މޯލްޑިވްސް ޕޮލިސް ސާވިސް

މަރުގެ ތަހުގީގަށް އާންމުންގެ އެހީއަށް އެދިއްޖެ

އައިޖީއެމްއެޗާއި ދިމާ މޫދުގެ ތެރެއިން މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗް އާއި ދިމާ ބޭރު، މޫދުތެރޭގައި މަރުވެފައި އޮއްވާ ފެނުނު 31 އަަހަރުގެ ޒުވާނާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި މަރުގެ ސަބަބު ކަށަވަރު ކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މި ވަގުތު އޭނާގެ ހަށިގަނޑު ވަނީ މޯޗަރީގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭގެ ފަހުން ފުލުހުން ވަނީ އެ މަރުގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ފުލުހުން ވަނީ ބުރާސްފަތި ދުވަހު ނުވަޔަކާއި 12 އާ ދެމެދު ރަސްފަންނަށް ދިޔަ މީހުންނާއި އެ މަރުގެ އެއްވެސް މައުލޫމާތެއް އެނގޭ ބަޔަކު ތިބި ނަމަ އެކަން ފުލުހުންނާއި ހިއްސާ ކޮށް ދިނުމަށް އެދިފައެވެ.

ފުލުހުން ވަނީ އެފަދަ މައުލޫމާތެއް ލިބިފައިވާ މީހުން 119 ނަންބަރު ނުވަތަ 9911099 ގުޅާ ހިއްސާކުރުމަށް އެދިފައެވެ. މޫދުން ފެނުނު މީހާގެ ހަށިގަނޑުން ބޮޑެތި އަނިޔާތަކެއް ފެންނަން ހުރި ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީހުން ވަނީ ބުނެފައެވެ. އަދި އެ މައްސަަލަ ބެލުމަށް އެ ޒުވާނާގެ އާއިލާއިން ވަނީ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައެވެ.