ހަބަރު

މަރުގެ މައްސަލަތަކުގައި އަންހެނުންގެ ހެކިބަސް ގަބޫލު ކުރެވޭނެ: ހައިކޯޓު

މަރުގެ މައްސަލަތަކުގައި އަންހެނުންގެ ހެކި ބަސް ވެސް ގަބޫލު ކުރެވޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިގޮތަށް ކަނޑައެޅީ ވިލިމާލޭގައި 2011 ގައި ހިންގި މާރާމާރީއެއްގައި މަރުވި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލި މައްސަލާގައި އެކެއްގެ މަރުގެ ހުކުމް ދަމަހައްޓަން މިއަދު އިއްވި ހުކުމުގަ އެވެ. އެއީ ޏ. ފުވައްމުލަކު ޒާވިޔާ އަބްދުﷲ ނަޒީފުގެ ހުކުމެވެ.

މައްސަލަ ނަޒީފުގެ ފަރާތުން އިސްތިއުނާފުކޮށް ހައްދާއި މަރުގެ މައްސަލަތަކުގައި ކުށް ސާބިތު ކުރެވޭނީ ދެ ފިރިހެނެއްގެ ހެކި ބަހުން ކަމަށް އިސްލާމީ ޝަރީއަތުގައިވާ ބުނެފައިވާއިރު އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް އަންހެންގެ ހެކި ބަސް ގަބޫލު ކޮށްފައިވާ ކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ.

މިއަދު ހައިކޯޓުން އެކަމަށް ރިއާޔަތްކޮށް އިއްވި ހުކުމުގައި ބުނީ ޒިނޭ ފިޔަވައި އެހެން މައްސަލަތަކުގައި މަދުވެގެން ދެ ފިރިހެނުންގެ ހެކި ބަހުން ކުށް ސާބިތުވުމަކީ އިސްލާމީ ފިގުހުގެ އާންމު އުސޫލު ނަމަވެސް އެއީ ހިލާފެއް ނެތް އުސޫލެއް ނޫން ކަމަށެވެ. ބައެއް އިލްމުވެރިން ގަބޫލު ކުރާ ގޮތުގައި މަރުގެ މައްސަލަތަކުގައި ފިރިހެނަކާއި ދެ އަންހެނެއްގެ ހެކި ބަހުން ވެސް ކުށް ސާބިތު ކުރެވޭނެ ކަމަށެވެ.

މިހާރު އަމަލު ކުރާ ގާނޫނުގައިވާ ގޮތުން ގުރުއާނުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކި ބަސް ހަމަހަމަ އެވެ. ހުކުމްގައި ބުނީ ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގައި ވެސް ވާ ގޮތުން ފިރިހެނުންގެ އެކަނި ހެކި ބަހުން ސާބިތުވާނީ ޒިނޭގެ މައްސަލަތައް އެކަންޏެވެ. އެހެންވެ މަރުގެ މައްސަލަތައް ސާބިތު ކުރެވޭނީ ހަމައެކަނި ފިރިހެނުންގެ ހެކި ބަހުން ކަމަށް ނުބުނެވޭނެ ކަމަށެވެ.

ޒިނޭ ފިޔަވައި ހައްދާއި މަރުގެ މައްސަލަތަކުގައި ސާބިތުވާނީ ދެ ފިރިހެނުންގެ ހެކި ބަހުން ކަމަށް މުތުލަގަށް ބުނެވެން ނެތްއިރު، ގުރުއާނުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކި ބަސް ހަމަހަމަ ވާނެ ކަމަށް ގާނޫނުގައި ލިޔެފައި އޮތްއޮތުން އިސްލާމީ ފިގުހާ ހިލާފު ނުވާ ކަމަށް ހުކުމްގައިވެ އެވެ.

މީގެކުރިން ވެސް މަރުގެ މައްސަލަތަކުގައި އަންހެނުންގެ ހެކި ބަސް ބަލައިގެންފައި އެބަހުއްޓެވެ. ނަމަވެސް އެކަމާ ގުޅިގެން ވަކި ނިންމުމެއް މަތީ ކޯޓަކުން ނިންމާފައެއް ނުވެ އެވެ. އެހެންކަމުން މި ހުކުމްގެ މި އުސޫލު ވެގެން ދަނީ މިކަމުގައި އަމަލު ކުރަން ކަނޑައެޅި އުސޫލަށެވެ.

މި ހުކުމް އިއްވާފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.