ހަބަރު

ޓެކްސީ ޑްރައިވަރުގެ މަރާ ގުޅިގެން ވެހިކަލްތައް ފާސްކުރަނީ

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މިރޭ މީހަކު މަރާލި މައްސަލައާއި ގުޅިގެން ވެހިކަލްތައް ބަލާ ފާސްކުރަން ފަށައިފި އެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ 59 އަހަރުގެ ޓެކްސީ ޑްރައިވަރެކެވެ. އޭނާއަށް ހަމަލާދިނުމުން އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން އެ ސަރަހައްދަށް ގޮސް އެމްބިއުލާންސްގަ އެވެ. އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާސިޔާ ސޯލިހު ވިދާޅުވި ގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެނައީ 9:20 ހާއިރު އެވެ. ގެނައިއިރު އޭނާގެ ކަރުގަ އާއި އަތުގައި ފުން ޒަހަމްތަކެއް ހުރި ކަމަށެވެ. ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް އޭނާ މަރުވެފައިވަނީ 9:51 ހާއިރު ކަމަށް އާސިޔާ ވިދާޅުވި އެވެ.

އެމީހާގެ މަރާއި ގުޅުގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި 59 އަހަރުގެ ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލާފައިވާ ކަމަށާއި، ފުލުހުން މިހާރު ގެންދަނީ ހުޅުމާލެއާއި، އެއާޕޯޓާއި، ދިމާލުން ވެހިކަލްތަކާއި މީހުންވެސް ބަލާ ފާސްކުރަމުން އަންނަ ކަމަށެވެ. އަދި ފޮރެންސިކްސްއާއި އެކު އެމައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، ހަމަލާދިން މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ފުލުހުންނާއި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި މީހާއަށް ހަމަލާދީފައިވަނީ ގުރޫޕަކުންނެވެ. ނަމަވެސް މި މާރާމާރީ ހިނގި ސަބަބެއް ސާފެއް ނުވެ އެވެ.