ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިއަ ހުކުރު ދުވަހުގެ ރޭ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ މައުލޫމާތު ހާމަ ކުރުމުގައި އެހެން މައްސަލަތަކާ ތަފާތެއް ނުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެހެން ބުނި އިރު މިދިއަ ހުކުރު ދުވަހުގެ ރޭ ހިންގި ބޭރު އަންހެނެއްގެ އިތްފަތް ފޭރުނު ކަމަށް ބުނާ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ އެ މައްސަލައިގެ ހަގީގަތްތަކެއް ފޮރުވަން އުޅޭ ކަމުގެ ތުހުމަތުތަކެއް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ނޫސްވެރިން ފުލުހާ ކުރި އެއްވެސް ސުވާލަކަށް ޖަވާނު ދީފައެއް ވެސް ނުވެއެވެ.
އިތްފަތް ފޭރުނު ނުވަތަ ރޭޕްގެ އެ ހާދިސާ ހިނގި ފަހުން ތުހުމަތު ކުރެވޭ މީހުން ހައްޔަރުން ދޫކޮށްލި އެވެ. އަދި އެފަދަ އެހެން މައްސަލަތަކާ ހިލާފަށް މި މައްސަލަައިގައި ހާމަ ކުރަން ޖެހޭ މައުލޫމާތު ހާމަ ނުކޮށް، ފުލުހުންނަށް ކުރާ ތުހުމަތުތަކަށް ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ފުލުހުން މިއަދު ބުނީ، އެކަންކަމުގެ ތަފްސީލުތައް މީޑިއާއަަށް ހާމަ ކޮށްދެވެން އޮތް މިންވަރަކުން ހާމަ ކުރަމުން ގެންދާނެ ކަމަށާއި މައްސައިގެ ކުރީކޮޅު ތަފްސީލު ނުދެވެނީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށާއި ބަލަަންޖެހޭ ކަންކަން ބެލުމަށް ވަގުތު ހޭދަވާނެ ކަން ގަބޫލު ކުރެއްވުން އެދޭ ކަމަށެވެ.
"މި މައްސަލައިގައިވެސް މައުލޫމާތު ހާމަ ކުރުމުގަައި ވަކި ތަފާތެއް ނުގެންގުޅޭނެ ކަމުގެ ޔަގީންކަން އަރުވަން" ފުލުހުންގެ މީޑިއާ އޮފިޝަލެއް ބުންޏެވެ.
މި މައްސަލައަކީ ތުހުމަތުގައި އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ކުށު ވެށިން ހައްޔަރު ކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްލި ގޮތަކަށް ފުލުހުން ވަނީ ފަހުން އެ ދެ މީހުން ދޫކޮށްލާފަ އެވެ. އަދި އެ ދެ މީހުން މިނިވަން ކުރުމަށް ފަހު ބުނެފައި ވަނީ ތަހުގީގަށް ހައްޔަރު ކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތިގެން ދޫކޮށްލީ ކަމަށެވެ.
ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރު ކުރި ދެމީހުން ދޫކޮށްލުމާއެކު އާއްމުންގެ ފަރާތުންވެސް ދަނީ މި މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ގޮވަމުންނެވެ. މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަން މިއަދު ވަނީ ނިންމާފަ އެވެ.