ހަބަރު

އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި އެވެ.

ގިނަ ދުވަސްތަކަކަށްފަހު ކުރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ. މަރުގެ މި މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ސިމާހު މޫސާ އާއި، ހަސަން މަހްފޫޒާއި، މުހައްމަދު ޝާޒް އާއި ޖުނައިހު އަބްދުﷲ ގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާ ހަތަރު މީހުންގެ މައްޗަށް ކޮށްފައިވަނީ އަނަސް، ސައިކަލެއް މަތީ އިންދާ، އެތަނަށް ހަތަރު ސައިކަލްގައި އައިއިރު އެ ހަތަރު މީހުން ވެސް އެ ސައިކަލްތައް ދުއްވަން ތިބީމަ އެވެ.

އުސްމާން ޝަރީފާއި، އަހުމަދު ޒަޔާނާއި، އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. އެމީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަދުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީފައިވާތީ އެވެ. އަދި އެ ހަމަލާތަކުގައި ލިބުނު އަނިޔާތަކުގެ ސަބަބުން އަނަސް މަރުވެފައިވާތީ އެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުވާނަމަ އަންނަނީ މަރުގެ ހުކުމެވެ. ތިން މީހުން ވެސް ވަނީ ގަސްދުގައި އަނަސް މަރާލި ކަމަށް އިންކާރުކޮށްފަ އެވެ.

އަނަސް އަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވީ ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުން ނިންމާލާފައިވަނީ މި މައްސަލާގައި ތުހުމަތު ކުރެވޭ ޖުނައިހުގެ ލިޔެ ކިޔުންތައް ނުލިބޭތީ އެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް ކި އަހަރުގެ މާޗު މަހަށްވެސް ތާވަލް ކުރި އެވެ. އެކަމަކު އެ އަޑުއެހުން ވަނީ ސަބަބުތަކަށްޓަކާ ކެންސެލް ކޮށްފަ އެވެ. ނަމަވެސް ކެންސަލް ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.