ލ. އަތޮޅު ވަޑިނޮޅު ކަނޑު ތެރެއިން މަސްދޯންޏެއް ހައިޖެކް ކުރި ކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި އެވެ.
މިދިޔަ މަހު 26 ގައި، ލ. ވަޑިނޮޅި ކައިރީ އެން ދަމަން އޮއްވާ "ފަސްކުރި" ދޯންޏަށް އެރި މީހުން ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ރަހީނުކޮށް ފަޅުވެރިންނަށް އަނިޔާކުރި ހާދިސާ އެއް ހިނގި އެވެ. މި ހާދިސާ ހިނގިތާ ހަފްތާ އެއް ފަހުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމް އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެެވެ.
ބަޔާނުގައި ބުނީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިނގި މި އަމަލަކީ ދިރިހުރުމުގެ ހައްގާއި ނަފްސު ރައްކާތެރި ކުރުމުގެ ހައްގާއި މުދާ ރައްކާކުރުން އަދި މަސައްކަތަށް ހުރަސް އެޅި ދާނެ ފަދަ ކަމަކަށް ވުމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި، ޓެރަރިޒަމްގެ މި މައްސަލަ އަކީ ހައްސާސީ މައްސަލައެއް ކަމަށާއި ވީ އެންމެ އަވަސް މިނެއްގައި ތަހުގީގުކޮށް އެ ބިރުވެރި އަމަލު ހިންގި ފަރާތްތައް ޝަރީއަތުގެ މައްޗަށް ގެނެސް އިންސާފު ދިނުމަށް އެދޭ ކަމަށެވެ. އަދި، ދައުލަތުން އެކަށީގެންވާ ފިޔަވަޅު އަޅާތޯ ކޮމިޝަނުން ފާރަވެރިވެ ތަހްގީގު ކުރިއަށްދާ މިންވަރު ގާތުން ބަލަމުންގެންދާނެ ކަމަށެވެ.
އެ ދޯންޏަށް ތޫނު ހަތިޔާރާއެކު ތިރީހަކަށް މީހުން އެރި ކަމަށް އެ ދޯނިން ވަނީ މައުލޫމާތު ދީފައި ވެއެވެ. އަދި އެމީހުން އަރާ ދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި އެމީހުން ބޭނުންވާ ތަނަކަށް ދޯނި ގެންދިޔުމަށް އެދުނެވެ. އަދި ދޯނީގައި ދެން ތިބި ފަޅުވެރިންނަށް ވެސް ބިރު ދައްކައި އެމީހުންގެ އިރުޝާދުތަކަށް ތަބާވާން އެންގި ކަމަށް ވެސް ބުނެ އެވެ.
އެ ދޯންޏަށް އެމީހުން އެރުވި ކަމަށް ބުނާ ތޫނު ހަތިޔާރުތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އަދި އެ ކަމުގައި ފިޔަވަޅު އަޅަންޖެހޭ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، ދޯނި ހައިޖެކް ނުކުރާ ކަމަށާއި އަދި އެއްވެސް މީހަކަށް ބިރު ނުދައްކާ ކަމަށް ދޯނީގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.