ގެއްލުން ވަމުން ދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ ކުއާޓަރުގާއި ފައިދާ ލިބިފައި ވަނީ ހިންގުން ހަރުދަނާ ކުރުމުން ކަމަށް މެނޭޖިން ޑިރެކްޓަރު (އެމްޑީ) އާދަމް އާޒިމް ވިދާޅު ވެއްޖެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި (ފުރަތަމަ ތިން މަހު) އެމްޓީސީސީ އަށް ލިބުނު ސާފު ފައިދާއާ ބެހޭ ގޮތުން އެމްޑީ އާޒިމް އަވަސް އަށް މިއަދު ވިދާޅުވީ އެ ކުންފުންޏަށް ފައިދާ ލިބިފައި ވަނީ ހިންގުމަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު ހަވާލުވެ ފުރަތަމަ ބެލީ އެފިޝެންޓްކޮށް މަސައްކަތް ކުރަން، ހިންގުން ހަރުދަނާ ކުރަން. ހަރަދު ކުޑަކޮށް މަސައްކަތް ފުރިހަމައަށް ނިންމަން. އޭގެ ނަތީޖާ މި ފެނުނީ،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނިން ވަނީ ހަރަދު ބޮޑުތަނުން ކުޑަކޮށްފަ އެވެ. ހިންގުމުގެ ހަރަދު 40 މިލިއަން ރުފިޔާއިން 30 މިލިއަން ރުފިޔާއަށް ކުޑަ ކޮށްފައިވެ އެވެ. އަދި އެހެނިހެން ހަރަދުތައް ހަތް މިލިއަން ރުފިޔާއިން ހަތަރު މިލިއަން ރުފިޔާއަށް ވަނީ ދަށްކޮށްފަ އެވެ.
އޭނާ ވިދާޅުވީ އެމްޓީސީސީގެ ހަރަދު ކުޑަ ކުރަން ޖެނުއަރީ މަހު އޭނާ އެމްޑީގެ މަގާމަށް ހަވާލުވި ދުވަހުން ފެށިގެން މަސައްކަތް ކުރެއްވި ކަމަށެވެ.
"ކޮވިޑް-19 އައުމުގެ ކުރީމަ އަޅުގަނޑުމެން ހަރަދުތައް ކުޑަ ކުރަން ފަށައިފިން، މިއީވެސް ފައިދާ އިތުރުވުމުގެ ސަބަބެއް،" އާޒިމް ވިދާޅުވި އެވެ.
އަވަސް އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އާޒިމް ވަނީ މި އަހަރު ނިމޭއިރު ފައިދާ 150 މިލިއަން ރުފިޔާއަށް އިތުރު ކުރަން އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"ކޮވިޑް-19 ގެ ސަބަބުން ކޮންޓްރަކްޝަން މެޓީރިއަލް ހޯދުމުގައި ދަތިތަކެއް އެބަހުރި. އެހެން ނޫންނަމަ މި ކުއާޓަރުގައިވެސް ފައިދާ އިތުރު ވެގެންދާނެ،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއަކީ ކުއާޓަރެއްގައި މިފަހުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ފައިދާ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 40 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އަދި އެ އަހަރު އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ވެސް ފަހު ކުއާޓަރުގަ އެވެ. އެއީ 40 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 60 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެ އެވެ.