މާދަމާ ރޯދަ މަސް މާދަމާ ފެށޭއިރު، ބާޒާރުގައި ބައެއް ތަކެތީގެ އަގު މަތިވެއްޖެ އެވެ.
ބާޒާރުގައި މިހާރު އަގު އެންމެ މަތިވެފައިވާ އެއް ބާވަތަކީ ރޯދަ މަހު އާއްމުކޮށް ބޭނުން ކުރާ ކަރަ އެވެ. ކަރާ ކިލޯއެއް މީގެ ތިން ދުވަސް ކުރީގައި 15ރ. އަށް ލިބުނު ނަމަވެސް މިހާރު ކަރާ ކިލޯއެއް ހުރީ 25ރ. އިން މަތީގެ އަގު ތަކެއްގަ އެވެ. ކަރާގެ އިތުރުން ދެން އެންމެ ބޮޑަށް އަގު މަތިވެފައިވަނީ ކުރުނބާ އެވެ. ކުރުނބާގެ އަގު އުޅެނީ 35ރ. އާއި 50ރ. އާ ދެމެދުގަ އެވެ.
ބާޒާރު މަތި ހެނދުނުގެ ވަގުތުތަކުގައި ފެނުނީ އާދައިގެ ގޮތަކަށެވެ. ބެލެވޭ ގޮތުގައި މިހާރު ބާޒާރުގެ ހަލަބޮލިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވަނީ ބައެއް ބޯޓު ފަހަރު މުދާ ހިފައިފެން ފުރުމުންނެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބާޒާރު މަތި އަނެއްކާވެސް ހަލަބޮލިވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ބާޒާރުގައި އެހެން ތަކެތީގެ އަގު ހުރި ގޮތް
- އިނގުރު ކިލޯއެއް 50ރ. އަށް
- ޓޮމާޓޯ ކިލޯއެއް 60ރ. އަށް
- ލޮނުމެދު ކިލޯއެއް 35ރ. އާއި 50ރ. އަށް
- ލީގްސް ކިލޯއެއް 90ރ. އަށް
- ބެލްޕެޕާ ކިލޯއެއް 80ރ. އަށް
- ކިއު ކަމްބާ ކިލޯއެއް 40ރ. އަށް
- ބަޓާނާ ކިލޯއެއް 35ރ. އަށް
- ލުނބޯ ކިލޯއެއް 50ރ. އަށް
- ގިތެޔޮ މިރުސް ކިލޯއެއް 300ރ. އަށް
- ޕެޝަން ފުރުޓް ކިލޯއެއް 55ރ. އަށް
- ތޮޅި ކިލޯއެއް 65ރ. އަށް
- ލެޓިއުސް ކިލޯއެއް 90ރ. އާއި 100ރ. އަށް
ރޯދަ މަހު އާއްމު ގޮތެއްގައި އަގު މަތިވާ ފިޔާ، އަލުވި އަދި ބިހުގެ އަގު ހުރީ ކޮންޓްރޯލް ވެފަ އެވެ. ފިޔާ އަދި އަލުވި ބަސްތާއެއް ވިއްކަނީ 240ރ. އަށެވެ. ވަކިން ވިއްކަނީ ފިޔާ އަދި އަލުވި ކިލޯއެއް 12ރ. އަށެވެ. އަދި ބިސް ކޭހެއްގެ އަގު ހުރީ 340ރ. ގަ އެވެ. ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯއިން މި ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމާއި ބޮޑެތި ފިހާރަތަކުން ދުރާލާ ބޮޑު ޝިޕްމަންޓް ގެނައުމެވެ.
މާރުކޭޓުން ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މިހާރު ބައެއް ތަކެތީގެ އަގު ކުޑަކޮށް މަތިކޮށް ހުރިނަމަވެސް ހަފުތާއެއްހާ ދުވަސް ފަހުން އަގު ދަށަށް ދާނެ އެވެ.
"ކަރާގެ އަގު ހިނގައިދާނެ 30ރ. ވަރަށް. ދެން ދެ ހަފުތާއެއް ފަހުން ވާނީ ދަށް. މަތިކޮށްގެން މިފަހަރު ވިއްކޭނެހެން ހިއެއް ނުވޭ،" ވިޔަފާރިވެރިއަކު ބުންޏެވެ.
މަސް މާރުކޭޓުގައި ކަނޑު މަސް ކިލޯއެއް ވިއްކަނީ 40ރ. އާއި 50ރ. އާ ދެމެދުގަ އަގުތަކެއްގަ އެވެ. އަދި ފަރު މަސް ވިއްކަނީ 20ރ. އިން ފެށިގެން މަތީގެ އަގުތަކެއްގަ އެވެ. ބޮޑު ރަތް މަހެއް މިހާރު ހުރީ 350ރ. އަށެވެ. އަދި އާދައިގެ ފަނި ހަންޏެއް ވިއްކަނީ 70ރ. ވަރަށެވެ.
ބާޒާރުގައި ބައެއް ތަކެތީގެ އަގު މަތިވި ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ޝޮޕިން ޗެއިން ކަމަށްވާ ރެޑްވޭވް ގެ ފިހާރަ ތަކުން ވަނީ އާއްމުން ބޭނުން ކުރާ ގިނަ ބާވަތްތަކެއްގެ އަގު ހެޔޮކޮށްފަ އެވެ.