ފުލުހުން ބަލަމުން ގެންދާ މައްސަލަތަތަކަކާ ގުޅިގެން ތަހުގީގަށް ހާޒިރުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަންގައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދަނީ ކޮން ތަހުގީގުތަކެއް ކަމެއް ސާފެއް ނުވެ އެވެ.
އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަން ފެށީ، މިހާރު އެމަނިކުފާނުގެ މައްޗަށް އޮތް ދައުވާއަކީ ސިޔާސީ ދައުވާއެއްކަން އިސްތިއުނާފު މަރުހަލާގައި ހައިކޯޓުގައި ގާއިމްކޮށް ދެވިފައިވާތީ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން އެސްއޯއެފްއަށް ލިބުނު ފައިސާތަކެއް އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގަ އެވެ. އެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް އެ ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެކި ބަސް ދެއްވި އެވެ.
ރައީސް ޔާމީންއާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބަލަމުން ދިޔަ އެވެ. އޭގެ ތެރޭގައި ބައެއް މަޝްރޫއުތަކަށް ލިބެންޖެހޭ ފައިސާ، އަމިއްލަ އެކައުންޓަށް ޖަމާވި މައްސަލަތަކެއް ވެސް ހިމެނެ އެވެ.
ފުލުހަށް ހާޒިރުވާން ރައީސް ޔާމީންއަށް އަންގާފައި އިއްޔެ ވީ ނަމަވެސް އެއީ ކޮން އިރަކު ކަމެއް ޑރ. ޖަމީލެއް ވިދާޅެއް ނުވެ އެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ މާފުށީ ޖަލުގަ އެވެ.