މައްޗަންގޯޅި ބުރު ކައިރީގައި ހުރި ޓޯމާޓޯ ގޭގެ ޓެރެސްމަތީގައި މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މައްޗަންގޯޅި ގެއެއްގެ ޓެރެސްމަތީ މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ އެހީތެރި ކަމާއެކު އޭނާ ތިރިއަށް ބާލައި ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަރުވެފައި އޮތް މީހަކީ ކާކުކަން ނޭނގޭތީ އޭނާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގައި ބާއްވާފަ އެވެ. ނަމަވެސް ފުލުހުން މިއަދު ބުނީ އެއީ ބަންގްލަދޭޝް ރައްޔިތެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. މިކަމާގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ދީފައިނުވާއިރު ފުލުހުން ބުނީ މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.
ޓޮމާޓޮ ގޭގެ ޓެރެސްމަތީގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މީހާގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނިފައިވަނީ އެގޭގައި ދިރިއުޅޭ މީހަކު އެއްޗިހި ހިއްކަން ޓެރެސްއަށް އަރައި އުޅެނިކޮށެވެ.
ފަހަކަށް އައިސް މަސްތުގެ ހާލުގައި ތިބޭ މީހުން މާލޭގެ މަގުމަތީގައި ގިނަވެފައިވާތީ އާންމުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ހަދަމުންދާ އިމާރާތްތަކަށާއި ގޭގޭގައި ހަދާފައި ހުންނަ ޓެރެސްފަދަ ތަންތަނަށް އެރުން އާންމުވެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.