މިދިއަ މެއި މަހުގެ ތެރޭގައި ތ. ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަށް ދައުވާކޮށްފި އެވެ.
ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި މާރާމާރީއެއްގައި ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާހް އަލަމް މަރާލާފައިވަނީ މިދިއަ މެއި މަހުގެ 21 ވަނަ ދުވަހުގެ ދަންވަރެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ޝާހް އަލަމް މަރާލި މައްސަލާގައި ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ ބަބުލް މިއަހްގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ކުރަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ބަބުލް މިއަހްއަށް މަރުގެ އަދަބު އަންނާނެ އެވެ.
ޝާހް އަލަމް މަރާލާފައިވަނީ ބަބުލް މިއަހް އާ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.