ގއ. މާމެންދޫ ސަލްމާ ނަސީރު ވިހެއުމަށް ފަހު ލޭ މަނާ ނުވެގެން ފަރުވާ ދެމުންދަނިކޮށް މަރުވި މައްސަލާގައި އޭޑީކޭ ހޮސްޕިޓަލްގެ އިހްމާލު އޮތް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ސަލްމާ މަރުވީ ވިހެއުމުގެ ތެރޭގައި ލޭ މަނާ ނުވެގެން ފަރުވާ ދެމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
ސަލްމާގެ ފިރިމީހާ އިބްރާހީމް އަދުހަމުގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އޭނާގެ ފަރާތުން އެ މައްސަލާގައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތަކާ ހަވާލުވެފައިވާ އެޑްވޮކަސީ ޗެމްބާސްގެ ފަރާތުންނެވެ.
އެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަލްމާ މަރުވި މައްސަލަ ހެލްތު މިނިސްޓްރީއަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު ސަލްމާ އަށް ފަރުވާ ދިނުމުގައި އޭޑީކޭ ހޮސްޕިޓަލުން އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އޭޑީކޭގެ މުވައްޒަފުންގެ އިހްމާލު އޮތް ކަމަށް ފެންނާތީ ޖިނާއީ ތަހުގީގެއް ކުރުމަށެވެ. މައްސަލާގައި ޝާމިލްވާ ބައެއް މީހުންނަކީ ބިދޭސީ މުވައްޒަފުން ކަމަށްވާތީ ތަހުގީގު ނިމެންދެން އެ މީހުންނަށް ފުރައިގެން ނުދެވޭނެ ގޮތް ހެދުމަށްޓަކައި އެމީހުންގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް ވެސް އެދިފައިވެ އެވެ.
ސަލްމާ މަރުވި މައްސަލާގައި މެޑިކަލް ރެކޯޑްތައް ހޯދުމަށް އެދުމުން އޭޑީކޭ އިން ކަމާ ގުޅޭ ލިޔުންތައް ދީފައި ނުވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ސަލްމާ މަރުވި މައްސަލަ ބެލުމަށްފަހު ހެލްތު މިނިސްޓްރީން ސަލްމާގެ ފިރިމީހާ އަށް ފޮނުވި ސިޓީގައި ވަނީ ސަލްމާ މަރުވުމުގައި އޭޑީކޭގެ އިހްމާލު އޮތް ކަމަށް ބުނެފަ އެވެ. އަދި ސަލްމާގެ ގަޔަށް ލޭ އެޅުން ހޮސްޕިޓަލުން ލަސްކުރި ކަންވެސް ފާހަގަކޮށްފައިވެ އެވެ.
އެކަަމަކު ހެލްތު މިނިސްޓްރީގެ ވާހަކަތައް އޭޑީކޭ ހޮސްޕިޓަލުން ދޮގު ކުރެ އެވެ. އެ ހޮސްޕިޓަލުން ބުނީ ސަލްމާގެ ގަޔަށް ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެ މަސައްކަތުންވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި، ކާޑިއެކް އެރެސްޓަކަށް ދިއުމާ ގުޅިގެން ސީޕީއާރް ދިން ކަމަށާއި އެކަމަކު ސަލްމާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވި ކަމަށެވެ.
"ސަލްމާގެ ފަރުވާ ކުރިއަށް ދިޔައިރު ހާލަތާއި ގުޅޭ މައުލޫމާތާއި ދެވެމުންދާ ފަރުވާގެ މައުލޫމާތު ވަގުތުން ވަގުތަށް އާއިލާއާ ހިއްސާކޮށްފައިވާނެ. މި ހޮސްޕިޓަލްގައި ސަލްމާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައިވެސް ދޭންޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ. އަދި މި ކޭސް ރިވިއު ކުރުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ކިއުއައިޑީން ބޭނުންވި ހުރިހާ މައުލޫމާތާއި އެއްބާރުލުން މި ހޮސްޕިޓަލުން ވާނީ ދީފައި،" ތުހުމަތުތައް ދޮގުކޮށް އޭޑީކޭ އިން ނެރުނު ބަޔާނުގައިވެ އެވެ.
މެޑިކަލް ރެކޯޑް ހިއްސާކުރުމުގެ މައްސަލާގައި އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ރިކޯޑު ފޯރުކޮށްދޭނީ ގާނޫނީ މަޝްވަރާއަށް ފަހު ކަމަށެވެ.
ސަލްމާ މަރުވި މައްސަލާގައި އޭޑީކޭގެ އިހްމާލު އޮތް ކަމަށް ބަލައި އެ މައްސަލަ ކޯޓަށް ހުށަހެޅުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމަށްވެސް އާއިލާ އިން ވަނީ ނިންމާފަ އެވެ.