ވަރުގަދަ، ގްރޫޕް މާރާމާރީއެއް ހިންގައި ރޭ މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ފުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ގއ. މާމެންދޫގައި ރޭ 11:00 ޖެހި އިރު ޒަހަމް ކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލީ އަހުމަދު އުދައްޔުގެ މަރުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މާމެންދޫ މަރާއި މާރާމާރީއާ ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމަންޓުން ވަނީ ތަހުގީގު ފަށައި އެ ރަށަށް ޓީމެއްވެސް ފޮނުވާފައެވެ.
މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގަކާ ނުލައި ފުރާނައެއް ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް އަދި ކުށެއް ކަމަށެވެ. ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހަންމަލު ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"އަހުމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ،" އިމްރާންގެ ޓްވީޓްގައި ވިދާޅުވިއެވެ.
ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހްމަދު ވިދާޅުވި ގޮތުގައި އުދައްޔު އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ. އޭނާގެ ބުރަކައްޓަށް ވަޅީން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް އަދި އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވެއެވެ. މި މާރާމާރީގައި އުދައްޔުގެ ބޭބެވެސް ވަނީ ޒަހަމްކޮށްފައެވެ. އޭނާގެ ހާލު ވެސް ދެރަ އެވެ.
މިއީ މާރާމާރީތަކުގައި މީހުން މެރުމުގެ ސިލްސިލާތަކަށް ހުއްޓުމެއް އައިސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ހިނގި ހާދިސާއެކެވެ.