ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޮކްޑައުން އެކަމަކު މަގުތައް ފުރިއްޖެ

މާލޭ ސިޓީގައި ލޮކްޑައުން އިއުލާން ކޮށްފައިވީ ނަމަވެސް ގިނަ ބަޔަކު މާލޭގެ މަގުތައް މައްޗަށް ނުކުމެ ހެލިފެލިވާން ފަށައިފި އެވެ.

ގިނަ ބޮޑެތި މަގުތަކާއި ގޯޅިތަކުގައި ވެސް މިހާރު ގިނަ އަދަދަކަށް މީހުން އެބަ އުޅެ އެވެ. މީހުން ގޭތަކުން ނުކުންނަން ފެށީ މާލޭގެ ލޮކްޑައުން އިތުރު 24 ގަޑިއިރަށް އިތުރު ކުރުމާއެކު އެވެ.

ގިނަ މީހުން މަގު މައްޗަށް ނުކުތީ ފިހާރަތަކަށެވެ. ގިނަ ފިހާރަތައް ވެސް ބަންދު ބޯޑު އަޅުވައިގެން ދަނީ ވިޔަފާރި ކުރަމުންނެވެ. ބައެއް މީހުން ގެއެއް ބޭނުންވާ ސާމާނު ގަނެގެން އެނބުރި ގެއަށް ދިޔަސް އެއްވެސް ކަމެއް ނެތި މަގުމަތީ މަޑުކޮށްގެން ވެސް މީހުން އެބަ އުޅެ އެވެ.

މަގުމަތީ އުޅޭ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން ބުނީ މަގު މައްޗަށް ނުކުތީ ފިހާރަތަކުން ޑެލިވަރީ ނުލިބޭތީ ކަމަށެވެ. ގޭގައި ކާނެ އެއްޗެއް ނެތުމުން ކުރިއަށް އޮތް 24 ގަޑިއިރަށް ސާމާނު ގެއަށް ވެއްދުމަށް ކަމަށެވެ. ބަނޑަށް ޖެހުނީމަ ބޭރަށް ނުނިކުމެ ނުތިބެވޭނެ ކަމަށް ބައެއް މީހުން ބުނެ އެވެ.


އަނެއް ބައި މީހުން މަގުމަތީ އުޅެމުންދަނީ ފުލުހުންގެ ހުއްދައިގެ މެސެޖު ހޯދައިގެންނެވެ. އެއީ ޒާރޫރީ ބޭނުންތައް ފުއްދުމަށް ބޭރަށް ނުކުންނަން މަޖުބޫރުވެގެން ކަމަށް އެމީހުން ބުނެ އެވެ.

މީހުން މަގުތައް މައްޗަށް ނުކުމެ ސައިކަލްތަކާ އެއްޗެހި ދުއްވަމުންދާއިރު މަގުތައް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަނީ ވަރަށް މަދުންނެވެ.

މާލެ ލޮކްޑައުން ކޮށްފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް އިއްޔެ ފެނުމާ ގުޅިގެން އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. އެ މަސައްކަތް މިހާރު ވެސް ކުރަމުންދާއިރު 200 އަށްވުރެ ގިނަ މީހުން ވަނީ ފާހަގަ ކުރެވިފަ އެވެ.