ރިޕޯޓް

ތަކެތީގެ އަގު މަތިވެ، އިތުރު ނުތަވަސްކަން

ބާޒާރުމައްޗަށް ގޮސް ހުއްޓިލައި ވަށައިގެން ނަޒަރު ހިންގާލުމުގެ ފެނިގެން ދަނީ ހަލުއިކަމާއެކު އަންނަމުންދާ ބަދަލު ތަކެެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިމްޕޯޓް / އެކްސްޕޯޓަށް ކުރާ އަސަރުތަކުގެ މިންވަރެއް ނަމަވެސް ރާއްޖެއާ ހަމައަށް އައިސްފައިވާ ތަނެވެ. ކުރިން ބާޒާރުން ފެނުނު އެތައް އެއްޗެއް މިހާރަކު ނެތެވެ. ނުގެނެވެ އެވެ. މުދާ ނުގެނެވުމުގައި ވިޔަފާރިވެރިންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑޮލަރު ނުލިބުމެވެ. ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމުގެ ނަތީޖާއަކީ މުދަލުގެ އިމްޕޯޓަށް އަސަރު ކުރުމެވެ. މިހާރުގެ އެންމެ ބޮޑު ޝަކުވާއަކީ މިއެވެ. މިއާއެކު ތަކެތީގެ އަގުތައް މަތިވެ މިވަނީ އިތުރު ނުތަނަވަސް ކަމެއްގެ ތެރެ އަށް ވައްޓާލައިފި އެވެ.

"ތަންތާ އިސްތިހާރު ޖަހާފަ އޮންނަނީ ޑޮލަރު ވިއްކަމޭ މިވެނި ވަރަށް. މިކަމުގެ ހަމައެއް ލަމައެއް ނެތް. އެކަން ނުބެލެހެއްޓިގެން މިދަނީ،" ބާޒާރު މަތީ ފިހާރައެއްގެ ސޭޓަކު އަވަސް އިން ތައްޔާރު ކުރި ވީޑިއޯއަށް ދިން އިންޓަވިއުއެއްގައި އޭނާ ނުދެއްކުމަށް ޝަރުތުކޮށް ބުންޏެވެ. "އަގު ބޮޑުކޮށް ޑޮލަރު ގަނެގެން، މުދާ އަގު ހެޔޮކޮށް ވިއްކާނެ ގޮތެއް އަޅެ ބުނެދީބަލަ؟ އެގޮތެއް ބުނެދީ، އޭރުން އަހަރެމެން ވިއްކާނަން"

ތަކެތީގެ އަގު ބޮޑުވެގެން ދާތީ ގިނަ ބަޔަކު ތިބީ ނުތަނަވަސް ކަމެއްގެ ތެރޭގައިކަން އެނގެނީ އާއްމުންނާ ވާހަކަ ދައްކާލުމުންނެވެ. މިހާރު ޑޮލަރުގެ ރޭޓް ހުރި ވަރަށް ބަލާއިރު މުދަލުގެ އަގު 20 އާއި 22 ޕަސެންޓަށް އުފުލޭނެ ނަމަށް ރާއްޖޭގެ ބޮޑެތި އިމްޕޯޓަރުން ކުރިން އަވަސް ގައި ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވެ އެވެ. ބާޒާރުން މިހާރު ފެންނަނީ އެ މަންޒަރެވެ. އެންމެ އާދައިގެ އެތީގެ އަގުތައް ވަނީ އުފުލިފަ އެވެ.

ރާއްޖޭގެ ބާޒާރުގައި އަގު ނުއުފުލޭނެ ކަމަށް ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރާގެ އަސަރުތަކުގެ ސިނާރިއޯތައް އާއްމު ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިި ނަމަވެސް މިހާރު އަގުތައް ހުރީ މަތީގަ އެވެ. ރާއްޖެއަށް އިންފްލޭޝަން މިވަނީ "އިމްޕޯޓް" ވެފަ އެވެ. މިކަން ދަށް ކުރަން ސަރުކާރަށް މާ ބޮޑު ކަމެއް ކުރެވޭ ތަނެއް ވެސް ނުފެނެ އެވެ.

މި މަންޒަރަށް އިތުރު ބާރެއް ލިބިގެން ދަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ކޮންމެ މަހަކު އާއްމު ކުރާ ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތަކުގެ އަންނަ ބަދަލު އަންގައިދޭ، ކޮންސިއުމާ ޕްރައިސް އިންޑެސްޓް (ސީޕީއައި) ނުވަތަ އިންފްލޭޝަން އެވެ.

ޖުލައި މަހުގެ އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުގައި އެމަހު އެކަނި 2.81 ޕަސެންޓަށް އިންފްލޭޝަން ވަނީ އުފުލިފަ އެވެ. މިއީ ވޭތުވެދިޔަ ތިން އަހަރަށް ބަލާ ނަމަވެސް މި ވަރަަށް އަގުތައް އުފުލުނު ކަމަށް މި އިންޑިކޭޝަން އިން ދެއްކި ފުރަތަމަ ފަހަރެވެ. ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.41 ޕަސެންޓް ދަށުގަ އެވެ.

މުދާ އަގު ބޮޑުވުމުގެ މައްސަލަ ކުރިމަތިވާއިރު، މުދާ ނުވިކުމަކީ ވެސް މިހާރު ކުރިމަތި ވެފައިވާ މައްސަލަ އެކެވެ. މިކަން ކުރިމަތި ވަނީ ކޮވިޑް-19 އާއެކު ހެލްފް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއެކު ބޯޓު ފަހަރުގެ މީހުންނަށް މާލެތެރޭގައި ފައިބާ ނޫޅެވޭތީ އެވެ.

އޮޑި ފަހަރަށް އިމްޕޯޓް މުދާ ވިއްކާ "ބާޒާރު ތުނޑި" ފިހާރައިގެ ސޭޓް ބުނި ގޮތުގައި ބޭނުން ވަރަކަށް މުދާ ނުލިބުމަކީ ބޮޑު ދަތި ކަމަކަށް ވެފައި ވެއެެވެ.

"ރާއްޖެއަށް ފްލައިޓް ވެސް މަދުވީމަ ތަރުކާރީ އާއި މޭވާ ގެންނަން ވަރަށް ދަތި. މިހާރު އެއް ހަފުތާވާއިރު ވެސް ނުލިބެ،" އަބްދުލް މަތީން ބުންޏެވެ.

ކޮވިޑް ބަލި މަޑުކަން އަދި ކޮންޓްރޯލްވާނެ ދުވަހެއް ނޭނގެ އެވެ. މި ކޮންޓްރޯލްވުމުގެ އަލާމާތެއް ނުފެނެ އެވެ. އެހެންވެ މި އަހަރުގެ ބާކީ އޮތްތަނުގައި ވެސް އުޅެން ޖެހޭނީ މިގޮތަށް ކަމަށް ބެލެވެ އެވެ. ކިތަންމެ ހަރުކަށި ލޮކްޑައުންއެއްގައި ތިއްބަސް އުޅެވޭނީ ކައިގެން ބޮއިގެނެވެ. މުދަލުގެ އަގު މަތިވުމަކީ ރައްޔިތުންނަށް ކުރިމަތިވާނެ ބޮޑު ދައްޗެކެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ ވަގުތެއްގައި މުދަލުގެ އަގު މަތިވުކަކީ ކުރިތިވާނެ އިތުރުވޭނަކަށް ނޫނީ ނުވާނެ އެވެ.