ހަބަރު

ނައިބު ރައީސްގެ ސަލާމަތަށް ގްރީން ޒޯން ބަންދުކުރަނީ

މާދަމާ މާލެ ވަޑައިގަންނަވާ ނައިބު ރައީސް އަހުމަދު އަދީބުގެ ހަށިކޮޅަށް ބަޔަކު ހަމަލާދޭން މަސައްކަތް ކޮށްފާނެ ކަމަށް އިންޓެލިޖެންސް ރިޕޯޓްތަކެއް ލިބުމާ ގުޅިގެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު، ނޫނީ ގްރީން ޒޯން މާދަމާ ބަންދު ކުރާ ގޮތަށް ފުލުހުން ނިންމައިފި އެވެ.

މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، މިހާރު ލިބިފައި ހުރި އިންޓެލިޖެންސް މައުލޫމާތުތަކާއި މާލޭގެ ހާލަތު މިވަގުތު އޮތް ގޮތުން ނައިބު ރައީސްގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރަން ޖެހެ އެވެ. އެހެންވެ، ނައިބު ރައީސް މާލެ އަށް ފައިބައި ވަޑައިގަންނަވާ އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު އޮންނާނީ ބަންދުކޮށްފައި ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ. އޭނާ ވަނީ އެތަން ފުލުހުން ބަންދުކޮށްފައި ވަނިކޮށް އެތަނުގެ ހަމަޖެހުން ގެއްލޭ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ރައީސްގެ ހަށިކޮޅަށް ވެސް ހަމަލާއެއް ދީފައިވަނިކޮށް އަދި އެ މައްސަލަ ވެސް ތަހުގީގު ކުރަމުން ދަނިކޮށް އަދި މުޒާހަރާތައް ވެސް ކުރެވެމުން ދާއިރު އަޅުގަނޑުމެންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓްތައް ވެސް ބުނަނީ ނައިބު ރައީސްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭ ކަމަށް. އެމަނިކުފާނުގެ ހަށިކޮޅުގެ ރައްކަލަކަށް ގްރީން ޒޯން ބަންދު މި ކުރަނީ. އެހެން ވީމާ މިތަނަށް އެއްވެސް މީހަކަށް ނުވަދެވޭނެ،" ނަވާޒު ވިދާޅުވި އެވެ.

ފުލުހުން އެގޮތަށް ނިންމި އިރު، ނައިބު ރައީސް އަށް މަރުހަބާ ކިޔުމަށް މާދަމާ މެންދުރު 11:00 އަށް އިއްޒުއްދީން ފާލަމަށް ދިޔުމަށް އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. އަދި އެ މަނިކުފާނަށް މަރުހަބާ ދަންނަަވަން އަންނަނީ ހަރަކާތްތަކެއް ރާވަމުންނެވެ.

ނަވާޒު ވިދާޅުވީ ނައިބު ރައީސްގެ ސެކިއުރިޓީ ވަރުގަދަކޮށް ކުރިން ދިން ސެކިއުރިޓީއަށް ވުރެ ރަނގަޅު ސެކިއުރިޓީއެއް ދޭން ޖެހޭކަން ނައިބު ރައީސް ވެސް ގަބޫލު ކުރައްވާނެ އެވެ. ނަވާޒު ވިދާޅުވީ ނައިބު ރައީސް ވެސް އެ ސަރަހައްދުގައި ހުންނަ ސެކިއުރިޓީގެ ކަންކަމަށް އިހުތިރާމް ކުރައްވާނެ އެވެ. ނަވާޒު ވިދާޅުވީ ނައިބު ރައީސް އަކީ މިފަދަ ސެކިއުރިޓީއެއް ލިބެން ޖެހޭ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ އެ ސަރަހައްދުން އުޅަނދުތައް ދުއްވާ ފަރާތްތަކުން ވެސް އެ ސަރަހައްދުގެ ކާރޫ ބާރޫ ބޮޑު ވާނެ ކަމަށް ބަލައިގެން ދަތުރުތައް ކުރުމަށް އެދިވަޑައިގެންފަ އެވެ.

"އެ ސަރަހައްދު ބަންދު ކުރުމުން އެތަނުގެ ކާރޫބާރޫ ބޮޑުވާނެ. އެކަމަށް ވިސްނަވައިގެން އުޅަނދުތައް ދުއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ނަވާޒު ވިދާޅުވި އެވެ.

މިރޭގެ ޕްރެސްގައި ފުލުހުންގެ ތެރެއަށް ގެނައި ބަދަލުތައް ވެސް ނަވާޒު އިއުލާން ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ބަދަލުތައް ގެނައީ ވަކި ސަބަބަކާ ހުރެގެން ކަން ދަންނަވަން ނޭނގޭ ކަމަށެވެ.