ހަބަރު

ނަދީމް މަރުގެ މައްސަލައިގެ ހެކިބަސް ނެގުން އަންނަ މަހު 9 ގައި

ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ނަގަން ނިންމައިފި އެވެ.

މަރުގެ މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ލ. ގަން، ވިދާތަރި، އަލީ ނިފާޒާއި ގ. ޝާރާޒް މުހައްމަދު މަފާޒަށެވެ.

މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި މި ހަތަރު މީހުން ވަނީ ދައުލަތުން ކޮށްފައިވާ ދައުވާތައް ބާތިލް ކުރަން އެދިފަ އެވެ. އެގޮތުން ދައުލަތުން ދައުވާ ކޮށްފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނަ އަޅާ ދިޔުމުން ކަމަށް މި ހަތަރު މީހުންގެ ފަރާތުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ މިފަދަ މައްސަލަތަކުގައި ތަހުގީގު ފުރިހަމަ ކުރުމާއި ދައުވާ ކުރުމަށް ފޮނުވާ މުއްދަތު އިތުރު ކުރެވޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް އެންމެ ފަހުގެ މުއްދަތު ފަހަނައަޅާ ދިޔުމުގެ ކުރިން ދައުލަތުން ދައުވާކުރުމަށް މި މައްސަލަ ފޮނުވާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ދިފާއު ކޮށްފައިނުވާ ކަމަށާއި އެހެންކަމުން މިއީ މައުޟޫއީ ގޮތުން ބެލޭނެ މައްސަލައެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ތުހުމަތު ކުރެވޭ ހަތަރު މީހުން އެދުނު ގޮތަށް ދައުވާ ބާތިލް ކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ދައުލަތުންވެސް އަދި ދިފާއީ ވަކީލުންގެ ފަރާތުންވެސް ފާހަގަ ކުރާނެ އިތުރު ކަމެއް ނެތުމުން ދެން މި މައްސަލައިގައި އޮންނާނީ ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެމެއް ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ހެކިންގެ ހެކިބަސް ނެގުމަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އޭގެ ފަހުން ޖެނުއަރީ ނުވަ ވަނަ ދުވަހާއި 28 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެ ފަނޑިޔާރު ވަނީ މިއަދުގެ އަޑުއެހުން ނިންމާލާފަ އެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް ފަރުވާ އޭޑީކޭގައި ހޯދަމުން ދަނިކޮށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.