ހަބަރު

ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ރިޕޯޓް އާއިލާ ގަބޫލެއް ނުކުރި

އައިޖީއެމްއެޗް ސަރަހައްދު މޫދުގައި މަރުވެފައި އޮއްވާ މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެނުނު ސިދުރަތުﷲ ގެ ޕޯސްޓްމޯޓަމް ރިޕޯޓް އާއިލާއިން ގަބޫލެއް ނުކުރި އެވެ.

ޕޯސްޓްމޯޓަމް ހަދަން ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ މަރާ ގުޅިގެން ސުވާލުތައް އުފެދިފައިވާއިރު ސިދުރަތުﷲ ގެ އާއިލާއިން ވަނީ ބަޔަކު / މީހަކު އޭނާ މަރާލާފައި މޫދަށް އެއްލާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އިންޑިއާއަށް އޭނާގެ ހަށިގަނޑު ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓްގައި އޭނާ މަރުވި ސަބަބެއް ކަމަށް ފާހަގަ ކޮށްފައި ވަނީ ގެނބުމެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު ލިބުނު ޒަހަމްތަކެކެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ކުރެވުނު ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަން އެނގޭ ކަމަށް ފުލުހުން ބުނެފައިވާއިރު ޕޯސްޓްމޯޓަމާ ގުޅިގެން ހަދަން ޖެހޭ އިތުރު ތަހުލީލުތައް ރާއްޖޭގައި ކުރިއަށްދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ސިދުރަތުﷲ ގެ މަންމަ ޝީރީން ޝިހާބު ބުނީ ޕޯސްޓް މޯޓަމް ރިޕޯޓުގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށެވެ. އާއިލާއިން އެއްވެސް ވަރަކަށް އެ ރިޕޯޓު ގަބޫލު ނުކުރާ ކަމަށެވެ. އޭނާ އަދި ބުނީ ސިދުރަތުﷲ އަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއް ކަން އެނގިފައިނުވާ ކަމަށެވެ.

"ސިދޫ މަރުވުމުގެ ތިން ދުވަސް ކުރިން އޭނަ މާ މަޑު މަޑުން އިންނާތީ އަހާލިން މީހަކު އަނިޔާއެއް ދިނީހޭ... ސިދޫ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން އަޅުގަނޑުމެންނަކަށް ނޭނގޭ. ޕޯސްޓްމޯޓަމް ރިޕޯޓުގަ ހުރީ ހުސް ދޮގު!" އޭނާ ބުންޏެވެ.

ޕޯސްޓް މޯޓަމް ރިޕޯޓުގައި ބުނެފައިވާ ގޮތުން ސިދުރަތުﷲ ގެ ވާތު ލޮލަށާއި މަތީ ތުންފަތާއި ނޭފަތަށް ލިބިފައިވާ ގެއްލުމަކީ މޫދުގައި އޮއްވާ އެއްޗެއް ހަމަލާ ދިނުމުން ލިބިފައި ހުރި ޒަހަމްތަކެކެވެ. އަދި އެނާ މަރުވީ ގެނބިގެނެވެ.

ޝީރީނު ބުނީ ގެނބުނު މީހަކަށް ލޮނު ބޮވިފައި ހުންނާނެ ކަމަށާއި އެކަމަކު ސިދުރަތުﷲ ގެ ބަނޑު އޮތީ އެއްކޮށް ހިނދިފައި ކަމަށާއި ގެނބިގެން މަރުވި ކަމުގެ އަލާމާތެއް ފެންނަން ނެތް ކަމަށެވެ. އަދި ބަނޑުގެ ތިރިން ބޮޑުބައެއް ނޫފައިގެންފައިވާ ކަމަށެވެ.

ޝީރީން ބުނީ ސިދުރަތުﷲ ނޭފަތްވެސް ނެތް ކަމަށާއި ވާތު ލޯ ކޮނެ ނަގާފައި ހުރި ގޮތަކަށް ފެނުނު އިރު މަތީ ތުންފަތް ނެތް ކަމަށާއި ދަތްޕިލަ ވެސް އެއްޗަކުން ޖެހުމުން އެތެރެއަށް ވަދެފައި ހުރި ގޮތަކަށް ފެންނަ ކަމަށެވެ. އަދި އަތުގައި ފުރަގަހުން ވަރަށް ބާރަށް މީހަކު ހިފާފަ ހުރި ކަމުގެ ނިޝާނާއި އުނގަނޑުން ތިރީގައި އެއްޗެއް އައްސާފަ ހުރި ކަމުގެ ނިޝާން ފެންނަން ހުރި ކަމަށެވެ.

ސިދުރަތުﷲ ގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާ ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމު ކޮށްފަ އެވެ. އެ ވީޑިއޯގައި އޭނާ ހިނގާފައި ގޮސް ރަސްފަންނުގެ މޫދާ ދިމާލަށް ދާ މަންޒަރު ފެނެ އެވެ.