ހަބަރު

ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި

އައިޖީއެމްއެޗް ސަރަހައްދު މޫދުން މި މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު މިއަދު އިންޑިއާ އަށް ފޮނުވާލައިފި އެވެ.

އައިޖީއެމްއެޗް ސަރަހައްދު މޫދުގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޕޯސްޓް މޯޓަމް ހެދުމަށް ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ. މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

ޖަނާޒާގެ ކަންކަން ކުރިއަށް ނުގެންދެވި ހަށިގަނޑު ވަޅުނުލާ ގިނަ ދުވަސް ވަމުންދާތީ އޭނާގެ އާއިލާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޕޯސްޓް މޯޓަމް ހަދަން ބޭނުން ނުވާކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ފުލުހުން ވަނީ މިމަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަކީ ތަހްގީގަށް ވަރަށް މުހިންމު ކަމަކަށްވާތީ ޕޯސްޓް މޯޓަމް ހަދަން ގާނޫނު އަސާސީން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ނިންމާފައިވާ ކަމަށެވެ.

ސިދުރަތުﷲގެ ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވާލާފައިވަނީ މޯޗަރީގައި 11 ދުވަހު ބޭއްވުމަށް ފަހުގަ އެވެ.

މިމަރާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު ސިދުރަތުﷲ ގެ އާއިލާއިން ވަނީ ބަޔަކު / މީހަކު އޭނާ މަރާލާފައި މޫދަށް އެއްލާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރި ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ.

ސިދުރަތުﷲގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އޭނާ ހިނގާފައި ގޮސް ރަސްފަންނުގެ މޫދާ ދިމާލަށް ދާ މަންޒަރު ފެންނަ ވީޑިއޯ އެއް މިފަހުން ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި އޭނާ އާއި ބައްދަލުވި ބަޔަކު ވާނަމ އެކަން ފުލުހުންނާއި ހިއްސާ ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.