ރެޑްވޭވް

ކޮންމެ ދުވަހަކު އެއްޗެއްގެ އަގު ހެޔޮ ކުރެވޭތޯ ބަލަން

ކޮންމެ ދުވަހަކު ވެސް ރެޑްވޭވްގައި ވިއްކާ ކޮންމެވެސް އެއްޗެއް، ނޫނީ އެއް ބާވަތަކުން އަގު ހެޔޮ ކުރެވޭތޯ ބައްލަވާނެ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ޗެއިން ކަމަށްވާ ރެޑްވޭވްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަލީމަކީ ވިޔަފާރިއާ ބެހޭ ގޮތުން މީޑިއާގައި ވާހަކަފުޅު ދައްކަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ރޯދަ މަހާ ދިމާކޮށް މުދަލުގެ އަގު ހެޔޮ ކުރަމުން ގެންދިއުމާ ބެހޭ ގޮތުން އަވަސް އަށް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ސަލީމް ވިދާޅުވީ ރޯދަ މަސް އެ ކުންފުނިން ހެޔޮ ކުރާ މުދަލުގެ 90 ޕަސެންޓަކީ އެ ކުންފުނިން އެތެރެ ކުރާ، ރެޑްވޭވްގެ އެކްސްކްލޫސިވް ޕްރޮޑަކްޓްތައް ކަމަށެވެ.

"އެހެންވީމަ އަގު ހެޔޮ ކުރުމުގައި މި ތަކެއްޗާ އެހެން ފަރާތްތަކަށް ވާދަ ކުރުމަކީ ވަރަށް ދަތި ކަމަށް ވާނީ. ރޯދަ މަހަށް މިހާރު އަގު ހެޔޮ ކޮށްފައިވާ މުދަލުން އެވްރެޖު ގޮތެއްގައި 10 ޕަސެންޓާއި 30 ޕަސެންޓު ވަރު ހެޔޮ ކޮށްފައި ވާނެ،" ސަލީމް ވިދާޅުވި އެވެ.

ރެޑްވޭވުން ރޯދަ މަސް ފެށެން ކައިރިވެފައި ވަނިކޮށް އެންމެ ބޮޑަށް ޑިމާންޑް އުފުލޭ ފިޔާ، އަލުވި އަދި ބިހުގެ އަގު ވެސް ހެޔޮ ކުރި އެވެ. އެ ކުންފުނީގެ ފިހާރަތަކުން ފިޔާ އަދި އަލުވި ކިލޯއެއް 10ރ. އަށް ވިއްކާއިރު ބިހެއް ވިއްކަނީ 1.50ރ. އަަށެވެ.

ސަލީމް ވިދާޅުވީ ފިޔާ، އަލުވި އަދި ބިހުގެ އަގު އިންޑިއާގައި މިހާރު ބޮޑުކޮށްފައިވާ ކަމަށާ، ނަމަވެސް އެ ކުންފުނިން ވިއްކާ އެ ބާވަތްތަކުގެ އަގު ބޮޑު ނުކުރާނެ ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް ބަލަން ކޮންމެ އެއްޗެއް ތޯ އަގު ހެޔޮ ކުރެވޭނީ އެގޮތަށް ބަލައި ލިސްޓެއް ހަދާފަ ހެޔޮ ކުރެވެން އޮތް އެންމެ ބޮޑަކަށް މިދަނީ ހެޔޮ ކުރަމުން. ކަސްޓަމަރުންނަށް އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަގު ހެޔޮ ކުރި ބާވަތްތައް ރޯދަ މަސް ނިމެންދެން ވެސް ހެޔޮ ވާނެކަން،" ސަލީމް ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ވެސް ބަލަން ކޮންމެ އެއްޗެއް ތޯ އަގު ހެޔޮ ކުރެވޭނީ އެގޮތަށް ބަލައި ލިސްޓެއް ހަދާފަ ހެޔޮ ކުރެވެން އޮތް އެންމެ ބޮޑަކަށް މިދަނީ ހެޔޮ ކުރަމުން. ކަސްޓަމަރުންނަށް ދޭނެ ޔަގީން ކަމަކީ އަގު ހެޔޮ ކުރި ބާވަތްތައް ރޯދަ މަސް ނިމެންދެން ވެސް ހެޔޮވާނެކަން
އަހުމަދު ސަލީމް | ރެޑްވޭވްގެ ވެރިޔާ

އޭނާ ވިދާޅުވީ ރެޑްވޭވުން އެތެރެ ނުކުރި ނަމަވެސް ބާޒާރުން ވިއްކާ ބާވަތްތައް ވެސް ވީހާ ވެސް ކުޑަ ފައިދާއެއް ލާފައި ފޯރުކޮށް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިހާލަތު [ކޮވިޑް-19] ގެ ސަބަބުން ގިނަ ބައެއްގެ އަތްމަތި ވަރަށް ދަތިވެފައިވާކަން. ގިނަ ބަޔަކު ތިބީ ދަތި ހާލަތެއްގައިކަން. އެހެންވީމަ މަސް ދަޅު ފަދަ އެއްޗިހި ވެސް ކުޑަ ލާރިކޮޅެއް ލާފަ މި ވިއްކަނީ،" ސަލީމް ވިދާޅުވި އެވެ.

ރެޑްވޭވުން ވަނީ ރޯދަ މަހާ ދިމާކޮށް އިއްޔެ ވެސް ވަނީ ގިނަ ބާވަތްތަކެއްގެ އަގު ހެޔޮކޮށްފަ އެވެ. އޭގެ ތެރޭގައި 15 ބާވަތެއް ހިމެނެ އެވެ.

ރެޑްވޭވްއަކީ ރާއްޖޭގެ އެންމެ ބޮޑު ރީޓެއިލް ޗެއިނެވެ. އެ ކުންފުނިން މާލެ އާއި ހުޅުމާލޭގައި 11 ފިހާރައެއް ހިންގަމުންދެ އެވެ. މި ފިހާރައިގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ބޮޑު ފިހާރަ ކަމަށްވާ މެގަ މޯލްއެއް ވެސް ހިންގަ އެވެ.