ހަބަރު

އަޑުއެހުންތައް ފެށުމަށްފަހު ދައުވާ އިސްލާހު ކުރަން ފުރުސަތު ނުދެވޭނެ: ހައިކޯޓު

މައްސަލާގެ އަޑުއެހުންތައް ފެށުމަށްފަހު ދައުވާކުރާ އެއްވެސް ފަރާތަކަށް ދައުވާ ފޯމް އިސްލާހު ކުރުމަށްޓަކައި މައްސަލަ އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ދިނުމަކީ އަދުލުވެރި ގޮތެއް ނޫން ކަމާއި އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

މިއީ އާންމުކޮށް ސިވިލް ކޯޓުގައި މެދުވެރިވާ ކަމެކެވެ. ދެ ފަރާތުގެ މެދުގައި ހިޔާލު ތަފާތުވެގެން ހުށަހަޅާ މަދަނީ މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް ހުކުމާ ހަމައަށް ދިޔުމުން ދައުވާ ފޯމް އިސްލާހު ކުރުމަށް ކަމަށް މައްސަލަ އަނބުރާ ގެންދެ އެވެ. އެ ފުރުސަތު ސިވިލް ކޯޓުން ވެސް އޮންނާނީ ހުޅުވާލާފަ އެވެ. އެގޮތަށް މައްސަލަ އަނބުރާ ގެންދިޔުމަށް އެދުމުން މައްސަލަ ބާތިލްކޮށް އަލުން މައްސަލަ ހުށަހެޅިދާނެ ކަމަށް ގިނަ ފަހަރު ހުކުމް ކޮށްފައި އެބަ ހުއްޓެވެ.

އެފަދަ މައްސަލައެއް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެއީ ޝަރޫ ލޯންޗް ސާވިސް ކުންފުނީގެ ފަރާތުން ދަ މޮރިޝަސް ކޮމާޝަލް ބޭންކްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެއީ، މޮރިޝަސް ބޭންކުން ބޭންކް ގެރެންޓީ ދިނުމަށް އެއްބަސްވުމަށްފަހު ޗެކްތަކަކަށް ފައިސާ ދޫކުރުމަށް އިންކާރު ކޮށްފައިވާ ކަމަށް ބުނެ އެ ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލާގެ އަޑުއެހުންތައް ސިވިލް ކޯޓުގައި ނިންމާލާފައިވަނިކޮށް ޝަރޫ ކުންފުނިން ވަނީ މި ވަގުތު ދައުވާ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ދައުވާ ފޯމް ބާތިލްކޮށް ދިނުމަށް ކޯޓުގައި އެދިފަ އެވެ. ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ދައުވާ އިސްލާހުކޮށްގެން އަލުން ހުށަހަޅައިފިނަމަ މައްސަލަ އަލުން ބެލޭނެ ކަމަށެވެ.

އެ ހުކުމާމެދު ހިތްހަމަނުޖެހި، މޮރިޝަސް ބޭންކުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް ބުނެފައިވަނީ ހުކުމް ކުރުމަށް ހަމަޖެހިފައިވަނިކޮށް ދައުވާ ބާތިލްކޮށް ދިނުމަށް ޝަރޫއިން އެދުމުން އަލުން މައްސަލަ ހުށަހެޅޭ ގޮތަށް އެ މައްސަލަ ބާތިލްކޮށްފައިވަނީ ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައުވާ އާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމާ ބެހޭ ގާނޫނާއި ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުންތަކާ ހިލާފަށް ކަމަށެވެ.

ސިވިލް ކޯޓުގަައި މައްސަލަ ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު ވާހަކަ ދައްކައިގެން ހައްލެއް ނުލިބުމުން މައްސަލާގައި ޝަރީއަތް ހިންގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި ބޭންކުން ވަނީ އެ މައްސަލައަކީ ކޯޓުގެ ވަގުތު ނަގާލުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ. ނަމަވެސް ޝަރީއަތުން ނިންމީ މައްސަލާގައި ދެ ފަރާތު ވެސް ބަސް ހޯދުމަށެވެ. އެހެންވެ، މޮރިޝަސް ބޭންކުން ވަނީ ދައުވާއަށް ޖަވާބުދާރީވެފަ އެވެ. އެ އަޑުއެހުމުގައި ޝަރޫ ކުންފުނިން ޖަވާބަށް ރައްދުދީފައިނުވާއިރު އޭގެ ފަހަށް ތާވަލުކުރި އަޑުއެހުން ވެސް ޝަރޫއިން އެދިގެން ކެންސަލްކުރި އެވެ. އެއަށްފަހު ބޭއްވުނު އަޑުއެހުމުގައި ދެ ފަރާތުން ހެކިންގެ ލިސްޓް ހުށަހެޅި އެވެ. އެއަށްފަހު ދެން އޮތީ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ. އެ އަޑުއެހުމަށްފަހު ހުކުމް ކުރާ އަޑުއެހުން ތާވަލުކޮށް ދެ ފަރާތަށް އެންގި އެވެ.

އޭގެފަހުން ޝަރޫ ކުންފުނިން ވަނީ އިތުރު ލިޔެކިޔުންތަކެއް މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ ކަމަށް ބުނެ ކޯޓަށް އެކަން އަންގާފަ އެވެ. އެކަމާ ގުޅިގެން އަޑުއެހުމެއް ބާއްވައި އެ ލިޔެކިޔުންތަކާ ގުޅޭ ގޮތުން ޖަވާބުދާރީވާން ބޭންކަށް އެންގި އެވެ. އެކަމާ ގުޅިގެން މޮރިޝަސް ބޭންކުން އިޖުރާއީ ނުކުތާއެއް ނެގި އެވެ.

އެއީ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވަނިކޮށް އަލުން ލިޔެކިޔުންތައް ހުށަހަޅަން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ބުނެ އެވެ. އަދި، އަލަށް ހުށަހަޅާފައިވާ ލިޔުންތަކަކީ ވެސް އެ ދައުވާ ކޯޓަށް ހުށަހެޅިއިރު ވެސް ހުންނާނެ ލިޔުންތަކަކަށްވާތީ، ކުރިން ލިޔުންތައް ހުށަނާޅައި ލިބުނު ފުރުސަތުގައި އެ ވާހަކަތައް ނުދައްކާ ހުލާސާ ބަޔާނަށްފަހު އެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ބޭންކުން ފާހަގަކުރި އެވެ. އެ ނުކުތާއަށް ޖަވާބުދާރީވުމަށް ޝަރޫ ކުންފުނިން އިތުރު ފުރުސަތަކަށް އެދުނެވެ. ނަމަވެސް އެ ފުރުސަތު ބޭނުން ކުންފުނިން ނުހިފައި ފޮނުވީ ސިޓީއެކެވެ.

އެ ސިޓީގައި އެދިފައިވަނީ މި ހިނދަށް ދައުވާ ކުރިއަށް ގެންދަން ބޭނުން ނުވާތީ އަލުން ދައުުވާ އިސްލާހު ކުރުމަށްފަހު މައްސަލަ ހުށަހަޅައިފިނަމަ މައްސަލަ ކުރިއަށް ގެންދެވޭ ގޮތަށް ހުކުމް ކޮށް ދިނުމަށެވެ. ސިވިލް ކޯޓުގެ ހުކުމް އައީ އެ ކުންފުނިން ސިޓީގައި އެދިފައިވާ ގޮތަށެވެ.

ހައިކޯޓުން މައްސަލަ ބެލުމަށްފަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މަދަނީ މައްސަލަތައް ހުށަހެޅުމުގެ ގާނޫނު އަސާސީއިން ކޮންމެ މީހަކަށް ވެސް ދީފައިވީނަމަވެސް ހައްގު ބޭނުން ކުރުމުގައި ތަބާވާން ޖެހޭ އިޖުރާއަތްތަކާއި ހަމަތަކެއް ހުންނާނެ ކަމަށެވެ. އަދި، ކޯޓަށް މައްސަލައެއް ހުށަހެޅުމަށް އޮންނަ ހައްގު ބޭނުން ކުރަނީ މީހަކަށް ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ގޮތުން ނޫންނަމަ ހުސޫމާތަކާމެދު ވަކި ގޮތެއް ނުނިންމާ ދިގު ދެންމުމުގެ ގޮތުން ، ގެއްލުމެއް ދިނުމުގެ ގޮތުން ކަމުގައިވާނަމަ އެއީ އެކަމެއް ރައްދުވާ ފަރާތެއްގެ ހައްގުގައި އަދުލުވެރި އަދި އިންސާފުވެރި ގޮތެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި އެފަދަ ބޭނުމަކަށް ކޯޓުގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ހުއްދަ ކަމެއް ވެސް ނޫންކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފޭ ގޮތަށް ދައުވާ ލިބޭ ފަރާތުގެ އަމަލުތައް ބަހައްޓާ ނަމަ އެފަދަ ކަންކަން ދިމާވާ ދޮރުތައް ބަންދު ކުރުމަކީ ކޯޓުތަކުން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

އިތުރަށް ހުކުމްގައި ބުނެފައިވާ ގޮތުގައި ކޯޓަށް މައްސަލައެއް ހުށަހެޅި ފަރާތަކުން އެ މައްސަލައެއް ދޫކޮށްލީ ކަމަށް ބަޔާންކޮށް އަނެއްކާ ފަހުން އެ މައްސަލައެއް ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅުމުން ބަލައިގަނެގެން ނުވާނެ އެވެ. އަދި، ދައުވާ އިސްލާހު ކުރުމަށްފަހުން އަލުން ދައުވާ ކުރުމަށް އެދޭ ހާލަތުގައި، އެ ފުރުސަތު ދިނުމަށް ޝަރީއަތުން ބަލަންޖެހޭނެ ކަންތައްތަކެއް ވެސް ހުކުމްގައި ކަނޑައެޅި އެވެ.

އެގޮތުން، މައްސަލަ ބާތިލް ކުރުމަށް އެދި ހުށަހަޅާ ސަބަބަކީ މަގުބޫލް އަދި އެކަށީގެންވާ ސަަބަބެއްކަން ނުވަތަ މައްސަލަ ބާތިލް ކުރަން އެދެނީ މައްސަލަ ބާޓިލް ކުރުމަށްފަހު ދައުވާ އުފުލުމަށް ލިބި އޮންނަ ހައްގު ނަހަމަ ގޮތެއްގައި ހިފުމުގެ ގޮތުން އަލުން މައްސަލަ ހުށަހެޅުމުގެ ބޭނުމުގައިކަން މައްސަލައިގެން ވަށައިގެންވާ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް ބަލަންޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.

އާންމު އުސޫލެއްގެ ގޮތުން ކޯޓަށް ހުށަހަޅާ މައްސަލައެއްގެ ދައުވާ ފޯމް އިސްލާހު ކުރުމަށްޓަކައި ނުވަތަ ބަދަލު ގެނައުމަށްޓަކައި އަނބުރާ ގެންދެވޭނީ އެ މައްސަލައެއް ޝަރީއަތުގެ އަޑުއެހުން ފެށުމުގެ ކުރީގައި ކަމަށާއި އިސްތިސްނާ ހާލަތްތަކެއް އޮވެގެން ގާޒީ ދޭ ހާއްސަ ހުއްދައެއްގެ ދަށުން މެނުވީ މައްސަލައިގެ އަޑުއެހުންތައް ފެށުމަށްފަހު އެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ، މަގުބޫލު އެއްވެސް ސަބަބެއް ނެތި ކޯޓަށް ހުށަހެޅޭ ދައުވާއެއްގެ ޝަރީއަތް ފެށުމަށްފަހު ދައުވާ އިސްލާހު ކުރުމަށް ފުރުސަތު ދީފިނަމަ އޭގެ ނަތީޖާއަކީ މައްސަލައެއްގައި ދެކެވުނު ވާހަކަތަކާއި ހެކި ގަރީނާތަކުގެ މައްޗަށް ބުނާކޮށް ދައުވާ ބަދަލު ކުރަމުން ގެންދިޔުން ކަމަށެވެ. އޭގެ ސަބަބުން ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ނިމުމެއް އައުމުގެ ޔަގީންކަން ނެތި ގޮސް ކޯޓާއި ދައުވާ ލިބޭ ފަރާތުން ކުރަން ޖެހުނު ހޭދަތަކާއި ވަގުތުތައް ބޭކާރުވެގެން ދިޔުމެވެ. މިއީ އަދުލުވެރި އިންސާފުވެރި ގޮތެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.

އެހެންކަމުން މި މައްސަލާގައި އަލުން ދައުވާ ހުށަހެޅޭ ގޮތަށް ސިވިލް ކޯޓުން ހުކުމް ކުރުމަކީ މޮރިޝަސް ބޭންކްގެ ހައްގުގައި އަދުލުވެރި އަދި އިންސާފުވެރި ގޮތެއް ނޫން ކަމަށް ހައިކޯޓުން ނިންމި އެވެ. ސިވިލް ކޯޓުގެ ހުކުމް ބާތިލް ކޮށްފައިވަނީ މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިއަދު އިއްވި މި ހުކުމްގެ މައްސަލާގެ ބެންޗުުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ސަމީރެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.