ހަބަރު

ޒުވާން ޕައިލެޓަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ވިލާ އެއާގައި މަސައްކަތް ކުރަމުން އައި ޒުވާން ޕައިލެޓަކު ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މަރުވެފައިވަނީ ސ. ހިތަދޫ ކޯޒްވޭ ވިލާ، ސަނޫން ނަސީރު 35، އެވެ.

ސަނޫންގެ އާއިލާ މެންބަރަކު އަވަސް އަށް މައުލޫމާތު ދެމުން ބުނީ ސަނޫން ދިރިއުޅެމުން އައީ ހުޅުމާލޭގައި އޭނާގެ އަނބިމީހާ އާއި ދަރިފުޅައި އެކުގައި ކަމަށެވެ. އަދި އިއްޔެ ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް އައުން ލަސް ވެގެން އަންހެނުން ގުޅުމުން ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.

އޭނާ އަދި ބުނީ ފޯނަށް ޖަވާބު ނުދިން ނަމަވެސް ގޭގެ ބޭރުން ފޯނެއް ރިންގު ވާހެން ހީވާތީ ދޮރު ހުޅުވި އިރު ސަނޫން އޮތީ ގޭ ދޮރުމައްޗަށް ވެއްޓިފައި ކަމަށާއި އޭރު ވެސް އޮތީ މަރުވެފައިވާ ކަމަށެވެ.

މިހާރު ސަނޫންގެ ހަށިގަނޑު އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައި ބާއްވާފަ އެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭތޯ ބެލުމަށް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.

ޝަނޫނއ މަރުވީ ހާޓްއެޓެކެއް ޖެހިގެން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާގެ އެ މެންބަރު ބުންޏެވެ.

ފުލުހުން ބުނީ ރޭ މެންދަމު 3:30 ހާއިރު ހުޅުމާލޭ ފްލެޓެއް ކައިރީގައި މީހަކު ހޭނެތިގެން ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓާލުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި މައްސަލާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.