ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިމަމް ވޭޖް

މިހާރު މިނިމަމް ވޭޖް ގެނެސްފިނަމަ ވާނީކިހިނެއް؟

އެންމެ ކުޑަ އުޖޫރު ނުވަތަ "މިނިމަމް" ވޭޖު ކަނޑައެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެވެ. އެހެންވެ މި ވައުދު ފުއްދަން މަސައްކަތް ކުރާތާ ވެސް ދުވަސް ވެއްޖެ އެވެ. މިނިމަމް ވޭޖުގައި ހިފައިގެން އުޅެނިކޮށް، ކޮވިޑް-19 އިގެ ބަލާއާފާތާ ދުނިޔެ ކުރިމަތި ވެއްޖެ އެވެ. އަދި މާގިނަ ދުވަހެއް ނުވެ، ރާއްޖޭގެ ހަފޮޅުގެ ތެރެއަށް މި ބަލި ފުންމާލައި މުޅި އިގްތިސޯދުގެ "ކާލައިފި" އެވެ. އިގްތިސޯދު ހުއްޓި، ވިޔަފާރިތައް ބިކަ ވެއްޖެ އެވެ. އެހެންވެ މަސައްކަތްތެރިންގެ އުންމީދީ އެ ހުވަފެނުގައި ކުލަ ޖެހުން އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

މި ސުވާލު އޮތް އިރު ވެސް ސިޔާސީ ގޮތުން މީހުންގެ ލޮލުގައި އަނދުން އަޅުވަމުން ދެއެވެ. ކުރިން ބުނަމުން ދިޔައީ މިނިމަމް ވޭޖު ވެސް ގެންނަންވީ ހަމަ މިވަގުތު އެވެ. އެންމެ ރަނގަޅު ވަގުތަކީ ވެސް ހަމަ މި އެވެ. މިހާރުވެސް އެ ގޮތަށް ބުނަމުން އެބަދެ އެވެ.

މި ޒުވާބާ ހަމައަށް އައިއިރު، މިނިމަން ވޭޖު އެކުލަވާލަން ހެދި ބޯޑުގެ ލަފާ ވެސް އޮތީ ލިބިފަ އެވެ. އަދި އެންމެ ގިނަ މަސައްކަތްތެރިން އުޅޭ އިމާރާތުން ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ މަސީން އެކަމާ ދެކޮޅު ކަމަށް ވެސް ބުނެފި އެވެ. އެކަމަކު ވެސް ގަދަފައި ވިއްދާފައި ހަމަ ފާޑު ކިއީއެވެ. ފަހުން ސަރުކާރުން ވަނީ މިނިމަމް ވޭޖް ކަނޑައެޅުން ފަސްކުރަން ފެންނަ ކަމަށް ބުނެ، ހަތިޔާރު ބެހެއްޓީ އެވަގުތަށް އެހެން ގޮތެއް ނެތުމުންނެވެ.

ކޮވިޑް އަދި ފިލައިގެނެއް ނުދެ އެވެ. އިގްތިސޯދު އަދި ރަނގަޅެއް ނުވެއެވެ. އެކަމަކު މިހާރު ވެސް އަނެއްކާ ތެދުވެގެން އެބަ އުޅެ އެވެ. މިހާރު މިނިމަމް ވޭޖް ތައާރަފު ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ މިހާރު މިނިމަމް ވޭޖް ތައާރަފު ކޮށްފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟

"މިހާރު ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ވެސް އިގްތިސޯދަށް އަސަރު ކުރަމުންދާނެ. މި ގައުމަށް [ރާއްޖެ] އަށް މާ ބޮޑަށް އަސަރު ކުރާނެ. އަޅުގަނޑު އެދެން ސަރުކާރުން ވެސް، ރައްޔިތުންގެ މަޖިލީހުން ވެސް މިނިމަމް ވޭޖެއް އިމްޕްލިމެންޓް ކުރާ އިރު މި ހުރި ކަންތައްތަކަށް ރިއާޔަތް ކުރެއްވުން، އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން މިނިމަމް ވޭޖެއް ކަނޑައަޅާކަށް" މިނިމަމް ވޭޖް ކަނޑައެޅުމާބެހޭ ގޮތުން ސަރުކާރުން އެކުލަވާލި މިނިމަމް ވޭޖް ބޯޑުގެ ރައީސާ، މަރިޔަމް ހާލިދާ މި އަހަރުގެ މާޗް މަހު މަޖިލީހަށް ދިން ލަފާގައި ވިދާޅުވެފައިވެ އެވެ.

ވޭޖު ބޯޑުގެ ލަފާ ދިންއިރު، ރާއްޖެއިން ކޮވިޑް-19 ގެ ބަލި އަދި ނުފެނެ އެވެ. ނަމަވެސް އޭރު މި ބަލި ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުން ދިޔަ އެވެ. އޭރު ވޭޖު ބޯޑުގެ ލަފާއާ ހަމައިން މިއަދުގެ ހާލަތަށް ވިސްނާނަމަ މުޅި އިގްތިސޯދު މިވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ހާއްސަކޮށް އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ މިނިމަން ވޭޖުގެ ސަމުގާ ސަރުކާރުން އަނބުރާ ރިސޯޓު މުވައްޒަފުންނަށެވެ.

ރިސޯޓު މުވައްޒަފުންގެ ވަޒީފާތައް ގެއްލި ޓޫރިޒަމް ސެކްޓާ ހުއްޓިއްޖެ އެވެ. ރާއްޖެއަށް ޓޫރިޒަމް ސިނާއަތުން ސީދާކޮށް ތިން ބިލިއަން ޑޮލަރުގެ ކުރިން ލިބުނު ނަމަވެސް މިހާރުގެ ލަފައަކީ އަންނަ މަހު ބޯޑަރު ހުޅުވުނަސް ޓޫރިޒަމް 50 ޕަސެންޓް ދަށްވާނެ އެވެ. އެހެންވެ މުޅި ސިނާއަތް އޮތީ ހާލުގަ އެވެ. އެހެންވެ މި ވާހަކަ މިވަގުތަށް ނުދެއްކުން ބުއްދިވެރި ކަމަށް މާހިރުން ގަބޫލު ކުރައްވަ އެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާގައި ވާގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައަޅަން ޖެހެ އެވެ. އެއީ ގަޑިއިއަކަށް 30.77ރ. އެވެ، އަދި ޓޫރިސްޓު ރިސޯޓުތަކާއި ސަރުކާރު މުވައްޒަފުންގެ މިނިމަމް ވޭޖުގެ މިންގަނޑަކީ 6،400ރ. އާއި 8،600ރ. ކަމަށް ކަނޑައަޅަން ލަފާ ދިނެވެ.

މިވަރުގެ ބުރައެއް މިހާރު ރާއްޖެއަށް އުފުލިދާނެ ހެއްޔެވެ؟ މިކަމުން ޕްރައިވެޓް ސެކްޓާއަށް ވާނީ ކިހިނެއް ހެއްޔެވެ؟

އަމިއްލަ ވިޔަފާރިތައް ހަލާކުވާނެ

މި އަދަދު ތަކުން މިނިމަމް ވޭޖު ކަނޑައަޅައިފިނަމަ މިހާރު ވެސް ކިރިޔާ މުސާރަ ދެވޭ ޕްރައިވެޓް ސެކްޓާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްކޮށް ހުއްޓިގެން ދާނެ އެވެ.

ސަރުކާރުގެ ޕީއެސްއައިޕީގެ ބޮޑު ބައެއް މި އަހަރު ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، އިގްތިސޯދުގެ އިންޖީނަށް އަޅާ ތެލަކީ މި މަސައްކަތް ތަކުން އިގްތިސޯދަށް ފުރޭނިގެން އަންނަ ބައެވެ. މިބައިގެ އިންޖީނު އެއްކޮށް ހުއްޓިގެން ހިނގައްޖެނަމަ އިގްތިސޯދު އެއްކޮށް މަޑު ޖެހޭނެ އެވެ. އެހެންވެ މީގެ ބޮޑު އިމްޕެކްޓެއް ރަށްރަށުގެ ވިޔަފާރިތަކަށް ކުރާނެ އެވެ. ރަށްރަށުގެ ކުދި ވިޔަފާރި ތަކަށް ބަލާއިރު އެންމެ ދަށް އުޖޫރަ 6،000ރ. އަށްވުރެ ދަށެވެ.

އެހެންވެ އިގްތިސޯދީ ހަރަކާތްތައް ހުއްޓިފައިވާ ވަގުތެއްގައި މި ވިޔަފާރިތަކުގެ ކޭޝް ފްލޯއަށް އިތުރު ބުރައެއް އަންނަ ގޮތް ވެއްޖެނަމަ އެކަން ވެގެން ދާނީ ފޫބައްދަން ދަތި ގެއްލުމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ އެތައް ބަޔަކު އަނެއްކާ ވެސް ވަޒީފާ ނެތި މަގު މަތިވުމެވެ. ސަރުކާރުން ކިތަންމެ ވަރަކަށް "ރިލީފް" ދިނަސް މި އިންޖީނު އިސްޓާޓު ވާނީ ޓޫރިޒަމާއި ޕީއެސްއައިޕީ މަޝްރޫއުތައް ހިނގަން ފެށި ދުވަހަކުންނެވެ. މިނިމަމް ވޭޖު މި ދުވަސްވަރު ތައާރަފު ކޮށްފިނަމަ ޕްރައިވެޓް ސެކްޓާ އަށް ބޮޑު ގެއްލުމެއް ވެގެންދާނެ އެވެ.

ރިހޭ ފައި މައްޗަށް ފޮއި ވެއްޓޭނެ

ދެން އޮތީ ސަރުކާރުގެ ހާލަތެވެ. ޓޫރިޒަމް ދަށްވުމުގެ ސަބަބުން ކުރިން މި އަހަރު ލިބޭނެ ކަމަށް ލަފާކުރި 30 ބިލިއަން ރުފިޔާގެ އާމްދަނީ އިން 14.6 ބިލިއަން ރުފިޔާ މި އަހަރު ނުލިބޭނެ އެވެ. އެހެންވެ ސަރުކާރުން ދަނީ ނާށިގަނޑު ހިފައިގެން ދުނިޔެ ތެރެއަށް ނުކުމެ ސަލާން ޖަހަމުންނެވެ. އަނެއް ކޮޅުން މަރުކަޒީ ބޭންކުން ސަރުކާރުގެ ހަރަދު ފޫބައްދަން ހަތަރު ބިލިއަން ރުފިޔާގެ އޯވަޑްރޯއެއް ވެސް ވަނީ ނަގާފަ އެވެ.

މިފަދަ ހާލެއްގައި ސަރުކާރު އޮތްއިރު، މިނިމަމް ވޭޖަށް އިތުރުވާ ބައި ސަރުކާރު މުވައްޒަފުންނަށް ދޭން ޖެހިއްޖެނަމަ އެކަން ވެގެން ދާނީ ރިހެމުންދާ ބަލި ފައި މައްޗަށް ބަރު ފޮއި ވެއްޓުން ފަދަ ކަމަކަށެވެ. ސަބަބަކީ ސަރުކާރުގެ 44،838 މުވައްޒަފުންގެ ތެރެއިން 22،378 މުވައްޒަފުން (ގާތްގަނޑަކަށް 50 ޕަސެންޓް މުވައްޒަފުން) ގެ އަސާސީ މުސާރަ 6،400 އަށްވުރެ ދަަށްވުމެވެ. މިހެންވެ މިނިމަމް ވޭޖެއް ކަނޑައަޅައިފިނަމަ ސަރުކާރު މުވައްޒަފުންގެ މުސާރަ ދޭން ކުރަންޖެހޭ ހަރަދު 3.7 ބިލިއަން ރުފިޔާއަށް މަތި ވެގެން ދާނެ އެވެ.

މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މިނިމަމް ވޭޖު ކަނޑައަޅަން ފެންނަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ކުރިން ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް ދެވުނު ދުވަހަކުންނެވެ. އެ ހާލަތަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރު އެވެ. އަދި މިނިމަމް ވޭޖް ކަނޑައަޅައިފިނަމަ ސަރުކާރަށް އިތުރަށް ދެ ބިލިއަން ރުފިޔާ ބޭނުން ވާނެ އެވެ.

"މިނިމަމް ވޭޖް ކަނޑައެޅުމުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން، ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސޯދު ވެސް ދަށްވެފައި، އަޅުގަނޑުމެނަށް އެންމެ ޔަގީންކަމާއެކު ނޭނގެ [ދަންނަވަން] ކިހިނަކުން ކަމެއް އަޅުގަނޑުމެންގެ އިގްތިސާދު ބަދަލުވެގެން ދާނީއެއް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މީގެ މާނައަކީ ސަރުކާރުގެ މި ވައުދު މި އަހަރު ފުއްދުމަށް އޮތް ޗާންސް ކުޑަވުމެވެ.

ރާއްޖޭން ބޭރުވާ ޑޮލަރު އިތުރުވާނެ

މިނިމަމް ވޭޖު ބޯޑުން ފުރަތަމަ ލަފާ ދީފައި ވަނީ އަސާސީ މުސާރަ ކަނޑައަޅާއިރު، ބިދޭސީން ނުހިމަނާށެވެ. ނަމަވެސް މިއީ ދުނިޔޭގެ ވަޒީފާއާބެހޭ ގާނޫނުތަކާ ފުށުއަރާ ކަމެވެ. މިއީ އައިއެލްއޯ ފަދަ ޖަމިއްޔާ ތަކުން ރުޅި މޫނު ރާއްޖެއަށް ދައްކާނެ ކަމެވެ. މި ސަރުކާރަކީ ބޭރުގެ އެފަދަ ޖަމިއްޔާތައް ރުއްސައިގެން ހިންގާ ސަރުކާރެއް ކަމަށް ވެފައި ވުމުން އެ ބުރަވެސް އުފުލާން ޖެހޭނެ އެވެ.

ނަމަވެސް ފަހުން، ވޭޖު ބޯޑުން ބުނެފައިވަނީ ބިދޭސީން މިނިމަމް ވޭޖުގެ ތެރެއަށް ވެއްދުން އެއް އަހަރާއި ދެ އަހަރު ފަހަށް ފަސް ކުރާނީ އެވެ. އެއް އަހަރަކީ މިހާރުގެ ގެއްލުމުން ރާއްޖޭގެ އިގްތިސޯދު އަރައިގަންނަން ފަށާނެ މުއްދަތު ކަމަށް އިގްތިސޯދީ މާހިރުން ގަބޫލު ކުރައްވަ އެވެ. އެހެންވެ މި ދުވަސްވަރު ބިދޭސީން މިނިމަމް ވޭޖު ނެޓުގެ ތެރެއަށް ވައްދައިފިނަމަ ރާއްޖޭން ޑޮލަރު ބޭރުވާ އަދަދު އިތުރު ވެގެންދާނެ އެވެ. މިއީ ރާއްޖެއަށް ކުރިމަތިވާނެ އިތުރު މައްސަލަ އެކެވެ. ބޭރު ފައިސާގެ ރިޒާވް ދަށް ވެގެންދާނެ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ރާއްޖޭން ބިދޭސީން މުސާރައިގެ ގޮތުގައި 75.1 މިލިއަން ޑޮލަރު (1.16 ބިލިއަން ރުފިޔާ) ބޭރު ކޮށްފައިވެ އެވެ. ނަމަވެސް މިނިމަމް ވޭޖާއެކު ބިދޭސީންގެ މުސާރަތަކަށް އަންނަ ބަދަލުގެ ސަބަބުން އަހަރަކު 200 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ) ބޭރު ކުރާނެ އެވެ. މާނައަކީ ރާއްޖޭން އެއް އަހަރު ތެރޭގައި ޔޫޒަބަލް ރިޒާވްގައި ހުރި އަދަދާ އެއްވަރުގެ އަދަދެއް ބޭރު ވެގެން ދިއުމެވެ. މިއީ ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ.

މި ހުރިހާ ކަމެއް މިގޮތުގައި ހުރިއިރު، މިނިމަމް ވޭޖު މި ހާލަތުގައި ފަސް ކުރުން ނޫން ގޮތެއް ނެތެވެ. މިއީ ސިޔާސީ ގޮތުން މީހުން ވާވައްދަން އުޅެންވީ ވަގުތެއް ނޫނެވެ. މިއީ އިގްތިސޯދީ ނުރައްކާތެރި ހާއްސަ ހާލަތެކެވެ. މިހާރު ބަލައްވީ އިޝްރާފު މަދުކުރުމަށެވެ. ފަހަށް ރައްކާ ކުރުމަށެވެ. އިގްތިސޯދު ރަނގަޅުވުމުން ކުޑަ އުޖޫރަ ދެވިދާނެ އެވެ. އިހަށް މަޑުކުރާށެވެ.