ހަބަރު

ދޫނިދޫ ޖަލު ތަޅާލުމުގެ މަސައްކަތް ފަށައިފި

ދޫނިދޫ ޖަލު ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ފައްޓަވައި ދެއްވީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ޖަލުތަކުގެ ހާލަތު ބަދަލު ކުރުމަށްޓަކައި އެތަނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި، ދޫނިދޫގައި ހުންނަ ބައެއް ކަސްޓޯޑިއަލް ފެސިލިޓީތައް ބޭނުން ނުކުރާ ތަންތަނުގެ ގޮތުގައި ނިންމާ އެތަން ތަޅާލުމުގެ މަސައްކަތް ފެށުމަކީ އުފާ ކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ޖަލުގެ ހާލަތު ދެނަގަތުމަށް ރައީސް ސޯލިހު އެކުލަވާލެއްވި ޖަލު ކޮމިޝަނުން މިދިޔަ އެޕްރީލް މަހު ނެރުނު ރިޕޯޓްގައި ދޫނިދޫ ޖަލު ބޭނުން ނުކުރަން އިރުޝާދު ދީފައި ވެއެވެ.

ދޫނިދޫ ޖަލު ތަޅާލުމަށްފަހު ކުރާ މަރާމާތުގެ ކަންކަން އަންނަ އަހަރުގެ ތެރޭގައި ނިމޭނެ އެވެ.