ހަބަރު

ސަސްޕެންޝަންގައި ހުރި ހަސަންގެ މައްސަލަ އަވަސްކޮށްދޭން ސުޖާއު އެދިއްޖެ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑްކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަތައް އަވަސްކޮށް ދިނުމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނު އެދިވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި އިސް ފަނޑިޔާރު ސުޖާއު، ޖޭއެސްސީގައި އެގޮތަށް އެދިވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހު އެ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ފަށައި، އޭނާ މަގާމުން އެކަހެރިކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ފަނޑިޔާރު ހަސަންއާ ގުޅޭ ގޮތުން ދެތިން މައްސަލައެއް ޖޭއެސްސީއިން ބަލަ އެވެ.

އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ މައްސަލައަކީ އެ ކޮމިޝަނަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނުން ދެއްވި ބަޔާނަކާ ގުޅިގެން ބަލަން ނިންމި މައްސަލަ އެވެ.

ރިޔާސީ ކޮމިޝަނުން އާންމުކޮށްފައިވާ ރިލްވާން މައްސަލާގެ ތަހުގީގުގެ ހުލާސާ ރިޕޯޓްގައިވާ ގޮތުން ރިލްވާން ގެއްލުވާލައި އޭނާ މަރާލުމަށްފަހު އޭނާ ސީރިއާއަށް ފުރައިގެން ދިޔަކަން ބަޔަކު މަސައްކަތްކޮށްފައިވެ އެވެ. އަދި އެކަމަށް ދައުލަތުގެ މުއައްސަސާތަކުން ބައެއް ބޭފުޅުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ ބަޔަކު އުޅުނީ ރިލްވާން ސީރިއާއަށް ގޮސް ހަނގުރާމާގައި މަރުވީ ކަމަށް ދައްކުވާށެވެ.

އޭރު ހަސަން އަލީ ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގަ އެވެ. ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ރިލްވާންގެ ޕާސްޕޯޓެއް ހެދުމަށް ހަސަން އަލީ ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކަށް އިރުޝާދު ދެއްވާފައިވެ އެވެ. އޭނާ ފުލުހަށް ދީފައިވާ ބަޔާނާ ހަވާލާދީ، ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ދެ ފުލުހަކު ހަސަން އަލީއާ ބައްދަލުކުރީ ރިލްވާންގެ މައްސަލަ ނިމެން އެބަ ޖެހޭ ކަމަށް ބުނެ އެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްސަލާގެ ތަހުގީގު އަވަސް ކުރުމަށް އިސް ފަނޑިޔާރު ސުޖާއު އުސްމާނު އެދިވަޑައިގެންފައިވާއިރު، އޭނާއާ ގުޅޭ މައްސަލަތަކެއް ވެސް ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ. އިސް ފަނޑިޔާރަކީ ވެސް ތުހުމަތުތަކެއް އަމާޒުވެފައިވާ ފަނޑިޔާރެކެވެ.