ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗުގައި ހިނގި ހާދިސާގެ ތަހުގީގަށް ކޮންމެ މީހަކު ހައްޔަރުކުރަން ޖެހުނަސް އެކަމުގައި ފަސްނުޖެހި އެކަން ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ފޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ގެ އިސް އޮފިސަރުންނާ އެކު އިސްކަންދަރު ބިލްޑިންގުގައި ބައްދަލުކުރައްވައި ސީޕީ މިއަދު ވިދާޅުވީ، ފުލުހުން އެންމެ ބޮޑު އިސްކަމެއްދީގެން މިހާރުކުރަމުންދަނީ ރިޔާސީ ލޯންޗުކޮޅުގެ ތަހުގީގުގެ މަސައްކަތް ކަމަަށެވެ. އަދި އެ ތަހުގީގަށް ހައްޔަރުކުރަން ޖެހުނު ކޮންމެ މީހަކު ހައްޔަރުކުރާނެ ކަމަށާއި، ބަލައި ފާސްކުރަން ޖެހުނު ކޮންމެ ތަނެއް ބަލައި ފާސް ވެސް ކުރާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
ކޮމިޝަނާ ވިދާޅުވީ، ލޯންޗުކޮޅުގެ ހާދިސާގެ ތަހުގީގު ޓީމަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރުމުގެ އިހްތިޔާރު ދީފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމަށްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ސީޕީ އިލްތިމާސްކުރެއްވި އެވެ.
".. މިނިވަންކަމާއެކު ތަހުގީގުގެ މަސައްކަތް ކުރުމުގެ ފުރުސަތު މި މަސައްކަތުގައި ހަރަކާތްތެރިވާ ތަހުގީގު ޓީމަށް ފުލުހުންގެ މުޅި މުއައްސަސާއިން ދީފައިވާނެ. އެކަމާ ގުޅިގެން ކުރަންޖެހުނު ކޮންމެ މަސައްކަތަކަށް ކޮންމެ ފުލުހަކު އަދި ކޮންމެ އޮފިސަރެއްގެ ކިބައިން ފުރިހަމަ އެއްބާރުލެއްވުން ދިނުމަށް އެދެން،" ކޮމިޝަނާ ވިދާޅުވި އެވެ.
ތަހުގީގު ކުރިޔަށްދާއިރު އެކަމާއި ގުޅިގެން ރަށުތެރެ ހަލަބޮލިކޮށް ރަށުތެރޭގެ ސުލްހަމަސަލަސްކަން ނަގާލަން މަސައްކަތް ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ހިންގަން ބަޔަކު އުޅޭ ނަމަ އެކަން ހުއްޓުވައި، ރޭވުންތެރިކަމާއި އެކު މަސައްކަތް ކޮށްދިނުމަށް ހުރިހާ ސިފައިންގެ ފަރާތުން ސީޕީ ހުސައިން ވަހީދު ވަނީ އެދިވަޑައިގަންނަވާފަ އެވެ.