ހަބަރު

ސައިކަލުބުރު: ޖޫރިމަނާކޮށް އެކަކު ފިޔަވާ އެންމެން ދޫކޮށްލައިފި

އިއްޔެ ބޭއްވި ސައިކަލު ބުރުގައި ބައިވެރިވި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ޖޫރިމަނާކޮށް އެކަކު ފިޔަވާ ދެން ތިބި މީހުން ދޫކޮށްލައިފި އެވެ

އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ޒުވާނުންތަކެއް އިސްނަގައިގެެން އިއްޔެ ހަވީރުގެ ވަގުތެއްގައި ސައިކަލު ބުރެއް ބޭއްވުމަށް ވަނީ މަަސައްކަތްކޮށްފަ އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި އެފަދަ ކަންކަމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ފުލުހުން ވަނީ ސައިކަލު ބުރު ހުއްޓުވާފަ އެވެ. ސައިކަލު ބުރަށް ފުރުސަތު ނުދިނުމުން ބައެއް މީހުން ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ހިނގާފަ އެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކަށް އެއްވެ އަޑުއުފުލާފައިވެއެވެ. އެއްވުމުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެނުންވެސް ހިމެނެ އެވެ.

ފުލުހުން މިއަދު އަވަސް އަށް މައުލޫމާތު ދިން ގޮތުގައި، ސައިކަލު ބުރުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަަކު ފިޔަވާ އެންމެން މިހާރު ދޫކޮށްލައިފި އެވެ. ހައްޔަރުގައި ހުރި މީހާ އަކީ ފުލުހުންނަށް އިންޒާރު ދިނުމުން ހައްޔަރުގައި ހުރި މީހެއް ކަމަށް ބުންޏެވެ.

އާއްމު ސިއްހީ ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އަދި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުމުން ހައްޔަރު ކުރި 41 މީހުންވެސް ވަނީ 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ސައިކަލު ބުރުގައި ބައިވެރިވި މީހުންގެ ލައިސަންސް ހިފަހައްޓާފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސަރުކާރާ ދެކޮޅަށް ބޭއްވި ހަރަކާތުގައި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތަސް އެއީ އެ ކޯލިޝަނުން ރޭވި ހަރަކާތެއް ނޫން ކަމަށް އެ ކޯލިޝަނުން ރޭ ވަނީ ބުނެފަ އެވެ. އަދި ކުރިއަށް ގެންދިޔައީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށާއި އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ މިންގަނޑާއި އެއްގޮތަށް ކަމަށް ކޯލިޝަނުން ބުނެ އެވެ.