ދޫނިދޫ ޕޮލިސް ކަސްޑޯޑިއަލްގައި ބަހައްޓާފައި ތިބޭ މީހުނަށް ސާފު ބޯފެން ނުދޭތީ އެޗްއާރްސީއެމުން ފިޔަވަޅު އަޅަން ނިންމައިފި އެވެ.
އެޗްއާރްސީއެމުން މިއަދު ބަޔާނެއް ނެރެ ބުނީ، އެ ކޮމިޝަނުގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލް އަށް މިދިޔަ މަހުގެ 20 ގައި ކުރި ފޮލޯ އަޕް ޒިޔާރަތުގައި، ބަންދުގައި ބަހައްޓާފައި ހުންނަ ފަރާތްތައް ބުއިމަށް ބޭނުންކުރާ ފެން ތަހުލީލު ކުރި ކަމަށެވެ.
ތަހުލީލުން އެނގުނީ، ދޫނިދޫގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް ކޮލިފޯމް (ބެކްޓީރިއާ) ހުރި ކަމަށާއި އެ ފެނަކީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ނުފެތޭ ފެން ކަމަށެވެ. އަދި، ފެންވެރުމާއި އެހެން ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރަން ކަމުދާ ފެން ނޫން ކަމަށް ވުމުން، ބޭނުންކޮށްގެން ހަމުގެ ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމަށް، ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބަޔާނުގައި ބުނެ އެވެ.
ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް އަދި ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުވާހަދާތަކުން ސާފު ބޯފެން ލިބުމުގެ ހައްގު ކޮންމެ މީހަކަށްވެސް އޮންނަން ޖެހެ އެވެ.
އެޗްއާރްސީއެމުން ބުނީ، ދޫނިދޫގައި ބަންދުގައި ތިބޭ މީހުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި ބޯފެން ފޯރުކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމްތަކުގެ ތަފްސީލް އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރުމަށް މިދިޔަ މަހު 27 ވަނަ ދުވަހު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އަމަލު ނުކޮށްފި ނަމަ، ފިޔަވަޅު އަޅާނެ ކަމަށްވެސް އެންގި ކަމަށެވެ.
އެ ކޮމިޝަނުން މިއަދު ދޫނިދޫއަށް ގޮސް ހާލަތު ބެލުމުން އެތަނުގެ ފެނުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ފާހަގަވީ ކަމަށް ބަޔާނުގައި ބުނެ އެވެ.
"އެތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރަން.."
އެހެންކަމުން، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގެ ބަންދުގައި ތިބޭ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާނޫނު ނަންބަރު 6/2006 ހިއުމަން ރައިޓްސް ގާނޫނު ގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފަ އެވެ.