މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

އައިޖީއެމްއެޗާއި ދިމާ މޫދުގެ ތެރެއިން މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗް އާއި ދިމާ ބޭރު، މޫދުތެރޭގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތް ކަމަށް މިއަދު ހެނދުނު 10:40 ހާއިރު ފުލުހުންނަށް ބަޔަކު އަންގާފައިވާ ކަމަށެވެ. އަދި ގޮސް ބެލި އިރު އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެއީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މަރުގެ ސަބަބު ކަށަވަރު ކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މި ވަގުތު އޭނާގެ ހަށިގަނޑު ވަނީ މޯޗަރީގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

މޫދުން ފެނުނު މީހާގެ ހަށިގަނޑުން ބޮޑެތި އަނިޔާތަކެއް ފެންނަން ހުރި ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީހުން ވަނީ ބުނެފައެވެ. އަދި އެ މައްސަަލަ ބެލުމަށް އެ ޒުވާނާގެ އާއިލާއިން ވަނީ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައެވެ.