ހަބަރު

އާއިލާ ނުރުހުނަސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހަށް ދެނީ

Sep 2, 2020

އާއިލާއިން ހުއްދަ ދޭން ދެކޮޅު ހެދި ނަމަވެސް، ޖިނާއީ ކުށަކާއި ގުޅިގެން ނުވަތަ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމެއް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދޭން ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހުށަހެއްޅުވި އިސްލާހު އެ ކޮމިޓީން ފާސްކޮށްފައިވަނީ މިދިއަ ހަފްތާގަ އެވެ.

އެގޮތުން، އެފަދަ މަރަކާ ގުޅިގެން ޕޯސްޓު މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދޭން ކޮމިޓީން ވަނީ ގާނޫނަށް މާއްދާއެއް އިތުރުކޮށްފަ އެވެ.

އެމާއްދާގައި ބުނެފައިވަނީ ޕޯސްޓް މޯޓަމް ފުލުހުން ހަދަން ވާނީ މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

އަދި އެގޮތުން ހަދާ ޕޯސްޓް މޯޓަމް ރިޕޯޓު ހެއްކެއްގެ ގޮތުގައި ކޯޓުތަކުން ބަލައިގަންނަންވާނެކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ޕޯސްޓް މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވައިދެއް އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، އެކަށީގެންވާ ސަބަބެއްނެތި ވަކީލަކު އައްޔަނުނުކޮށް ފުލުހުންނަށް ސުވާލުކުރުމަށް ލިބޭ 24 ގަޑިއިރުގެ މުއްދަތު، 48 ގަޑިއިރަށް އިތުރުކުރުން ހިމެނެ އެވެ.

މި އިސްލާހުތަކާއެކު ކޮމިޓީގެ ރިޕޯޓު ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ފާސްކުރާނެކަމަށް ބެލެވެ އެވެ.