އައިޖީއެމްއެޗް ސަރަހައްދު މޫދުން މިމަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު މި ހަފުތާތެރޭ ބޭރަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާލުމުގައި ވަރަށް ބޮޑެތި ދަތިކަމެއް އެބަހުރި ކަމަށެވެ. އެކަމަކު މި ހަފުތާގެ ތެރޭގައި ސިދުރަތުﷲ ގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލަން މަސައްކަތް ކުރާ ކަމަށެވެ.
"ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތަށް އަޅުގަނޑުމެން މިދަނީ ކުރަމުން. ލަސްވަނީ ރާއްޖެއިން ބޭރުން ކުރަންޖެހޭ ކަމަކަށްވާތީ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް. ކޮވިޑްގެ ހާލަތާއި ގުޅިގެން ވެސް ވަރަށް ދަތިތަކެއް އެބަހުރި. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވީހާވެސް އަވަހަކަށް ހަށިގަނޑު ފޮނުވާލެވޭތޯ." އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިދުރަތުﷲ ގެ ޖަނާޒާގެ ކަންކަން ފުރިހަމަނުކޮށް ގިނަ ދުވަސްވާތީ އާއިލާއިން ވެސް ކަންބޮޑުވާ ކަމަށެވެ. އެހެން ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަކީ އެ މަރުގެ ތަހްގީގަށް ވަރަށް މުހިންމު ކަމަކަށްވާތީ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ.
މިމަރާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު ސިދުރަތުﷲ ގެ އާއިލާއިން ވަނީ ބަޔަކު / މީހަކު އޭނާ މަރާލާފައި މޫދަށް އެއްލާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރި ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ.
ސިދުރަތުﷲގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އޭނާ ހިނގާފައި ގޮސް ރަސްފަންނުގެ މޫދާ ދިމާލަށް ދާ މަންޒަރު ފެންނަ ވީޑިއޯ އެއް މިފަހުން ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި އޭނާ އާއި ބައްދަލުވި ބަޔަކު ވާނަމ އެކަން ފުލުހުންނާއި ހިއްސާ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އުމުރުން 31 އަހަރުގެ ސިދުރަތުﷲ މަރުވިތާ މިހާރު ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާގެ ހަށިގަނޑު އަދިވެސް އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގަ އެވެ.