ހަބަރު

ކުދިން ލައްވާ ނުރައްކާތެރި އަމަލު ހިންގާ ސަގާފަތެއް އުފެދެނީ

ކުޑަކުދިން ބައިވެރިކޮށް މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުން ދާކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

ގާނޫނާ ހިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 2019 ވަނަ އަހަރު ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އަށް ހުށަހެޅުނު މައްސަލަތަކަށް ބަލައި މިއަދު ވަނީ ރިޕޯޓެއް ނެރެފަ އެވެ.

މި ރިޕޯޓަށް ބަލާއިރު ކުޑަކުދިން ގާނޫނާ ހިލާފުވެގެން މިދިޔަ އަހަރު ހުށަހެޅި މަައްސަލަތައް 2018 ވަނަ އަހަރާ އަޅާ ބަލާއިރު، 11.9 ޕަސެންޓު ވަނީ ދަށް ވެފަ އެވެ. ވޭތުވެ ދިޔަ 8 އަހަރު ތެރޭގައި ކުޑަކުދިންގެ ބައިވެރިވުން އޮންނަ މާރާމާރީގެ މައްސަލަތައް ވަނީ ގިނަވެފަ އެވެ. މީގެ ތެރޭގައި ނުރައްކާތެރި އަމަލުތައް ހިމެނެ އެވެ. އެހެންނަމަވެސް، މިދިޔަ އަހަރު މި މައްސަލަތައް ބޮޑުތަނުން މަދުވެފައިވާކަން ފާހަގަކުރެވޭކަމަށްވެސް ރިޕޯޓުގައި ބުނެ އެވެ.

"ކުށުގެ ވެށިން، ބޮޑެތި މީހުންނާއި ގުރޫޕްތަކާ ގުޅިގެން ހިންގާ ކުށްތައް އިތުރުވެ، ''މައްސަލަ ހައްލުކުރުމަށް'' މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުން ދާކަން ފާހަގަކުރެވޭ. މިފަދަ ނުރައްކާތެރި އަމަލުތަކުގައި ކުޑަކުދިން ބައިވެރި ކުރުވާކަން ނުވަތަ އެކުދިންނަށް އިސް ދައުރެއް އަދާކުރުމަށް ޝާމިލުކުރުވަމުން ދާކަންވެސް ފާހަގަކުރެވޭ" ރިޕޯޓުގައި ބުނެ އެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ގާނޫނާ ހިލާފުވެގެން 312 މައްސަލަ ހުށަހެޅި އިރު އެއީ، ކުށް ތަކުރާރުކޮށްގެން 147 މައްސަލަ އާއި ކުށުގެ ތުހުމަތުގައި އަލަށް ހުށަހެޅި 165 މައްސަލަ އެކެވެ. މިއީ 2019 ވަނަ އަހަރު ހުށަހެޅި މައްސަަލަތަކާ ބަލާއިރު 11.9 ޕަސެންޓުގެ ދަށް އަދަދަކަށް ވިޔަސް، އެ މައްސަލަތަކުގައި ކުދިންނާއި އާއިލާތަކަށް ދިމާވާ އިޖުތިމާއީ އިގުތިސާދީ، ނަފްސާނީ އަދި ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ގިނަކަން ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލަތަކުގެ 93 ޕަސެންޓަކީ ފިރިހެން ކުދިންނެވެ.

ތައުލީމު: އެންމެ ގިނައީ ސްކޫލަށް ދިއުން ހުއްޓާލި މައްސަލަތައް

ތައުލީމީ ހާލަތުގެ ތެރެއިން، މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރޭ އެންމެ ގިނައީ ސްކޫލަށް ދިއުން ހުއްޓާލި ކުދިންގެ މައްސަލަ އެވެ. އެއީ ހުށަހެޅި މައްސަލައިގެ، 44 ޕަސެންޓެވެ. އެކި ސަބަބާހުރެ، 133 ކުއްޖަކު ސްކޫލަށް ދިއުން ހުއްޓާލާފައިވާކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި، ޕްރައިމަރީ ގްރޭޑުގެ، 4،5،6 އަދި 7 އާއި ސާނަވީ އާއި މަތީ ސާނަވީ ގްރޭޑް ތައްވެސް ހިމެނޭ އިރު އެންމެ ގިނައީ ގްރޭޑް 9 އާއި 10ގެ ކުދިންނެވެ.

މީގެ އިތުރުން، ކުދިން ސްކޫލަށް ދިއުން ހުއްޓާލާ ސަބަބުގެ ތެރޭގައި ކުށުގެވެށީގައި އުޅޭ ރައްޓެހިންނާ އެކު އުޅުމާއި އުމުރުން ދޮށީ މީހުންނާއެކު ބޭރުތެރޭގައި އުޅުމާއި ސްކޫލުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކިޔަވަން ދާ ހިތްނުވުމުގެ މައްސަލަތައް ހިމެނެ އެވެ.

އާއިލީ ހާލަތު: ރޫޅިފައިވާ އާއިލާތަކުގައި ކުށް ގިނަ

މައްސަލަތަކަށް ބަލާއިރު 39 ޕަސެންޓުގެ ކުދިން ނިސްބަތްވަނީ ރޫޅިފައިވާއާއިލާ ތަކަށެވެ. އަދި 33 ޕަސެންޓު ކުދިން ނިސްބަތްވަނީ ގުޅިފައިވާ (ދެމަފިރިން އެކުގައި އުޅޭ) އާއިލާގެ ކުދިންނެވެ.

" ޝަރުޢީ ބައްޕަ ނެތް ކުދިންނާއި މަންމަ ނުވަތަ ބައްޕަ ނުވަތަ ދެމީހުން ނިޔާވެފައިވާ ކުދިން އިތުރަށް ނިކަމެތިވެ ކުށުގެ ވެއްޓަށް ވަންނަން ފުރުސަތު ބޮޑުވެގެންދާކަން ފާހަގަކުރެވޭ" ޖުވެނައިލް ޖަސްޓިސް ޔުނިޓުން ނެރުނު ރިޕޯޓުގައި ބުނެ އެވެ.

ކުށުގެ ވެށިން: އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް

ރިޕޯޓުގައި ބުނާ ގޮތުން، އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތެކެތި
ބޭނުންކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި، އެތެރެކުރުމާއި ވިއްކުމާއި ބަނގުރާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުން
ފަދަ މަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލަ ހުށަހެޅިފައި ވެ އެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ %35 އެވެ.

ވޭތުވެ ދިޔަ 8 އަހަރަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ މާރާމާރީގެ މައްސަލަތައް ކަމަށް އެ ޔުނިޓުން ބުނެ އެވެ. އަދި، ބޮޑެތި/އަނިޔާވެރިކަން ހިމެނޭ މައްސަލަތަކުގައި ކުޑަކުދިންގެ ބައިވެރިކަން ހިމެނޭ 7 މައްސަލަ ވަނީ ހުށަހަޅާފަ އެވެ.