ހަބަރު

ފެންވަރު ނެތް ކޯޓު އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ

ބައެއް ކޯޓުތަކުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ވަކިކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނިންމައިފި އެވެ. އެކި ކޯޓުތަކުގެ 10 ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ވަކިކުރަން ނިންމާފައިވެ އެވެ. އެކަމާ ގުޅިގެން އެމީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެޑްމިނިސްޓްރޭޓަރުން ވަކި ކުރަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކަމަށެވެ. އެ އިސްލާހުގެ ދަށުން ކޯޓުތަކުގައި ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރަން ޖެހެ އެވެ. އިސްލާހު ގެނައިރު އެޑްމިނިސްޓްރޭޓަރުންގެ މަގާމުގައި ތިބި މީހުން ވަގުތީ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވި ކަމަށެވެ.

އެ މުއްދަތުގައި އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބަލާފައިވާ ކަމަށާއި ވަކި ވަރަކަށްވުރެ ދަށުން މާކްސް ލިބި، މިންގަނޑަށް ނުފެތޭ މީހުން މަގާމުން ވަކި ކުރަން ނިންމާފައި ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން ވަކި ކުރަން ނިންމާފައިވާ 10 އެޑްމިނިސްޓްރޭޓަރުންނަކީ 70 ޕަސެންޓަށްވުރެ ދަށުން މާކްސް ލިބުނު މީހުންނެވެ.

ޗީފް އެޑްމިނިސްޓްރޭޓަރަކީ ކޯޓުތަކުގެ އިދާރީ އެންމެ އިސް މުވައްޒަފެވެ. ވަކި ކުރަން ނިންމި 10 މީހުންނަށް ޝަރުއީ ދާއިރާގައި އިތުރު ވަޒީފާއެއް ހަމަޖެހޭތޯ ބަލާނެ ކަމަށާއި އެކަން ނުވެއްޖެނަމަ އެމީހުން ވަކި ކުރާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.