ރިޕޯޓް

ފުލުސް ކޮމިޝަނާއަކަށް ދެންވާނީ ކާކު؟

Oct 24, 2015
18

ފުލުހުންގެ އިދާރާ އާއި ފުލުހުންގެ ވެރިންނަށް އަމާޒުވާ ފާޑު ކިޔުންތަކަށް ނިމުމެއް ނާންނާނެ އެވެ. ކުރެވޭނެ ކަމަކީ ފުލުހުންގެ އިމޭޖް ރަނގަޅުކޮށް ފާޑުކިޔުންތައް މިނިމައިޒް ކުރުމެވެ. "ކޮމިއުނިޓީ އޮރިއެންޓެޑް" މަދަނީ މުއައްސަސާއަކަށް ފުލުހުން ވާތީ މިކަން އަބަދުވެސް މިގޮތަށް އޮންނާނެ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޖުގެ އަޅުކަމަށް ފަހު މިދިއަ މަހުގެ 28 ވަނަ މާލެ ވަޑައިގެންނެވި ވަގުތު އެމަނިކުފާނު އަވާހަރަ ކޮށްލުމަށް "ފިނިފެންމާ" ލޯންޗުކޮޅުގައި ދިން ބޮމުގެ ހަަމަލާއަށްފަހު އެކި ދިމަ ދިމާއަށް ކުރި ތުހުމަތުތައް ފުލުހުންގެ ބައެއް ވެރިން، ހާއްސަކޮށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އޭރު ހުންނެވި ހުސައިން ވަހީދަށް ކުރި އެވެ. އެއާ ގުޅިގެން ހުސައިން ވަހީދު ފުުލުސްގެ އެންމެ އިސް މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެވިފައިވާ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރުނެވެ.

އެންމެ ބޮޑަށް އެ އަޑުތައް ފެތުރުނީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާ ތަހުގީގު ކުރުމަށް އެކުލަވައިލި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގައި ހުސައިން ވަހީދު ހިމެނި ވަޑައި ނުގަތުމާއި މިފަދަ ބޮޑު މައްސަލައެއް ހިނގަމުން ދަނިކޮށް ކުއްލި ގޮތަކަށް "މެޑިކަލް ލީވްއެއް" ނަންގަައިގެން ސިންގަޫރަށް ވަޑައިގަތުމުނެވެ. އަދި މި ހަމަލާގެ ތުހުމަތުގެ އިނގިލި ދިއްކުރެވިފައިވާ ނައިބު ރައީސް އަހުމަދު އަދީބާއި ހުސެން ވަހީދާ ގާތް ގުޅުމެއް އޮވެފައި ނައިބު ރައީސް ސިންގަޕޫރުގައި ހުންނަވަނިކޮށް ހުސައިން ވަހީދު ވެސް ވަޑައިގެންނެވުމުން ތުހުމަތުތައް އިތުރުވި އެވެ.

އަޑުތައް މިހެން އޮއްވާ އަދި ޗައިނާ ދަތުރުފުުޅުގެ ޝެޑިއުލް ބަދަލު ކުރައްވާ ސިންގަޕޫރަށް ވަޑައިގެންނެވި ނައިބު ރައީސް މާލެ ވަޑައިގަންނަވާކަން އިއްޔެ ކުއްލި ގޮތަކަށް އިއުލާން ކުރެއްވުމާއި އެއާ ގުޅުވައި ހުސައިން ވަހީދު ސިންގަޕޫރުގައި ހުންނަވައިގެން "ކޮމާންޑް" ކުރައްވާ ކަމަށް އިއްޔެ އަޑު ފެތުރިފައި ވަނިކޮށް ރޭ އިރާކޮޅު ރައީސް ޔާމީން ވަނީ ކުއްލި ގޮތަކަށް ފުުލުސް އިދާރާގެ މަތިފަޑި "ކޮށާލައި" ސައިޒަށް ފިޓްކޮށްލާފަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ މި ނިންމެވުން އައީ ހަމަ "ފަޅި ސިކުންތެއް" ގެ ތެރޭގަ އެވެ. ރައީސްގެ އެންމެ އަރިސް ބޭފުޅުންނަށް ނަށާއި އޮފިޝަލުންނަށް ވެސް އެ ނިންމެވުން އެނގިވަޑައި ނުގަންނަވާ ކަމަށް ވެއެވެ.

ގެންނެވި ބަދަލުތަކަށް ބަލާއިރު ވެސް މިއީ ވަރަށް "ގަޓް" ހުރެގެން ގެނެސްފައިވާ ބަދަލުތަކެއްކަން އެނގެ އެވެ. ސަބަބަކީ ފުލުސް އިދާރާއެއްގެ އެލެވެލްގެ ތަރުތީބެއް، ހާއްސަކޮށް ދުވަސްވެ މޫލާފައި އޮތް ތަރުތީބެއް ހިނދުކޮޅެއްގެ ތެރޭގައި "ތަޅާ އަޅައިލު"މަކީ ރައީސަށް ވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެތީ އެވެ. އިވޭ އަޑުތަކަށް ބަލާއިރު ބޭރު ކޮށްލެވުނު "ޓީމް"ގެ ބާރު އޮތީ ފުލުގެ ހުރިހާ ދިމާއަކަށް ފެތުރުމުގެ އިތުރުން ހައްޔަރުކޮށްފައިވާ ނައިބު ރައީސާ ވަރަށް ބޮޑަށް ގުޅި ލާމެހިފަ އެވެ.

ފުރަތަމަ ކަމަކަށް ކޮމިޝަނާގެ މަގާމުން ހުސައިން ވަހީދު ވަކިކޮށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މނިސްޓަރު ކަމަށް ބަދަލުކޮށްލީ އެވެ. ފެބުރުއަރީ 7 އިން ފެށިގެން އަޑުތައް ފެތުރިފައި އޮންނަ ގޮތުން ހުސެން ވަހީދަލީ ފުލުހުންގެ "ހިތެ"ވެ. އެ ހިތް ފޮތިކޮށްލަން ރައީސް ޔާމީން ބޭނުންފުޅުވީ ކުޑަ ވަގުތުކޮޅެކެވެ.

އެންމެ އާދަޔާ ހިލާފު އެއް ބަދަލީ ޕޮލިސް އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގައި ހުންނެވި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު އަރީފު، އެސިސްޓެންޓް ކޮމިޝަނާގެ މަގާމުން ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ބަދަލު ކުރައްވާ މިވަގުތަށް ފުލުސް އިދާރާ ހިންގުމުގެ ހުރިހާ ޒިންމާއެއް އޭނާއާ ވަނީ ހަވާލު ކުރެއްވުމުންނެވެ. މީގައި ހައިރާންވާވަރު ކަމަކީ މަޖީދިއްޔާގެ ފުޓްބޯޅަ ކެޕްޓަންކަން ކުރި އަރީފަކީ ލީޑަރެއްކަން ފުލުހުންގެ ތެރެއިން އާންމުންނަށް އެހާ ބޮޑަށް ފެނިފައި ނުވާތީ އެވެ. އޭނާ އެންމެ ބޮޑަށް ފެނިފައި ވަނީ ވެސް ރައީސް ނަޝީދުގެ ވެރި ކަމުގައި ރައީސް މައުމޫން ފުލުހަށް ހާޒިރު ކުރަން އުުޅުމުގެ ތެރެއިންނެވެ.

މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގައި ހުންނެވި މުހައްމަދު ސޯދިގު ޖެންޑާ މިނިސްޓްރީގެ ނައިބު ކަމަށް ބަދަލުކޮށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބު ހައުސިން މިނިސްޓަރުގެ ނައިބު ކަމަށް ބަދަލު ކުރެއްވި އެވެ. މިއީ އަޖައިބު ކުރިވި ބަދަލެކެވެ. މީގެ މާނައަކީ މީ ގާތްގަނޑަކަށް ފުުލުސް އިދާރާގައި ޒަމާންވީ އުސް ފާރު ވައްޓައިލީ އެވެ.

އެވާހަކަ ދެން ބާއްވާށެވެ. ވެދިޔަތަން މަރުވީ އެވެ. ދެން ޕޮލިސް ކޮމިޝަނާ ކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްހެޔެވެ؟

އާ ފުލުސް ކޮމިޝަނާއަށް ވެވަޑައިގެންފާނެ ބޭފުޅުންނަށް ބަލާއިރު ތަޖުރިބާ ގޮތުންނާއި ލެވެލްގެ ގޮތުން ވަރަށް ވާދަވެރި ބޭފުޅުންކޮޅެއް އެބަތިއްބެވި އެވެ. އޭގެތެރެއިން އެންމެ ބޮޑު އެއް ފޭވެރިޓެއް ކަމަށް ބެލެވެނީ މިވަގުތު ފުުލުހުންގެ ޒިންމާތައް ހަވާލު ކުރައްވާފައިވާ އަރީފެވެ.
ދެން "ފިނިފެންމާ" މައްސަލައިގެ ތަހުގީގު ކުރާ އިންކްއަރީ ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ އެސިސްޓެންޓް ކޮމިޝަނާ އަދި މިހާރު ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ވެސް ހުންނެވި އަބްދުﷲ ނަވާޒެވެ. މީގެ އިތުރުން ކޮމިޝަނާގެ ބިއުރޯ ބަލަހައްޓަވާ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނާ އަބްދުލް މަންނާނު ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނާ އަހުމަދު ސައުދީ ހިމެނެ އެވެ.

މިބޭފުޅުންން ބަލާއިރު އަރީފުގެ ފަަތަށް ދެންމެ އެންމެ ޕޮލިސިބަލް ދެ ބޭފުޅުންނަކީ ނަވާޒާއި މަންނާނެވެ. ރަށުތެރޭގައި ހުރި އަޑުތަކަށާއި ދެކެވޭ ވަހަކަތަކަށް ބަލާއިރު ފަރުހާދަށް އެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު ކުޑަ އެވެ. ނުވަތަ ގާތްގަނޑަކަށް ވަނީ ބަންދުވެފައެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އެންމެ އެ މަގާމަށް އެކަށީގެންވާ އަދި މިވަގުތަށް އެންމެ ފިޓްވާ ބޭފުޅަކީ ނަވާޒް. ދެން މަންނާނާއި އަރީފު،" ފުލުހުންގެ އިސް ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން އޅުއްވި ބޭފުޅަކު ވދޅުވި އެވެ.

މި ބޭފުޅުންނަށް ބަލާއިރު ފަހަކަށް އައިސް ރާއްޖޭގައި ހިންގި އެންމެ ބޮޑެތި މައްސަލަތައް ތަހުގީގު ކުރެއްވުމުގަ އާއި އެފަދަ މައްސަލަތަކާއި ހާއްސަ ހާލަތްތަކުގައި މީޑިއާއާ ކުރިމަތިލައްވާ ޖެހިލުން ކުޑަކަމާއެކު ވާހަކަފުޅު ދައްކަވާ އަދި އެންމެންގެ ލޮލުގައި އެންމެ އަޅައިގަންނަ ބޭފުޅަކީ ނަވާޒެވެ.

ނަމަވެސް ފުލުހުންގެ ތަރުޖަމާނު ކަމަށް ފުުހުންގެ އެ މުއައްސަސާގެ ތެރެއިން އޭނާ ހަމަޖެއްސުމުން ކޮމިޝަނާ ކަމަށް ވަޑައިގަތުމުގެ ފުރުސަތު ނަވާޒަށް ނެތް ކަމުގެ ސިގުނަލެއް ލިބުނީ އެވެ. މީގެ މާނައަކީ ނަވާޒު ދެން ބޭނުން ކުރާނީ ބޮޑެތި ކަންކަމުގައި ފުލުހުންގެ ދުލުގެ ގޮތު އެވެ. ނަވާޒަށް އެހެން ތުރާލަކާ ވެސް ދިމާވެއެވެ. އެއީ ނަވާޒާ ގުޅޭ ފޮޓޯއެއް ކަމަށް ބުނާ ފޮޓޯއަކާ ގުޅުވައި ކުރާ އިންޓެގްރިޓީ ސުވާލުގެ މައްސަލަ އެވެ. އެހެންވެ "ގަޓް" ހުރެފައި ކޮމިޝަނާގެ މަގާމަށް ފިޓް ވިޔަސް ނަވާޒަށް މީގެ ސަބަބުން ޕޮއިންޓް މަދުވާ ގޮތް ވެއެވެ. މީގެ މާނައަކީ ނަވާޒަށް ނުލިބުމެއް ނޫނެވެ.

ދެން ހުންނެވީ މަންނާނެ އެވެ. އިލްމީ ގޮތުން ނާއި ތަޖުރިބާގެ ގޮތުން ބަލާއިރު ވަރަށް ވަރަށް ވެސް ރަނގަޅު ހޮވުމެކެވެ. އެކަމަކު އަމިއްލަ ޝަހުސިއްޔަތުގައި ވެސް ހުންނަ މަޑުމައިތިރިކަމާއި ޒުވާން ކަމަށް ބަލާއިރު މަންނާނަށް ވެސް އަދި ކޮމިޝަނާގެ ގޮނޑިއަށް ވަޑައިގަތުމުގެ ފުރުސަތު ހަންޏެވެ. ދެން ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އަހުމަދު ސައުދީ އެވެ. މީ ވެސް ކޮމިޝަނާއަކަށް ވެދާނެ ބޭފުޅެކެވެ. ނަމަވެސް ރަށުތެރޭގައި ސައުދީއާ ގުޅވައި ދައްކާ ބައެއް ބާއްވާ ވާަކަތަކުގެ ސަބަބުން ސައުދީ ހޮވަން ބަލާއިރު ރައީސަށް ދައްޗާ ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

އެހެން ކަމުން ހުރިހާ ގޮތަކުން ބެލިޔަސް އެންމެ ޕޮލިސިބަލް ބޭފުޅަކީ އަރީފެވެ. ދެން ނަވާޒެވެ. އެ ދެ ބޭފުޅުން ނޫން ކަމަަށްވަންޏާ މަންނާނަކީ ރައީސްގެ ފުރަތަމަ ހޮވުމަށް ވެދާނެ އެވެ. ހޯރަފުއްޓަށް ނިސްބަތްވާ ސައުދީ އަންނާނީ އެހެން ގޮތެއް ނެތްނަމަ ކަމަށް ބެލެވެ އެވެ. ސައުދީ އަކީ ތަޖުރިބާކާރެވެ.

ބައެއް އަޑުތައް ހުރި ގޮތުން ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އިބްރާހިމް ލަތީފު ކޮމިޝަނާ ކަމަށް ވަޑައިގެންފާނެ އެވެ. ނަމަވެސް އޭނާގެ ވަޒީފާ މެދުކެނޑި މިވަގުތު ބޭރު ގައުމެއްގެ ޕޮލިސް އެޑްވައިޒަރީ ވަޒީފާ އެއް އަދާ ކުރައްވާތީ އާއި ފުލުހުންގެ ގަވައިދުތަކާއި އޮނިގަނޑު މިހާރު އޮންނަ ގޮތުން ލަތީފު ވަޑައިގަތުމުގެ ފުރުސަތު ގާތްގަނޑަކަށް ނެތެވެ. އަދި މާޒީގައި ކަން ހިނގާފައި ހުރި ގޮތުން ލަތީފު އެކަމަށް ޝައުގުވެރި ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ފުުލުހުންގެ ހިދުމަތް އޮންނަ ގޮތާއި ލަތީފުގެ ތަޖުރިބާ އާއި އޭނާގެ މައްޗަށް ކުރިންސުރެ އޮންނަ ލޯތްބަކީ އެ މަގާމަށް އޭނާ ފިޓްކޮށްދޭ ކަމެކެވެ. އެކަމު އެއީ ވުން ވަރަށް ދުރު ކަމެކެވެ. ޕްރިޑިކްޝަން ދިމާވޭތޯ ބަލަންތިބެމާ ހިނގާށެވެ.