ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިއަ ހުކުރު ދުވަހުގެ ރޭ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ އެ މައްސަލާގައި "ފޮރުވުމެއް" އުޅޭ ކަމުގެ ސުވާލުތައް އުފެދިފައި ވެއެވެ. މި ހާދިސާ ހިނގައިގެން އެކަން ފުރަތަމަ ފުލުހުން އާންމު ކުރިތާ ކުޑައިރު ކޮޅެއްގެ ތެރޭގައި ވެސް މި މައްސަލަ ނުބަލައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހުޅުމާލޭގެ ޕޮލިސްގެ އިންޗާޖަށް އެންގި ކަމަށް ބުނާ ވާހަކަތައް ސޯޝަލް މީޑިއާގައި ދުވެގަތެވެ.
އެ ސުވާލު ނޫސްވެރިން ފުލުހާ ކުރިވެސް މެއެވެ. އެކަމަކު ޖަވާބެއް ނުލިބުނެވެ. އެ ހިސާބުން ފެށިގެން ފުލުހުން "ފޮރުވަނީ ކޯންޗެއްތޯ؟" ނޫސްވެރިން އަހަން ފަށައިފި އެވެ.
ބިދޭސީ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އެ މައްސަލާގައި އާންމުން ފަރާތުން ވެސް ގިނަ ސުވާލުތައް ފުލުހާ އަމާޒު ކޮށްފައި ވާއިރު ރާއްޖޭގެ ނޫސްވެރިން ވެސް ދަނީ އެ މައްސަލައާ ގުޅިގެން ފެންމަތިވެ ދެކެވެމުންދާ ވާހަކަތަކަ ގުޅުވާ ތަކުރާރުކޮށް ސުވާލުތައް ކުރަމުންނެވެ.
ރޭޕްގެ މި މައްސަލައަކީ ތުހުމަތުގައި ކުށުގެ ވެށިން އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން އިސްވެ އިއުލާން ކުރި މައްސަލަ އެކެވެ.
ނަމަވެސް ކުއްލި ގޮތަކަށް ފުލުހުން ވަނީ ފަހުން އެ ދެ މީހުން ދޫކޮށްލައިފަ އެވެ. އަދި އެ ދެ މީހުން މިނިވަން ކުރުމަށް ފަހު ބުނެފައި ވަނީ ތަހުގީގަށް ހައްޔަރު ކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތިގެން ދޫކޮށްލީ ކަމަށެވެ. އެެހެން ބުނުމުން އެ މައްސަލައާ ގުޅުވައި ފުލުހަށް އަމާޒު ކުރާ ހުރިހާ ސުވާލަކަށް ފުލުހުން ދޭ ޖަވާބަކަށް ހަދާފައި ވަނީ "އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ" ކަމަށެވެ.
ނަމަވެސް އާންމުންގެ ފަރާތުން ސޯޝަލް މީޑިއާގައި ބުނަމުން ދިޔައީ ފުލުހުން ނޫސްވެރިންގެ ސުވާލަށް ދިނީ ޒިންމާދާރު ޖަވާބެއް ނޫން ކަމަށެވެ. އަދި މި މައްސަލާގައި ހަގީގަތްތަކެއް ފުލުހުން "ފޮރުވައިފި" ކަމަށެވެ.
ކޮވިޑާ ގުޅިގެން ރިސޯޓް ބަންދު ކުރުމުން މާލޭގެ ކުންފުންޏަކުން ވަޒީފާ ހޯދައިގެން މާލޭ ގައި ވަޒީފާ އަދާކުރަމުން އައި އަންހެން މީހާ ރޭޕް ކުރި އެ ހާދިސާގެ ވާހަކަތައް އޭނާ ރާއްޖޭގެ މީޑިއާގައި ކިޔައި ދެމުން އެބަދެ އެވެ.
އެ އަންހެން މީހާގެ ވާހަކަ އާއި ފުލުހުން ކަންކޮށްފައިވާ ގޮތުންނާއި އަދި މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތައް އާންމުކޮށް "ދުއްވައިގަންނަ" ގޮތަށް މިފަހަރު ދުއްވައިގެންފައި ނުވާތީ މިއީ އާދައިގެ ކޭހެއް ނޫން ކަން އެނގެ އެވެ. އަދި މިި ކަމުގައި ސާމިލުވާ މީހުނަކީ "ބާރުގަދަ" ބައެއްކަން ވެސް އެނގެވަރު އެބަވެ އެވެ.
އަދި އޭނާ ރޭޕް ކުރި އިރު "ވީ އާ ދަ އޯނާސް އޮފް ދަ ބޯޓް، އެންޑް ވީއާ ވެރީ ޕޮލިޓިކަލީ ޕަވާފުލް ޕީޕަލް" ކަމަށް ރޭޕް ކުރި މީހުން ބުނާ ބުނުމާއި މިކަން ބޮޑު ކޮށްލައިފި ނަމަ "ޕްރޮސްޓިޓިއުޓަކަށް ހަދައި ރާއްޖެއިން ޑީޕޯޓް އަރުވާލާނެ" ކަމަށް ބުނި ކަމަށް އޮތް ތުހުމަތުތަކާއި އެހެން ބުނީ "ޕްރެޒިޑެންޓްސް ރިލޭޓިވް" އެއް ކަމަށް އަޑު ފެތުރިފައި އޮތް އޮތުމާއި މުޅި ހާދިސާއާ ގުޅުވައި ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި އެ ކި ފަރާތްތަކަށް ކުރާ ތުހުމަތުތަކަށް ބަލާއިރު ބޮޑެތި ކަންތަތަކެއް މި ހާދިސާއިން "ފޮރުވައިފި" ކަން ވެސް އެނގޭވަރު ވެއެވެ.
މި މައްސަލައާ ގުޅޭ ގިނަ ސުވާލުތަކެއް ކުރެވެން ފެށީ ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހަކު ތަހުގީގުގެ ކުރީކޮޅު ކުއްލި ގޮތަކަށް މިނިވަން ކުރުމަށް ފަހު އެ މީހުންގެ އެއްވެސް މައުލޫމާތެއް ހާމަނު ކުރުމުންނެވެ. އަދިވެސް ނުކުރެ އެވެ. އަދި ހައްޔަރުކޮށް ދޫކޮށްލައިގެން އުޅެނީ ސަރުކާރުގައި ބާރުގަދަ ފަރާތްތަކަކަ ގުޅުން ހުރި ދެ މީހަކު ކަމަށް އަޑުތައް ފެތުރެން ފެށުނު ހިސާބުންނެވެ. އެ ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުދެ އެވެ.
އަނެއްކޮޅުން މީގެ ކުރިން މިފަދަ ކަންކަމުގައި ތުހުމަތުތައްވާ މީހާގެ ތަހުގީގަށް ބަންދުގައި ބަހައްޓަން މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރެެއެވެ. ނަމަވެސް މި މައްސަލާގައި އެގޮތަށް އަމަލު ނުކޮށް "ބާރުގަދަ" އެ ދެ ފިރިހެނުން ދޫކޮށްލީ އެވެ.
އެ ހާދިސާގެ ވާހަކަ ކިޔައިދެމުން ދާ އަންހެން މީހާއާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރޭޕްގެ ތުހުމަތުވާ ދެ މީހުންގެ ތެރެއިން އެކަކީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރަކާ ގުޅުުމެއް އޮތް މީހެކެވެ. މިއީ ވެސް މުޅިން ސާފު ނުވާ ތުހުމަތުތައް އޮތް ސުވާލަކަށް ވާއިރު ފުލުހުން ވެސް އެ ސުވާލަށް ޖަވާބެއް ނުދީ ހަމަ އެކަނި ބުނީ "މައްސަލަ ބަލަމުން ގެންދާ" ކަމަށެވެ.
ފުލުހުން މީޑިއާއަށް ހާއްސް ކޮށްފައި އޮންނަ ވަޓްސްއެޕް ގްރޫޕެއްގައި ވެސް މި ސުވާލުތައް މިދިއަ ތިން ދުވަހު ވަނީ ނޫސްވެރިން ކޮށްފަ އެވެ. ރާއްޖޭގެ ވަރަށް ސީނާ ނޫސްވެރިން ވެސް އެ ސުވާލުތައް ކުރި އެވެ. ނަމަވެސް ފުލުހުން ދިން ޖަވާބަކަށްވީ "ތަހުގީގު ކުރިއަށް ދާތީ، މިވަގުތު ދެވެން ހުރި މައުލޫމާތު ދެވިއްޖެ" އެވެ. އަދި މި މައްސަލައާ ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރާން ފެށުމުން ފުލުހުންގެ ވާހަކަ ނިންމާ ހިސާބަކަށް ހަދާފައި ވަނީ "ނޫސްވެރިންގެ ސުވާލުތަކަސް އިހުތިރާމް ކުރާ ކަމަށް" ބުނާ ބުނުމެކެވެ.
މި މައްސަލައާ ގުޅޭ އެއްވެސް ސުވާލަކަށް ފުލުހުން އެކަށީގެންވާ ޖާވެއް ނުދޭއިރު އަދި މި މައްސަލައާ ގުޅުވާއި ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ހުއްޓުމެއް ނެތި ދެކެވެމުންދެ އެބަދެއެވެ. އަދި ރޭޕް ހާދިސާގައި ހިމެނެ އަންހެން މީހާ ވެސް މީޑިއާގައި ވާހަކަ ދައްކަމުން ދާއިރު މި މައްސަލާގައި ކަމެއް "ފޮރުވަން" ފުލުހުން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތައް މިހާރު ހަމައެކަނި އާންމުންގެ ތެރޭގައި އޮތީއެއް ނޫނެވެ. އެގޮތަށް އާންމުން މުޅީން ގަބޫލު ކުރެ އެވެ.
އަންހެނަކު ރޭޕްކުރި ކަމަށް އޭނާގެ ދުލުންބުނެ ސަރުކާރުގެ ތެރޭ ނުފޫޒު ގަދަ، ބަޔަކަށް ތުހުމަތު ކުރާއިރު، އެބަޔަކު ހައްޔަރުކޮށް، ގާ ނޫނީ ހުކޫމަތު ނުހިންގޭނަމަ، އިންސާފާ މެދު މުޅި ރައްޔިތުން ކުރާނީ ކޮން އުއްމީދެއްތޯ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ސޯޝަލް މިޑިއާ މެދުވެރިކޮށް ސުވާލު ކުރައްވާފަ އެވެ.
"ބާރު ގަދަ މީހުންނަށް ވެސް ގާނޫނުގެ ދިގުއަތް ފޯރަންވާނެ. ދޭސީ އެއް ބިދޭސީ އެއް ނެތި އިންސާފު ލިބެންވާނެ.
ވެރިކަމުގައި ހުންނައިރު އަދުލްވެރިކަމަށްޓަކައި ކަނާއަތުން ވާއަތް ކަޑާލަން ޖެހިއްޖެ ނަމަ، އެކަންވެސް ކުރަން ޖެހޭނެ. ވެރިއެއްގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ ހަމަހަމަ ކަމާއެކު އެންމެނަށް އިންސާފު ލިބިދިނުން.،" އޭނާ ވިދާޅުވި އެވެ. "މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ދައުލަތުގެ ކަމާބެހޭ ގުނަވަންތަކުން ހިންގުމަށް އަޅުގަޑު ގޮވާލަން. އަދި ރާއްޖޭގެ ނޫސްވެރިން މިކަން ބައްލަވާ އިންސާފުން ރިޕޯޓް ކުރެއްވުމަށް އިލްތިމާސް ކުރަން. މިއީ މި ގައުމު ލަދުވެތިވާވަރުގެ މައްސަލައެއް،"
މި މައްސަލާގައި އިދިކޮޅު ޕީޕީއެމްގެ ބަހަކީ އެއްވެސް ތަފާތު ކުރުމެއް އަދި އޮޅުވާލުމެއްނެތި، ޖިންސީ ގޯނާ ލިބުނު ފަރާތުގެ ހައްގުތައް ހިމާޔަތްކޮށްދީ އިންސާފު ހޯދައިދޭށެ އެވެ. އަދި އެކަން ކުރިބަޔަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅާށޭ އެވެ.
"މި އަނިޔާވެރި އަމަލު ހިންގާފައިވާ ފަރާތްތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށްވެސް ގޮވާލަމެވެ،" މިކަމާ ގުޅޭ އިދިކޮޅުގެ ބަޔާނެއްގައި ވެއެވެ.