އައިޖީއެމްއެޗް ސަރަހައްދު މޫދުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދުގެ ހަށިގަނޑު މިރޭ ވަޅުލަން ނިންމައިފި އެވެ. އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ.
ޕޯސްޓްމޯޓަމް ހެދުމަށް ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ރާއްޖެ ގެނައި ދުވަހެއް އަދި ޕޯސްޓްމޯޓަމްގެ ނަތީޖާއާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ސިދުރަތުﷲގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ޖަނާޒާގެ ކަންކަން ކުރިއަށް ނުގެންދެވި ހަށިގަނޑު ވަޅުނުލާ ގިނަ ދުވަސް ވަމުންދާތީ އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޕޯސްޓް މޯޓަމް ހަދަން ބޭނުން ނުވާކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ފުލުހުން ވަނީ މި މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަކީ ތަހްގީގަށް ވަރަށް މުހިންމު ކަމަކަށްވާތީ ޕޯސްޓް މޯޓަމް ހަދަން ގާނޫނު އަސާސީން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ބޭނުން ކޮށްފައެވެ.
މިމަރާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު ސިދުރަތުﷲ ގެ އާއިލާއިން ވަނީ ބަޔަކު / މީހަކު އޭނާ މަރާލާފައި މޫދަށް އެއްލާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރި ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ.
ސިދުރަތުﷲގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އޭނާ ހިނގާފައި ގޮސް ރަސްފަންނުގެ މޫދާ ދިމާލަށް ދާ މަންޒަރު ފެންނަ ވީޑިއޯ އެއް މިފަހުން ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި އޭނާ އާއި ބައްދަލުވި ބަޔަކު ވާނަމ އެކަން ފުލުހުންނާއި ހިއްސާ ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.