އައިޖީއެމްއެޗް ސަރަހައްދު މޫދުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދުގެ މަރާއި ގުޅިގެން މިހާތަނަށް ކުރެވުނު ތަހުލީލުތަކުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އިންޑިއާއަށް އޭނާގެ ހަށިގަނޑު ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްލިމިނަރީ ރިޕޯޓްގައި ސިދުރަތުﷲ މަރުވި ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ގެނބިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު ލިބުނު ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ކުރެވުނު ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މިހާރުުވެސް ޕޯސްޓްމޯޓަމްއާ ގުޅިގެން ހަދަން ޖެހޭ އިތުރު ތަހުލީލުތައް ރާއްޖެއިން ބޭރުގައި ކުރިއަށްދާ ކަމަށެވެ.
ޕޯސްޓްމޯޓަމް ހެދުމަށް ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. މިމަރާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު ސިދުރަތުﷲ ގެ އާއިލާއިން ވަނީ ބަޔަކު / މީހަކު އޭނާ މަރާލާފައި މޫދަށް އެއްލާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ސިދުރަތުﷲގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާ ފެންނަ ސީސީޓީވީ ފޮޓޭޖެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ހިނގާފައި ގޮސް ރަސްފަންނުގެ މޫދާ ދިމާލަށް ދާ މަންޒަރު ފެންނެއެވެ.