ދައުލަތުން ހަމަޖައްސާ ވަކީލަކާއެކު މައްސަލާގައި ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލު ޝަރީައތުގައި މިއަދު ބުނެފި އެވެ.
ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ގާސިމްގެ މަރުުގެ މައްސަލަ އާއި ގުޅިގެން އަދުހަމް މުހައްމަދު ހައްޔަރު ކޮށްފައި ވަނީ ޑިސެމްބަރު 19، 2019 އިގަ އެވެ. ގާސިމް މަރާލި ކަމަށް އޭނާ އެއްބަސްވުމަށް ފަހު އެއީ ގާސިމް މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ފަހުން އޭނާ ވަނީ ފަހުން އެކަމަށް އިންކާރުކޮށްފަ އެވެ. އަދި އެނާ ގާސިމް ނުމަރާ ކަމަށް ޝަރީއަތުގައި ބުނެފައި ވެއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިއަދުގެ އަޑުއެހުމުގައި މައިކް ޓެސްޓު ކުރުމަށް މާފުށި ޖަލުގައި އިން އަދުހަމަށް ދިން ފުރުސަތުގައި އޭނާ ބުނީ ދައުލަތުން ހަމަޖެއްސި ވަކީލާ ރުކްޝާނާއާއެކު މި މައްސަލަ ކުރިއށް ގެންދަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާގެ އަތުގައި ހުރި މި މައްސަލައާއި ގުޅޭ ލިޔެ ކިޔުންތައް އަދުހަމާއި ހަވާލު ކުރުމަށް އެދޭ ކަމަށާއި މީގެ ފަހުން ޝަރީއަތަށް ރުކުޝާނާ ވަޑައި ނުގެންނެވިޔަސް ހެޔޮ ކަމަށް ވެސް ބުންޏެވެ.
ވަކީލާ ވިދާޅުވީ އެހެން ވަކީލެއް ބޭނުންވާ ކަަމަށް އަދުހަމް ބުނެފައިވާ ކަމަށާއި އެހެން ކަމުން ވަކީލެއް ހަމަޖެއްސުމަށް އޭނާއަށް ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.
ދައުލަތުން ހަމަޖެއްސި ވަކީލާއެކު ކުރިއަށް ދާން ބޭނުން ނުވަނީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމުން ބުނީ މަރުގެ މި މައްސަލައިގައި އޭނަ ޖަލުގައި އޮތް މުއްދަތުގައި ރުކުޝަނާ އޭނާ އާއި އެއްވެސް ގޮތަކަށް މުއާމަލާތް ކޮށްފައި ނުވާ ކަމަށެވެ.
"ފޯނުން ވެސް ރުކުޝަނާގެ ގާނޫނީ އެހީތެރިކަން ލިބޭތޯ މަސައްކަތް ކުރިން. ޢެކަމަކު އެގޮތަށް ވެސް އޭނާގެ އެހީތެރިކަން އަޅުގަނޑަށް ނުލިބޭ. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނޫން ރުކުޝާނާ އާއި އެކީގަ މި މައްސަލައިގައި ކުރިއަށްދާކަށް. ޝަރީއަތުގެ މަޖިލީހަށް ރުކުޝަނާ ނަޔަސް ހެޔޮ." އަދުހަމް ބުންޏެވެ.
އަދުހަމް މިހެން ބުނުމުން ގާޒީ ވަނީ އަމިއްލަޔަށް ވަކީލަކު ހަމަޖައްސަން ބޭނުންވޭތޯ ނުވަތަ ދއުލަތުން އެހެން ވަކީލަކު ހަމަޖައްސަން ބޭނުންތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި އަދުހަމް ބުނީ އަމިއްލައަށް ރަނގަޅު ވަކީލަކު ހަމަޖެއްސޭނެހާ ތަނަވަސްކަން ނެތް ކަމަށެވެ. އަދި ދައުލަތުންވެސް ދެންވެސް ރަނގަޅު ވަކީލަކު ހަމަޖައްސްއިދޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ދައުލަތުން ކޯޓުގައި އެދިފައިވަނީ މި މައްސަލައިގައި އަވަސް ނިންމުމެއް ނިންމައި ގާސިމަށް ވީހަާވެސް އަވަހަށް އިންސާފް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. އެހެން ކަމުން ގާޒީ އިސްމާއިލް ރަޝީދު ވަނީ ވަކީލަކު އައްޔަން ކުރުމަށް ފަސް ދުވަހުގެ މުއްދަތު އަދުހަމަށް ދީފަ އެވެ.
އަދުހަމަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ.