ޓޫރިޒަމް ރިއަލް އެސްޓޭޓް

ސަރުކާރުގެ ޓޫރިޒަމް ޖޭވީތަކުގެ ހިއްސާ ވިއްކުމާ ބެހޭ ގަވާއިދު ހަދައިފި

ސަރުކާރު ހިއްސާވާ ގޮތަށް ހަދާފައިވާ ޓޫރިޒަމް ޖޮއިންޓްވެންޗާ (ޖޭވީ) ކުންފުނިތަކުގެ ހިއްސާ ވިއްކުމާ ބެހޭ ގަވާއިދު ނެރެފި އެވެ.

މި ގަވާއިދު ނެރެފައިވަނީ ސަރުކާރުން ޓޫރިޒަމް ގާނޫނަށް ދާދި ފަހުން ގެނެސްފައިވާ އިސްލާހުގެ ދަށުންނެވެ. އެ ފަހަރު ގެނައި އިސްލާހާއެކު ޓޫރިޒަމް ޖޭވީތަކުގެ ހިއްސާ ވިއްކާލުމުގެ ގާނޫނީ ބާރު ވަނީ ލިބިގެން ގޮސްފަ އެވެ.

ގަވާއިދުގައި ޓޫރިސްޓް ރިޒޯޓުގެގޮތުގައި ތަރައްގީ ކުރާ ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ހިއްސާ ހިމެނޭ ގޮތަށް ހަދާފައިވާ ޖޭވީ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކުމުގައި އަމަލު ކުރާނެ އުސޫލު ބަޔާން ކޮށްދީފައިވެ އެވެ.

މި ގަވާއިދުގައިވާ ގޮތުން ސަރުކާރު ބައިވެރިވެގެން އިންވެސްޓް ކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ވިޔަފާރިއެއްގެ ގޮތުގައި ބަލާނީ ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން އުފައްދާފައިވާ ކުންފުނި ތަކަށް އެކަންޏެވެ.

ހިއްސާ ވިއްކާނީ ރައީސްގެ ލަފާގެ މަތިން

މި ގަވާއިދުގެ ދަށުން ސަރުކާރު ހިއްސާވާ ޖޭވީ ކުންފުންޏެއްގެ ހިއްސާ ވިއްކާލެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ލަފާނެ މަތިން ފިނޭންސް މިނިސްޓްރީ އަށެވެ.

ވިއްކޭނީ ރަށުގެ އަކަ މީޓަރަކަށް ފަސް ޑޮލަރުގެ ރޭޓުން

ސަރުކާރު ކުންފުންޏެއްގެ ހިއްސާ ވިއްކާލުމުގައި އަގު ކަނޑައަޅާނީ ރިޒޯޓު ތަރައްގީކުރުމުގެ ގޮތުން އެ ކުންފުންޏަކަށް ކުއްޔަށް ދޫކުރެވިފައިވާ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ކޮންމެ ޕަސެންޓަކަށް، ފަސް ޑޮލަރުގެ މަގުން އަގު ކުރުމަށްފަހު ޖެހޭ އަދަދަށްވާ މިންވަރަށެވެ.

މި ގަވާއިދުގެ ދަށުން ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ މުއާމަލާތް ކުރި އަށް ގެންދަންވާނީ ސަރުކާރާއި ހިއްސާ ގަންނަ ހިއްސާދާރު ނުވަތަ ހިއްސާދާރުންގެ ދެމެދުގައި ލިޔުމުން ވެވޭ ހިއްސާ ވިއްކާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެއްބަސްވުމުގައި ހުންނަން ޖެހޭ ޝަރުތުތައް

  • ވިއްކާލެވޭ ހިއްސާގެ މިންވަރު
  • ވިއްކާލެވޭ ހިއްސާގެ އަގު އަދާކުރާނޭ ގޮތުގެ ތަފުސީލު
  • ވިއްކާލެވޭ ހިއްސާގެ އަގު އަދާކޮށް ނިންމުމަށް ކަނޑައެޅޭ މުއްދަތު

ގަވާއިދުގައި ސަރުކާރުގެ ފަރާތުން ވިއްކާލާ ހިއްސާ އަށް ކަނޑައެޅޭ އަގު ހިއްސާ ގަންނަ ފަރާތުން ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ބަހާލައިގެން ދައްކައި ހަލާސް ކުރާގޮތަށް ކަނޑައެޅުމުގެ އިހުތިޔާރު ސަރުކާރަށް ދީފާއިވެ އެވެ. ނަމަވެސް އަގު އަދާ ދައްކާ ހަލާސް ކުރުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 18 މަސް ދުވަހެވެ.

ރާއްޖެ އަަށް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ސަރުކާރުން ވަނީ ޓޫރިޒަމް ގާނޫނު އިސްލާހުކޮށްފަ އެވެ. މި އިސްލާހާއެކު ރިއަލްއެސްޓޭޓް ޓޫރިޒަމް ތައާރަފުކޮށް ރާއްޖޭގައި ނުހެދި ހުރި 85 އަށްވުރެ ގިނަ ޓޫރިޒަމް ޕްރޮޕަޓީ ހެދުމުގެ ފުރުސަތު ފަހިވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.