ހަބަރު

އަދީބު ދޫނިދޫގައި ބަހައްޓާނީ ކިހާ ދުވަހަކުކަން ބުނަން އަވަސް: ޕޮލިސް

ގައުމަށް ޣައްދާރުވި ކަމުގެ ތުހުމަތުގެ ތަހުގީގަށް ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބު އެތަނުގައި ބަހައްޓާނީ ކިހާ ދުވަހަކަށް ކަން އަދި ބުނަން ނޭނގޭ ކަމަށް ފުލުހުން ބުނެފި އެވެ.

އަދީބް ހައްޔަރުކުރިކަން ރަސްމީކޮށް އިއުލާނު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޯކްސްޕާސަން އެސިސްޓެންޓް ކޮމިޝަނާ ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، އަދީބު މިވަގުތު ހުންނެވީ ތަހުގީގަށް ދޫނިދޫގައި ހައްޔަރުކޮށްފައި ކަމަށެވެ. ތަހުގީގު މިއަދު ފަށާފައިވާތީއާ، އެކަމަށް ނަގާނެ މުއްދަތެއް ނޭނގޭތީ ދޫނިދޫގައި އަދީބު ހުންނަވާނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ، ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމާއި ގުޅިގެން މާލެތެރޭގައި ބަޔަކު ހަމަނުޖެހުން ހިންގަފާނެ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް މަގުތަކުގައި ހަމަނުޖެހުން ހިންގަމުންދާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި މިއަދުން ފެށިގެން މާލޭގެ މަގުތަކުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އަމާންކަން ކަށަވަރުކުރުމަށް މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެ. މިއަދު މަގުމައްޗަށް އެއްވި މީހުންގެ ތެރެއިންވެސް މި ވަނީ 4 މީހަކު ހައްޔަރުކޮށްފައި. އިތުރު މައުލޫމާތު ލިބޭވަރަކުން އަޅުގަނޑުމެން ހާމަކުރާނަން،" ނަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނައިބު ރައީސް އަދީބު ހައްޔަރު ކުރީ ލޯންޗުކޮޅު ތަހުގީގާ ގުޅޭ ގޮތުން ކަމަށާއި އެ ތަހުގީގު މިހާރުވެސް ކުރިއަށްދާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.