ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެންބަރުންނަށް ހުއްދަ ދިނުމަށް އެޗްޕީއޭގެ ޝަރުތުތަކެއް

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މެންބަރުން ތަޅުމަށް ވަޑައިގެންނެވުމުގެ ހުއްދަ ޝަރުތުތަކަކާއެކު ދޭން ފުލުހުންނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލަފާ ދީފި އެވެ.

މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި އެކަމަށް އުސޫލެއް ވަނީ ކަނޑައަޅުއްވާފަ އެވެ. ނަމަވެސް އެ ޖަލްސާ ބޭއްވުމަށް އެޗްޕީއޭގެ އެއްވެސް މަޝްވަރާއެއް އަދި ހުއްދައެއް މަޖިލީހުން ހޯދާފައިވާ ނުވާ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ބައެއް މަޖިލިސް މެންބަރުން ހުއްދައާ ނުލައި މަޖިލީހަށް ވަޑައިގެންނެވުމަށް ދެކޮޅު ހައްދަވާފަ އެވެ. އަދި އަނެއް ބައި މެންބަރުން ވަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މާދަމާ މަޖިލީހަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިލައްވާފަ އެވެ. އޭގެ ފަހުން ބައެއް މެންބަރުންނަށް ފުލުހުން ހުއްދަ ވެސް ދިނެވެ.

މިރޭ، ފުލުހުން މަޖިލީހުގެ ރައީސް ނަޝީދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މެންބަރުން ހުއްދައަށް އެދެމުންދާތީ، އެކަމުގައި އެޗްޕީއޭގެ ލަފާއަކަށް އެދިފައިވާ ކަމަށެވެ. އެޗްޕީއޭގެ ލަފާއަކީ ވަކި ކަންތައްތަކެއް މަޖިލީހުން ފުރިހަމަ ކުރުމުން މެންބަރުން މަޖިލީހަށް ވަޑައިގެންނެވުމުގެ ހުއްދަ، ފުލުހުން ދިނުމަށެވެ.

އެހެންވެ، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް، ސިޓީގައި ވަނީ އެ ކަންތައްތައް މަޖިލީހުން ކޮށްފައިވާކަން ކަށަވަރުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން މައިގަނޑު ހަތް ކަމެއް އެޗްޕީއޭއިން ޝަރުތުކޮށްފައިވާތީ އެކަންކަން ކުރުމަށް މަޖިލީހުގައި އެދިފައިވެ އެވެ.

އެޗްޕީއޭގެ އިރުޝާދުތައް

  • ޖަލްސާއަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ބަލައި، ހެން ނެތްކަން ކަށަވަރު ކުރުން
  • އަލާމާތް ހުރި އެއްވެސް މީގަކު ޖަލްސާއަށް ނުވެއްދުން
  • އެކަކު އަނެއްކަކާ ދެމެދު ތިން ފޫޓްގެ ދުރުމިން ބެހެއްޓުން
  • ސައިބޯނި ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން
  • މޭޒުމަތި، ތަޅު، ކީބޮޑު، މައުސް ފަދަ ތަކެތި ޑިސްއިންފެކްޓް ކުރުން
  • ކޮވިޑުން ރައްކާތެރިވުމުގެ އާންމު އިރުޝާތުތަކާ އެއްގޮތަށް އަމަލު ކުރުން
  • މީހުން އެއްވެ އެއްތަނަކަށް ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބޭއްވުން

މި ޝަރުތުތައް ކަނޑައަޅައި މެންބަރުން ހުއްދަ ދޭން އެޗްޕީއޭއިން ފުލުހުންގެ ކިބައިން އެދިފައިވީ ނަމަވެސް އެންމެ ރަނގަޅީ ކުރިން ވެސް އަމަލު ކުރަމުންދިޔަ ގޮތަށް އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދިޔުން ކަމަށް ވެސް އެޗްޕީއޭގެ ލަފާގައި ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ ޖަލްސާތައް އަލުން މާލަމުގައި ބާއްވަން ފަށާއިރު ޖަލްސާތައް ބާއްވާނީ ގައިދުރުމިން ހިމެނޭ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެ ގޮތުން މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެ އެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.

ނަމަވެސް، ލޮކްޑައުން ލުއި ކުރާ ހާލަތެއްގައި އަމަލު ކުރަންޖެހޭ އުސޫލެއް އެޗްޕީއޭއިން އަދި އާއްމު ކޮށްފައެއް ނުވެ އެވެ.

މިހާރު މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދޭނެ ލުއިތަކުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.