ވިޔަފާރި

ހާލަތު މެނޭޖު ކުރަން ފަސޭހަވީ، އަމިއްލަ ބޯޓުފަހަރު ހުރުމުން: އެސްޓީއޯ

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި އެސްޓީއޯއަށް އޮތް ދައުރު މެނޭޖު ކުރަން ފަސޭހަ ވެފައި ވަނީ މުދާ އުފުލާ އަމިއްލަ ބޯޓު ފަހަރު ކުންފުނީގައި ހުރުމުން ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ ފިއުލް، ލޮޖިސްޓިކް އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު ވަހީދު މޫސާ ވިދާޅުވީ މުދާ އުފުލޭނެ އަމިއްލަ ބޯޓު ފަހަރު ހުރުމަކީ މިފަދަ ހާލަތެއްގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ މުދާ ގެންނަން އެންމެ ބޮޑު ފަސޭހައަކަށްވި ސަބަބު ކަމަށެވެ.

"އަމިއްލަ ކޮންޓްރޯލެއް އޮތުމަކީ މިފަދަ ހާލަތެއްގައި އެންމެ ބޮޑު ފަސޭހަ. ކޮވިޑް-19 އާ ގުޅިގެން މެރިޓައިމް ދާއިރާގެ ގިނަ ބޯޓު ފަހަރުގެ ކްރޫން ސައިން އޮފް ކުރި. ބޭރުގެ ބަނދަރުތަކުގެ ރެގިއުލޭޝަންތައް ބަދަލުވި، ނަމަވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ އެރެބިއަން ސީއިން އަޅުގަނޑުމެންގެ އަމިއްލަ ބޯޓު ފަހަރުގައި ގެނެވުނީ އަމިއްލަ ބޯޓު ފަހަރު ހުރުމުން،" ޓީވީއެމްގެ ޕްރޮގްރާމެއްގައި ވަހީދު ވިދާޅުވި އެވެ.

އެސްޓީއޯ އިން ވަނީ ރާއްޖޭގައި އޮތް ބޭރުގެ ލޮޖިސްޓިކް ކެޕޭސިޓީ ދުއްވާލުމުގެ ގޮތުން ޝިޕިން ވިޔަފާރި އަށް ނުކުމެފަ އެވެ. އެގޮތުން މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) ގެ ނަމުގައި ކުންފުންޏެއް ވެސް އުފައްދާފައި ވެއެވެ.

އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރައްވާ، ވަހީދު ވިދާޅުވީ މި ހާލަތަކީ ޝިޕިން ވިޔަފާރި ފަށަން އެންމެ ރަނގަޅު ވަގުތަށް ނުވި ނަމަވެސް އެ އޮޕަރޭޝަން ގައުމަށް މުހިންމު ހިދުމަތަކަށްވި ކަމަށެވެ.

"މުދާ އުފުލާ ކެޕެސީޓީ ރާއްޖޭގައި މިވަނީ 40 ޕަސެންޓް ދަށްވެފައި. ނަމަވެސް ސްރީލަންކާ އިން ގެންނަން ޖެހުނު މެޑިކަލް ސާމާނާއި ބޭސް ވެސް އަވަހަށް ގެނެވުނީ މި ވިޔަފާރި އޮތުމުން. މީގެ އިތުރުން ވެސް އެހެން ދިމަދިމާލުން މުދާ ގެންނަން ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި ވިޔަފާރިި އޮންނަ ގޮތުން ވިޔަފާރި ރަނގަޅަށް ފެށެން މަދުވެގެން ހަ މަސް ނަގާނެ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން މުދާ އުފުލުމުގެ ހިދުމަތް ހުއްޓުނަ ނުދޭން ގިނަ ފިޔަވަޅު ތަކެއް އެޅި ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ފައިދާ ވާން ފަށާނެ. މިހާރު ވެސް ބޭރުގެ ލައިންތަކާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުން،" ވަހީދު ވިދާޅުވި އެވެ.