެސް އޭނާގެ ދިފާޢުގައި ދެއްކޭނެ އިތުރު ޙުއްޖަތެއް އޭނާގެ އަމިއްލަ ނަފްސު ނޫނީ ނުވާނެއެވެ. އެފަދަ އިލްޒާމެއްގެ ކުރިމަތީގައި ދިފާޢުވުމުގެ ޙައްޤު އަނބިމީހާއަށް އޮންނަންޖެހޭނެ އެވެ. އަދި އޭނާގެ އަބުރާއި ޝަރަފް ދެމެހެއްޓުމުގެ ޙައިސިއްޔަތު ވެސް އޭނާއަށް އޮންނަންޖެހޭނެއެވެ. ލިޢާންގެ ޙިކުމަތަކީ ދެ މީހުންގެ އަބުރު ވެސް ޙިމާޔަތް ކުރުމާއެކު ފޮރުވިފައިވާ ސިއްރު އާޚިރަތަށްޓަކައި ދޫކޮށްލުމެވެ.
ޝައްކާއި ވަހުމުގެ ސަބަބުން ނުވަތަ ރުޅިވެރިކަމުގެ ސަބަބުން އަނބިމީހާ ބަދުނާމު ކުރުމަށްޓަކައި އެފަދަ އިލްޒާމެއް އޭނާގެ ބޮލުގައި އަޅުވައިފި ފިރިއަކަށް ޤިޔާމަތް ދުވަހުން ﷲގެ ލަޢުނަތް ހުރި ވާހަކަ ލިޢާންގެ އާޔަތްތަކުގައި ވެއެވެ. ލިޢާންގެ ޙުކުމް ޝަރުޢު ކުރައްވާފައި ވަނީ މަތިވެރި ޙިކުމަތަކަށްޓަކަ އެވެ. އެއީ ޝަރުޢީ ހަމަތަކުގެ މަތިން ކޮށްފައިވާ ކައިވެނީގެ ގުޅުން ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމާއި ނަސަބުގެ ކަންކަމަކީ މަތިވެރި ކަމެއްގެ ގޮތުގައި ދެމެހެއްޓުމާއި ދެމަފިރިންގެ އަބުރު ޙިމާޔަތް ކުރުމެވެ.
ދަރި ނަފީ ކުރުމަށް ޑީއެންއޭ ތަޙުލީލު ކުރުން
ދަރި ނަފީ ކުރުމަށްޓަކައި ޑީއެންއޭ ހެދުމުގެ ޝަރުޢީ ޙުކުމާ ބެހޭ ގޮތުން މިޒަމާނުގެ ފިޤުހުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ކުރު ގޮތަކަށް އެބޭފުޅުންގެ ރައުޔުތައް މިތަނުގައި ހާމަކޮށްލަން ޤަސްތުކުރަމެވެ.
(ހ) ފުރަތަމަ ރައުޔުގެ ބޭފުޅުންގެ ނަޒަރުގައި ޝަރުޢީ ގޮތުން ސާބިތުވެފައިވާ ޒަވާޖީ ގުޅުމެއްގެ ތެރޭގައި ލިބޭ ދަރިއެއްގެ ނަސަބު ނަފީ ކުރުމަށް ލިޢާން ނޫން އެހެން އެއްވެސް ގޮތެއް ޝަރުޢުގައި ނެތްކަމަށާއި ދަރީގެ ނަސަބު ކަށަވަރު ކުރުމަށްޓަކައި ލިޢާންގެ އެއްކިބާކޮށް ޑީއެންއޭ ހެދުން ހުއްދަވެގެން ނުވެއެވެ. މިއީ މިޒަމާނުގެ ގިނަ ފިޤުހުވެރިންގެ ރައުޔެވެ. އޭބޭފުޅުންގެ ތެރޭގައި ޑރ. މުޙުޔިއްދީން ޢަލީ ޤުއްރާ ދާޣީ އާއި، ޑރ. އަބްދުއްސައްތާރު ފަތުހުﷲ ސަޢީދާއި ޑރ. މުޙައްމަދު ސުލައިމާނުލްއަޝްޤަރާއި ޑރ. ވަހުބާ އައްޒުޙައިލީ އާއި ޑރ. ސަޢުދުލްޢަނަޒީއާއި ފަޟީލަތުއްޝައިޚު ޢަބްދުﷲ މުނީޢު ހިމެނިވަޑައިގަންނަވަ އެވެ. އަދި މި ރައުޔަކީ މުސްލިމު ވޯލްޑް ލީގްގެ އިސްލާމީ ފިޤުހު އެކަޑަމީގެ ޤަރާރުގައި ވާ ގޮތް ވެސް މެއެވެ.
އެ ޤަރާރުގައިވެއެވެ. "ޑީއެންއޭ ތަޙުލީލުގެ ނަތީޖާގެ މައްޗަށް ބުރަވެ، ނަސަބު ނަފީކުރުމަކީ ޝަރުޢީ ގޮތުން ހުއްދަވެގެންވާ ކަމެއްނޫނެވެ" (މުސްލިމު ވޯލްޑް ލީގް، އިސްލާމީ ފިޤުހު އެކަޑަމީ، ޑީއެންއޭއާ ގުޅޭ ހަތްވަނަ ޤަރާރު، މައްކާ، 2002/01/10)
(ށ) ދެވަނަ ރައުޔުގެ ބޭފުޅުން ދެކެވަޑައިގަންނަވަނީ އަނބިމީހާ ބަލިވެ އިނީ އޭނާގެ ދަރިއަކަށް ނޫންކަމަށް ފިރިމީހާއަށް ޔަޤީން ކުރެވޭ ނަމަ، ލިޢާން ނުކުރި ކަމުގައި ވިޔަސް ޑީއެންއޭގެ ތަޙުލީލުން ފުދޭނެ ކަމުގަ އެވެ. މި ރައުޔަށް ބުރަވެވަޑައިގަންނަވަނީ ތޫނިސްގެ ކުރީގެ މުފްތީ މުޙައްމަދު އަލްމުޚްތާރު އެވެ. ޙުސްނީ މަޙްމޫދު، އަބްދުއްދާއިމް ( 2007، 798)
(ނ) ތިންވަނަ ރައުޔުގެ ބޭފުޅުން ބުރަވެލައްވާގޮތުގައި ލިޢާން ކުރިކަމުގައި ވިޔަސް، ޑީއެންއޭގެ ތަޙުލީލުގައި އެ ކުއްޖާއަކީ ފިރިމީހާގެ ދަރިއެއްކަން ކަށަވަރުވާ ނަމަ އެކުއްޖާގެ ނަސަބު ޝަރުޢީ ގޮތުން ނަފީ ނުވާނެ ކަމުގަ އެވެ. މިއީ މިޞްރުގެ ކުރީގެ މުފްތީ ޑރ. ނަޞްރު ފަރީދު ވާޞިލްގެ ރައުޔެވެ. (ނަޞްރު ފަރީދު،2002، 30).
(ރ) ހަތަރުވަނަ ރައުޔުގައި ވާގޮތުން ޑީއެންޢޭގެ ޞައްޙަ ތަޙުލީލަކުން ކަށަވަރުކަމާއެކު އެކުއްޖާއަކީ ފިރިމީހާގެ ދަރިއެއް ނޫންކަން ބަޔާންކުރާ ނަމަ ކޮންމެހެން ލިޢާން ކުރުމުގެ ބޭނުމެއް ނެތެވެ. އެހިސާބުން އެކުއްޖާގެ ނަސަބު ނަފީ ކުރެވުނީ އެވެ. ނަމަވެސް މިފަދަ ޙާލަތުގައި ލިޢާންކޮށް، ނަފްސު ދިފާޢު ކުރުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެން ވެއެވެ. އެއީ އެ ދަރިއަކީ ޝުބުހައެއް އޮތް ޖިންސީ ގުޅުމަކުން އުފަންވީ ކުއްޖަކަށް ވެދާނެކަމުގެ އިޙުތިމާލު އޮތުމުންނެވެ. އަދި ފިރިމީހާ ދަރި ނަފީކުރާއިރު، ޑީއެންއޭގެ ކަށަވަރު ތަޙުލީލަކުން އެއީ އޭނާގެ ކުއްޖެއްކަމުގައި ހާމަވެއްޖެ ނަމަ އޭނާއަކީ ދޮގުވެރިއެއްކަން ހާމަވީ އެވެ. އެ ޙާލަތުގައި އޭނާގެ ގައިގައި ޤަޛުފުގެ ޙައްދު ޖަހަންޖެހޭނެ ކަމުގައި ވެސް މި ރައުޔުގެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ. ( ސަޢުދުއްދީން ހިލާލީ ،2001 ، 351)
ދަލީލުތަކަށް ނަޒަރު ހިންގާލުން
ޝަރުޢީ ހަމަތަކުގެ މަތިން ދަރި ނަފީކުރުމަށް ޑީއެންއޭ ހެދުން ހުއްދަ ނޫންކަމުގައި ވިދާޅުވެފައިވާ ބޭފުޅުން ޤުރުއާނާއި ސުންނަތާއި ޤިޔާސްއާއި ބުއްދީގެ ދަލީލުތަކުން ޙުއްޖަތް ދައްކަވައެވެ. ޤުރުއާނުން ގެންނަވާފައިވާ ދަލީލަކީ އައްނޫރު ސޫރަތުގެ (6-9 ) ލިޢާންކުރުމުގެ ޙުކުމް ބަޔާންވެގެންވާ އާޔަތްތަކެވެ. ( وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الصَّادِقِينَ ﴿٦﴾ وَالْخَامِسَةُ أَنَّ لَعْنَتَ اللَّـهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ ﴿٧﴾ وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ ﴿٨﴾ وَالْخَامِسَةَ أَنَّ غَضَبَ اللَّـهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ ﴿٩﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّـهَ تَوَّابٌ حَكِيمٌ ﴿١٠﴾ "އަދި އެއުރެންގެ އަމިއްލަ نفس ތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذف ކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، ﷲ ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުއްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، ﷲ ގެ لعنة އޭނާގެ މައްޗަށް ހުރި ކަމަށެވެ. ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް ﷲ ގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން عقوبات (އެބަހީ: حد ޖެހުން) ކެނޑޭނެތެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، ﷲ ގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރިކަމަށެވެ. އަދި ﷲ ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމައެވެ. (އެބަހީ: އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، ތިޔަބައިމީހުން فضيحة ކުރައްވައި ހަލާކުކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ، حكيم ވަންތަ ރަސްކަލާނގެއެވެ."
މި އާޔަތްތަކުން ދޭހަކޮށްދެނީ ދަރި ނަފީކުރުމުގައި އިތުރު ހެކިންތަކެއް ނެތް ޙާލަތުގައި ފިރިންނަށް އޮތް ގޮތަކީ ލިޢާންކުރުން ކަމުގައެވެ. ލިޢާން ކުރުމުގައި ޤަޠުޢީ ގޮތުން ޙުމެއް މާތް ﷲގެ ފޮތުގައި ބަޔާންވެގެންވާއިރު އެއިގެ ތެރެއަށް ޑީއެންއޭ ތަޙުލީލު ވެއްދުމަކީ މި ރައުޔުގެ ބޭފުޅުން ދެކިލައްވާގޮތުގައި އިތުރުކުރުމެވެ. އެ ފަދަ އިތުރުކުރުމެއް ޞައްޙައެއް ނުވާނެއެވެ. ޙުސްނީ މަޙްމޫދު، ( 2007، 798-799).
ދެވަނަ ދަލީލަކަށް މި ރައުޔުގެ ބޭފުޅުން ގެންނަވާފައިވަނީ ކީރިތި ރަސޫލާގެ ޙަދީސްފުޅެކެވެ. އެ ޙަދީސްގައިވަނީ " ދަރިލައްވާނީ ތަންމައްޗަށެވެ." މި ޙަދީސުން ދިލާލަތު ކޮށްދެނީ، ފިރިމީހާގެ ތުހުމަތަކީ ތެދު ތުހުމަތެއްކަމުގައި އަނބިމީހާ އިޤުރާރުވެއްޖެ ޙާލަތެއްގައި އަނބިހީމާއަށް އަދަބު ދެވޭނެކަމާއި އޭނާގެ ދަރި ލައްވާނީ ތައްމައްޗަށް ކަމުގައެވެ. އޭނާ އިޤުރާރު ނުވެއްޖެ ނަމަ ދަރި ނަފީ ކުރުމަށް އޮތް ޙައްލަކީ ލިޢާން ކުރުންކަމެވެ. (އައްސުބައްޔިލް،2002، 29).
ތިންވަނަ ދަލީލެއްގެ ގޮތުގައި ގެންނަވާފައިވަނީ ޤިޔާސްގެ ދަލީލެވެ. ޑީއެންއޭ ޤިޔާސް ކުރެވެނީ ޤިޔާފާއެވެ. ޤިޔާފާއަކީ ފެންނަން ހުރި ޢަލާމާތްތަކާއި ސިފައާއި ވައްތަރު ކަމަށް ބަލައިގެން އިހުޒަމާނުގައި ނަސަބު ކިޔައިދީ އުޅުނު އުޅުމަށް ބޭނުންކުރެވޭ އިޞްޠިލާޙެކެވެ. ކުލައާއި ވައްތަރު ކަމަށް ބައްލަވައިގެން ނަސަބެއް ނަފީކޮށްފައިވާ ކަމެއް އެނގޭ ކަން ނެތެވެ. ( އަލްމައިމާން، 2002، 618).
ނަސަބު ނަފީ ކުރުމުގެ ތެރެއަށް ޑީއެންއޭގެ ތަޙުލީލު ވައްދަން ނުޖެހޭ ކަމަށް ވިދާޅުވާ ބޭފުޅުން ބުއްދީގެ ދަލީލުންވެސް ޙުއްޖަތް ދައްކަވައެވެ. އެބޭފުޅުން ވިދާޅުވަނީ އިސްލާމީ ޝަރީޢަތުގެ މަޤުޞަދަކީ ޠާހިރު ކަން މަތީގައި ނަސަބު ދެމިއޮތުމެވެ. އެއިގެ ތެރެއަށް ޝައްކާއި ވަހުމު ވަނުމަށް ފުރުޞަތު ނުދިނުމެވެ. ނަސަބެއް ނަފީ ކުރުމަށް ޝަރުޢުގައި ފުރުޞަތު ދީފައި އޮންނަނީ ދެން އެހެން އެއްވެސް ގޮތެއް ނޯންނަ ޙާލަތުގައެވެ. ޑީއެންއޭ ތަޙުލީލުން ނަޞަބުތައް ނަފީކުރުމަށް ޖާގަ ހުޅުވައިލައިފި ނަމަ މިކަމުގައި ޝަރީޢަތުން ލައްވާފައިވާ ނިޒާމަށް އަސަރު ކުރާނެއެވެ. އަދި ނަސަބު ނަފީ ކުރުމުގައި ޑީއެންއޭއަކީ ޤަޠުޢީ ޙުއްޖަތެއްކަމުގައި ކަނޑައަޅައިފި ނަމަ ގިނަ ބަޔަކު އޭގެ ތަޙުލީލު ހެދުމަށް އަވަސް ވެގަންނާނެއެވެ. އެހެންކަމުން އެކަމުގެ ދޮރު އެގޮތަށް ހުޅުވާލުން ބުއްދިވެރި ނޫންކަމުގައި ވެސް ވިދާޅުވެފައިވެއެވެ. ( ޤުއްރާ ދާޣީ،2002، 25).
ދަރި ނަފީކުރުމުގައި ޑީއެންއޭ އަކީ މުޢުތަބަރު ވަސީލަތެއްކަމުގައި ވިދާޅުވާ ބޭފުޅުން ވެސް ޤުރުއާނާއި ޤިޔާސުން ދަލީލުތައް ގެންނަވާފައިވެއެވެ. ޤުރުއާނުން ގެންނަވާފައިވަނީ އަންނޫރު ސޫރަތުގައިވާ އާޔަތްތަކެވެ. (وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الصَّادِقِينَ ﴿٦﴾ وَالْخَامِسَةُ أَنَّ لَعْنَتَ اللَّـهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ ﴿٧﴾ وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ ﴿٨﴾ وَالْخَامِسَةَ أَنَّ غَضَبَ اللَّـهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ ﴿٩﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّـهَ تَوَّابٌ حَكِيمٌ ﴿١٠﴾ " އަދި އެއުރެންގެ އަމިއްލަ نفس ތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذف ކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّه ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ لعنة އޭނާގެ މައްޗަށް ހުރިކަމަށެވެ. ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّه ގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން عقوبات (އެބަހީ: حد ޖެހުން) ކެނޑޭނެތެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރިކަމަށެވެ. އަދި اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމައެވެ. (އެބަހީ: އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، ތިޔަބައިމީހުން فضيحة ކުރައްވައި ހަލާކުކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ، حكيم ވަންތަ ރަސްކަލާނގެއެވެ."
މި ދަލީލަކީ ޑީއެންއޭ އަކީ މުޢުތަބަރު އެއްޗެއް ނޫންކަމަށް ވިދާޅުވާ ބޭފުޅުންގެ ވެސް ދަލީލެވެ. ނަމަވެސް ޑީއެންއޭ އަކީ މުޢުތަބަރު އެއްޗެއްކަމުގައި އެ ދަލީލުން ދިލާލަތު ކޮށްދޭ ގޮތަކީ ކޮބައިތޯއެވެ؟ އާދެ، މި ބޭފުޅުން ވިދާޅުވަނީ އެ އާޔަތުގައި އެ ވަނީ ފިރިމީހާއަށް ކޮޅަށް ބާރު ލިބޭ ގޮތައް ހެކި ދޭނެ އިތުރު ބަޔަކު ނެތިއްޖެ ޙާލަތުގައި ލިޢާން ކުރަންޖެހޭ ވާހަކަ އެވެ. ޑީއެންއޭ އަކީ އިތުރު ހެއްކެކެވެ. މިފަދަ ކަށަވަރު ހެއްކެއްވާ އިރު، ކޮންމެހެން ލިޢާންކުރާކަން ނުޖެހޭނެކަމާއި އެ ހިސާބުން ނަސަބު ނަފީވި ކަމަށް ޝަރުޢީ ގޮތުން ކަނޑައެޅިދާނެކަމުގައެވެ. އާޔަތްތަކުގައި ނަސަބު ނަފީ ކުރުމުގެ ވާހަކައެއް ނެތެވެ. އޮތީ ލިޢާން ކުރުމުން ޢުޤޫބާތުން ( ޙައްދުން ) ސަލާމަތް ވާ ވާހަކައެވެ. ވީމާ ލިޢާން ކުރިޔަސް، ޑީއެންއޭ އިން އެކުއްޖާއަކީ ފިރިމީހާގެ ކުއްޖެއްކަން ސާބިތުވާނަމަ، އެކުއްޖާގެ ނަސަބު ނަފީއެއް ނުވާނެކަމުގައި ވިދާޅުވެފައިވެއެވެ. (ހިލާލީ،2001، 21،).
ޑީއެންއޭ އަކީ މުޢުތަބަރު އެއްޗެއްކަމުގައި ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި ފިރިމީހާގެ މަޤުޞަދަކީ އަނބިމީހާ ބަދުނާމުކޮށްލުން ކަމުގައިވުމުގެ އިޙުތިމާލް އޮވެދާނެކަމުގައެވެ. އެފަދަ ޙާލަތުގައި ޑީއެންއޭ އަކީ ޙަޤީޤަތް ހާމަކޮށްދޭނެ ވަސީލަތެވެ.
މައްސަލައިގައި ރާޖިޙުގޮތް
ނަސަބު ނަފީކުރުމުގައި ޑީއެންއޭއަކީ ލިޢާން ފިޔަވައި މުޢުތަބަރު ވަސީލަތަކަށް ވުމާމެދު ޢިލްމުވެރިންގެ މެދުގައި އޮތް ބަހުޘަށް ނަޒަރު ހިންގައި، ދަލީލުތައް ބެލުމަށް ފަހު، އަޅުގަނޑުގެ ނަޒަރުގައި މިކަމުގައި އޮތް ރާޖިޙު ރައުޔަކީ ލިޢާންކުރުމާއި ނަސަބު ނަފީކުރުމުގެ ތެރެއަށް ޤަޠުޢީ އަދި ޡައްނީ ޤަރީއެއްގެ ގޮތުގައި ވެސް ޑީއެންއޭ ވެއްދުމަކީ ރަނގަޅު ގޮތެއްނޫންކަމެވެ. މިއީ މުސްލިމް ވޯލްޑް ލީގްގެ އިސްލާމީ ފިޤުހު އެކަޑެމީގެ ޤަރާރުގައި ވެސް ވާގޮތެވެ. މިގޮތައް އަޅުގަނޑަށް ފެންނަ މުހިންމު ސަބަބުތައް ދަންނަވާލާނަމެވެ.
- ޑީއެންއޭއަކީ ނަސަބު ނަފީ ކުރުމުގައި މުޢުތަބަރު ވަސީލަތެއް ނޫންކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ޙުއްޖަތްތައް އަޅުގަނޑުގެ ނަޒަރުގައި ވަރުގަދަ ވުމެވެ. ޑީއެންއޭ އަކީ ނަސަބު ނަފީ ކުރުމުގައި މުޢުތަބަރު އެއްޗެއްކަމުގައި ވިދާޅުވާ ބޭފުޅުން ޑީއެންއޭ އާ ޤިޔާސްކުރަނީ "ހެކި ދޭ ހެކިވެރިޔާއާއެވެ. " މިޤިޔާސަކީ އަޅުގަނޑުގެ ނަޒަރުގައި ފާސިދު ޤިޔާސެކެވެ. އެހެނީ ހެކިވެރިޔާ ނުވަތަ ހެކި ވެރިން ހެކި ވެރިންނަށް ވަނީ ވަކި ޝަރުޠު ތަކެއް ޝަރުޢީ ގޮތުން ފުރިހަމަ ވުމުންނެވެ. ނަމަވެސް އާޔަތުގައި (شُهَداَء، ހެކި ބަސްދޭ ހެކިވެރިން،) ލަފްޒުގެ ބަދަލުގައި ( بَيّنَة- ހެކި) މި ލަފްޒު އައިސްފައިވާ ނަމަ އެބޭފުޅުންގެ ބަސް ޤަބޫލު ކުރެވިދާނެއެވެ. އެ ގޮތައް އާޔަތުގައި ނެތުމުން ބުރަވެވޭނީ ޑީއެންއޭ އަކީ ޝަރުޢީ ގޮތުން ނަސަބު ނަފީ ކުރެވޭނެ ވަރުގެ ބުރަދަނެއް ހުރެ، އަދި ހެކިވެރިންގެ ހެކިބަހާ އެއްވަރުގެ ޤަޠުޢީ ޙުއްޖަތެއް ނޫންކަމުގައެވެ.
- ޝަރީޢަތުގެ މަޤުޞަދަކީ ނަސަބުގެ ކަންކަމުގައި ލައްވާފައިވާ ނިޒާމު ދެމެހެއްޓުމެވެ. އެއިގެ ތެރެއަށް އިތުރު ކަންކަން ވަންނަން ވެއްޖެ ނަމަ ޝަރުޢުގައި ކަނޑައަޅުއްވާފައިވާ މަތިވެރި ޙިކުމަތްތެރި ނިޒާމު ގެއްލިދާނެއެވެ. ލިޢާން ކުރުންވަނީ ޚާއްޞަ ނާދިރު ޙާލަތުގައެވެ. ލިޔާންގެ ޙުކުމް ބަޔާންކުރި އާޔަތްތައް ނިންމަވާލައްވަމުން މާތް ﷲ ވަޙީކުރައްވާފައިވަނީ އެކަލާނގެ އީ ޙިކުމަތްވަންތަ ރަސްކަލާނގެ ކަމުގައެވެ. އެހެންކަމުން ދޭހަވަނީ ލިޢާނު ކުރުމުގައި އިންސާނުންނަށް ބުއްދިއަށް ތަޞައްވުރު ނުކުރެވޭ މަތިވެރި ޙިކުމަތްތަކެއް ވެދާނެކަމެވެ.
- ލިޢާންކުރުމަކީ ޤުރުއާނާއި ސުންނަތާއި އިޖުމާޢުން ސާބިތުވާ މަތިވެރި ޙުކުމެކެވެ. އެ ޙުކުމް ޤާއިމު ކުރުމަކީ އަޅުކަމެކެވެ. އެ ޙުކުމް އުވާލުމާއި އެ ޙުކުމްގެ ބަދަލުގައި އެހެން ގޮތެއް ޚިޔާރު ކުރުމަކީ ހުއްދަވާނެ ކަމެއްނޫނެވެ.
- ޑީއެންއޭއިން ޙަޤީޤަތް ހާމަވިޔަސް އެއިގެ މައްޗަށް ޝަރުޢީ ގޮތުން ވަކި ކަންކަމެއް ތަރުތީބު ވެގެން ނުދާނެކަމަށް ޖުމުހޫރު ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ނަމަވެސް ލިޢާންއަކީ އެއިގެ މައްޗަށް ވަކި ކަންކަމެއް ތަރުތީބު ވެގެންދާ ކަމެކެވެ. ކައިވެނި ރޫޅުމާއި ޙައްދުން ސަލާމަތްވުމާއި ދަރީގެ ނަސަބު ނަފީ ވުން ފަދަ ކަންކަމެވެ.
- ލިޢާންގެ ބަދަލުގައި ނަސަބު ނަފީ ކުރުމަށްޓަކައި ޑީއެންއޭ ބޭނުންކުރުން ހުއްދަ ކަމަށް ބުނާ ނަމަ، އެއީ ޝަރުޢީ ހުކުމެއް ތަޢުޠީލު ކޮށްލުމެވެ. ( ހުއްޓުވާލުމެވެ) އެއީ ހުއްދަވާނެ ކަމެއްނޫނެވެ. އެއީ ޝަރީޢަތުގެ މަޤުޞަދުތަކާ ފުށުއަރާ ކަމެކެވެ.
- ޑީއެންއޭ އަކީ އޭގެ ޒާތުގައި ކަށަވަރު ތެދު އެއްޗެއްކަމުގައި ވީ ނަމަވެސް، އެ ތަޙުލީލު ކުރެވޭ ގޮތަކުން ނުވަތަ އެހެން ވެސް ނުފޫޒަކުން އެއިގެ ނަތީޖާއަށް ބަދަލު ގެނެވިދާނެ ، ނުވަތަ ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ ޙާލަތްތަކެއް އަތުވެދާނެކަމުގެ އިޙުތިމާލު އޮތުމުން ނަސަބު ނަފީ ކުރުން ފަދަ ޙައްސާސްކަމެއްގައި އެއިގެ މައްޗަށް ބުރަވުމަކީ ޙިކުމަތްތެރި ގޮތެއްނޫނެވެ.
- ލިޢާންގެ ޙިކުމަކީ ދެމަފިރިންގެ އަނބުރު ޙިމާޔަތްކޮށް، ކުށްކުރި މީހާ ފަޟީޙަތް ނުވެ އަދި އެދެމީހުން ވެސް އަދަބުން ސަލާމަތްކޮށް އެމީހުންގެ ކަންކަން އާޚިރަތަށް ދޫކޮށްލުމެވެ. އެދެމީހުންގެ ތެރެއިން ދޮގުވެރިޔަކީ ކާކުކަން ދެނެވޮޑިގެންވާ މާތް ﷲ އެވެ. މިހެން މިކަން އޮއްވާ އެ ދޭތެރެއަށް ޑީއެންއޭ ވަދެއްޖެ ނަމަ، މިސާލަކަށް ފިރިމީހާގެ ތުހުމަތަކީ ތެދު ތުހުމަތެއްކަން ޑީއެންއޭ އިން ކަށަވަރު ވެއްޖެ ނަމަ އަންހެން މީހާ ފަޟީޙަތްވީއެވެ. އަދި އޭނާއަކީ ޒިނޭ ކުރާ މީހެއްކަމުގައި އެންމެނަށް ހާމަވީއެވެ. މިހެންކަމުން ލިޢާންގެ ޙުކުމް އޮތް ގޮތަށް ދަމަހައްޓަން ޖެހެއެވެ.
މި މައުޟޫޢަކީ އަދިވެސް ޢިލްމީ ގޮތުން ގިނަ ބަޙުޘް ހިނގަމުންދާ މައުޟޫޢެކެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. އަޅުގަނޑުގެ ނަޒަރުގައި އެންމެ ޙިކުމަތްތެރި ގޮތަކީ ޝަރުޢުގެ ޤަޠުޢީ ޙުކުމްތައް އުނިއިތުރެއް ނުގެނެސް ހުރި ގޮތައް ދެމެހެއްޓުމެވެ. ޝަރުޢީ ގޮތުން ނަސަބު ނަފީ ކުރުމުގައި ޑީއެންއޭ ބޭނުން ކުރުން ހުއްދަވުމާމެދު ފިޤުހުވެރިންގެ މެދުގައި ޚިލާފު ހުއްޓަސް، ޑީއެންއޭ ބޭނުން ކުރުން ހުއްދަ ގިނަ ދާއިރާތަކެއްގެ މައްޗަށް އެބޭފުޅުން އެއްބަސްވެވަޑައިގެންފައިވެއެވެ. އެއިގެ ނަސަބު ސާބިތު ކުރުމުގެ ބައެއް ޙާލަތްތަކާއި ޖިނާއީ ކުށްތަކުގައި ޤަރީނާއެއްގެ ގޮތުން ބޭނުންކުރުން ހިމެނެއެވެ. އެ ކަންކަން ކުރީގެ މަޒްމޫނުގައި ބަޔާންވެ ހިނގައްޖެއެވެ.