ދޫނިދޫގައި ފެން ހޮޅިތައް ބަދަލު ކޮށް ފެން ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި ވަގުތީ ގޮތުން ފުޅީގައި ބަންދު ކުރި ފެން ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ދޫނިދޫ ޕޮލިސް ކަސްޑޯޑިއަލްގައި ބަހައްޓާފައި ތިބޭ މީހުނަށް ސާފު ބޯފެން ނުދޭތީ އެޗްއާރްސީއެމުން ފިޔަވަޅު އަޅަން ނިންމާ ކަމަށް ބުނެ ބަޔާނެއް ނެރުނީ އިއްޔެ އެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، އެ ކޮމިޝަނުން މިދިޔަ މަހުގެ 20 ގައި ކުރި ފޮލޯ އަޕް ޒިޔާރަތުގައި، ބަންދުގައި ބަހައްޓާފައި ހުންނަ ފަރާތްތައް ބުއިމަށް ބޭނުންކުރާ ފެން ތަހުލީލު ކުރި އިރު، ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް ކޮލިފޯމް (ބެކްޓީރިއާ) ހުރި ކަމަށާއި އެ ފެނަކީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ނުފެތޭ ފެން ކަމަށެވެ.
އަދި، ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި ބޯފެން ފޯރުކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމްތަކުގެ ތަފްސީލް އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރުމަށް މިދިޔަ މަހު 27 ވަނަ ދުވަހު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އަމަލު ނުކޮށްފި ނަމަ، ފިޔަވަޅު އަޅާނެ ކަމަށްވެސް އެންގި ކަމަށެވެ. އަދި އިއްޔެ ގޮސް ބެލި އިރުވެސް ސާފު ބޯފެން ފޯރުކޮށްދީފައި ނުވާތީ ފިޔަވަޅު އަޅަން ނިންމީ ކަމަށް ބަޔާނުގައި ބުންޏެވެ.
އެކަމަށް ރައްދުދީ، ފުލުހުން މިއަދު ބަޔާނެއް ނެރެ ބުނީ، އެޗްއާރްސީއެމުން ދިނީ 72 ގަޑިއިރުގެ މުހުލަތެއް ކަމަށާއި އެެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، ބައެއް ފެން ހޮޅިތައް ބަދަލު ކުރުމާއި ފެން ސާފު ކުރުމަށް ބޭނުންކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ގާއިމް ކުރުމުގެ މަަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
އަދި ބުނީ، ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި އެއްވެސް އެސެޓެއް ގަތުމުގެ ކުރިން ފިނޭންސް އަށް ލިޔެ ހުއްދަ ހޯދަމުން ދަނިކޮށް ފިޔަވަޅު އަޅާފައި ނުވާކަމަށް ބުނެ އެޗްއާރްސީއެމުން ބަޔާން ނެރުނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
"ދޫނިދޫގައި ތިބޭ ގައިދީންނަށް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީގޮތުން ހަމަޖައްސާފައިވާ ކަން މި ފުރުސަތުގައި ފާހަގަކުރަން"