ހަބަރު

އިދާރާއެއް އުފައްދައި އުވާލުމުގެ ބާރެއް ސުޕްރީމް ކޯޓަށް ނެތް: ހައިކޯޓު

ވަކިވަކި އިދާރާތައް އުފައްދައި އުވާލުމުގެ ބާރެއް ސުޕްރީމް ކޯޓަށް ވެސް ލިބިގެން ނުވާ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ. ހައިކޯޓުން އެގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުގެ މުވައްޒަފުންތަކެއް ވަކިކުރި މައްސަލާގައި އިއްވާފައިވާ ހުކުމްގަ އެވެ.

ހައިކޯޓުން ބަލާފައިވަނީ ސުޕްރީމް ކޯޓުގެ އެޑްމިން ޑިޕާޓްމެންޓްގައި މަސައްކަތް ކުރި ދެ މުވައްޒަފަކު، ސުޕްރީމް ކޯޓުގެ ދަށުން ހިންގި ޖުޑިޝަލް ޓްރެއިނިން ސެންޓަރަށް ބަދަލުކުރުމަށްފަހު އެ ޓްރެއިން ސެންޓަރު އުވާލައި އެ ދެ މުވައްޒަފުން ވަކިކުރި މައްސަލަ އެވެ. އެ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ވަނީ ދެ މުވައްޒަފުން ވަކިކުރީ ރަނގަޅަށް ކަމަށް ކަނޑައަޅާފަ އެވެ.

ދެ މުވައްޒަފުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން އިއްވާފައިވާ ހުކުމްގައި ބުނެފައިވަނީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމާއި އެއީ ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި ޝަރުއީ ދާއިރާ ކަމަށެވެ. މި ތިން ބާރަކީ މުސްތަގިއްލު ތިން ބާރު ކަމަށްވީ ނަމަވެސް އޮތީ އެއް ބާރު އަނެއް ބާރުގެ މައްޗަށް ބަރޯސާވާ އުސޫލުން ކަމަށެވެ.

ތިން ބާރަކީ ވަކިވަކި "ސަރުކާރު"ތަކެއް ނޫން ކަމާއި އެ ތިން ބާރުން ވަކިވަކި އިދާރާތައް އުފައްދަން ވެއްޖެނަމަ ގާނޫނު އަސާސީގައި ބަޔާން ކުރާ "ޔުނިޓަރީ" ދައުލަތުގެ ސިފަ ގެއްލިގެން ދާނެ ކަމަށް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ޖުޑިޝަރީ ޓްރެއިން ސެންޓަރު އުވާލުމަށްފަހު، ޖުޑިޝަލް އެކަޑަމީގެ ނަމުގައި އިދާރާއެއް ހަދާފައިވީ ނަމަވެސް ގާނޫނު އަސާސީގައި ސުޕްރީމް ކޯޓަށް ދީފައިވާ ބާރުތަކުގެ ތެރޭގައި އިދާރާއެއް އުފެއްދުމުގެ ބާރު ނެތްކަން ހުކުމްގައި ފާހަގަކުރި އެވެ. އިދާރާއެއް އުފެއްދޭނީ ހަމައެކަނި، ގާނޫނަކުން ބާރު ލިބިގެން ކަމާއި ގާނޫނު ހަދާ ތަނަކީ ރައްޔިތުންގެ މަޖިލިސްކަން ފާހަގަކޮށްފައިވެ އެވެ.

ހުކުމްގައި ބުނި ގޮތުގައި މި މައްސަލާގައި ދައުލަތް ތަމްސީލް ކުރި ބަންޑާރަ ނައިބުގެ ފަރާތުން މިކަމަށް ވަކި ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް މިކަމަކީ މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ކަމަކަށްވާއިރު ބަންޑާރަ ނައިބުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ޖުޑިޝަލް އެކަޑަމީއަކީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ވަކިން ހިނގައި، ވަކި އިދާރާއެއް ކަމަށް ފާހަގަކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ދެ ފަރަރެއްގެ މަތިން އަމުރުތައް ނެރެ ޑީޖޭއޭ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމާއި އަދި ޖުޑިޝަލް އެކަޑަމީއަކީ ވެސް ސުޕްރީމް ކޯޓުގެ ރޫލިންއެއްގެ ދަށުން އުފެއްދި އިދާރާއެއް ކަމަށެވެ.

އެ ދެ އިދާރާ ވެސް އޮތީ ސުޕްރީމް ކޯޓުގެ ދަށުން ހިންގައި ސުޕްރީމް ކޯޓަށް ޖަވާބުދާރީވާން ޖެހޭ ގޮތަށްކަން ހުކުމްގައި ފާހަގަކޮށްފަ އެވެ. ކުރިން ހިންގަމުން ދިޔަ ޖުޑިޝަލް ޓްރެއިން ސެންޓަރަކީ ވެސް ޑީޖޭއޭގެ ދަށުން ހިންގަމުން ދިޔަ ތަނެކެވެ. އެހެންކަމުން އެތަނާ ގުޅިގެން ދާ ގޮތަށް އަލަށް އުފެއްދި ޖުޑިޝަލް އެކަޑަމީއަށް ކުރީގެ މުވައްޒަފުން ބަދަލުނުކޮށް އެ މުވައްޒަފުން ވަކިކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް ދައުލަތަށް ދެއްކިފައިިނުވާ ކަމަށް ހުކުމްގައިވެ އެވެ.

އެހެން ވެސް ގިނަ ގާނޫނީ ސަބަބުތައް ފާހަގަކޮށް ހުކުމްގައި ކަނޑައަޅާފައިވަނީ އެ މުވައްޒަފުން ވަކިކޮށްފައިވަނީ ފުރިހަމަ އިޖުރާއަތާ ނުލައި އަދުލުވެރި އުސޫލުން ނޫން ކަމަށެވެ. އެހެންވެ އެމީހުންނަށް އަލުން ވަޒީފާ ދިނުމަށާއި އެއީ ވަޒީފާއިން ވަކި ނުވާ ބައެއް ކަމަށް ކަނޑައަޅައި މިއަދާ ހަމައަށް ލިބެންޖެހޭ މުސާރަތައް ދިނުމަށް ވަނީ އަންގާފަ އެވެ.

މި މައްސަލާގެ ރިޔާސަތުގައި ބަލަހައްޓަވާފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު ސުޖާއު އުސްމާން އަދި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.