ހަބަރު

ގެއެއްގެ ޓެރަހުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މައްޗަންގޯޅި ގެއެއްގެ ޓެރަހުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މައްޗަންގޯޅި ގެއެއްގެ ޓެރެސް މަތީގައި ފިރިހެނަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:00 ހާއިރު ލިބުމާއިގުޅިގެން ފުލުހުން އެގެއަށް ދިޔައިރު އެމީހާގެ އަނގައިން ފޮނު އަރާފައި އޮތް ކަމަށެވެ.

ފުލުހުން ބުނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޓެރެސް މަތިން މިމީހާ ބާލައި ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މީހާ އަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫން ކަމަށާއި މި މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ މއ. ޓޮމާޓޯ ގޭގެ ޓެރެސް މަތީގައި އޮތް މީޙަކު ތިރިއަށް ބޭލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ފުލުހުން އަދި ރަސްމީކޮށް ނުބުނި ނަމަވެސް، އަވަސް އަށް އެނގިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައި އޮއްވާ ފެނުނީ އެ ގޭގައި ދިރިއުޅޭ މީހަކު އެއްޗިހި ހިއްކަން ޓެރަހަށް އަރާ އުޅެނިކޮށެވެ.

މިދުވަސްވަރު މާލޭގެ އެކި ސަރަހައްދުތަކުން މަސްތުގެ ހާލަތުގައި ބިތް ޖެހިފައި ތިބޭ މީހުންގެ ގިނަވެފައިވާ ކަމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ހަދަމުންދާ އިމާރާތްތަކާއި ގޭގޭގައި ހަދާފައި ހުންނަ ޓެރެސްފަދަ ތަންތަނަށް މަސްތުވާންވެގެން މީހުން އަރަމުންދާ މައްސަލަތައް ވަނީ ގިނަވެފަ އެވެ.