މިނިސްޓްރީ އޮފް ޓޫރިޒަމް

ރިސޯޓު ހަދާ ރަށްތަކުގެ މައުލޫމާތު 43 ފަރާތަކުން ސާފުކޮށްފި

ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ހުޅުވާލި 16 ރަށުގެ މައުލޫމާތު ސާފު ކުރަން ބޭއްވި ޕްރީބިޑް މީޓިންގައި 43 ފަރާތަކުން ބައިވެރި ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އަލަށް ނެރެން މަސައްކަތް ކުރާ ރަށްތަކުގެ ޕްރީބިޑް މީޓިންގައި ބައިވެރިވާން 97 ފަރާތަކުން ރަޖިސްޓްރީ ކުރި ކަމަށާއި ބައިވެރިވީ 43 ފަރާތަކުން ކަމަށެވެ. މިއީ މި ސަރުކާރުން ރިސޯޓު ހަދަން ނެރުނު ރަށްތަކެއްގެ މައުލޫމާތު ސާފު ކުރަން މިހާ ގިނައިން މީހުން ބައިވެރިވެރި ފަހަރެވެ.

ރިސޯޓު ހަދަން ނެރުނު 16 ރަށުގެ ޕްރީބިޑް މީޓިން ބޭއްވުމަށް ފަހު ދެން އޮންނާނީ މި ރަށްތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލުމެވެ. މި މީޓިންގައި ބައިވެރިވާ ފަރާތްތަކާއި ބައިވެރި ނުވާ ފަރާތްތަކަށް ވެސް ބިޑް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ބިޑް ކުރުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ލިބޭނެ އެވެ.

ޓޫރިޒަމަށް އިތުރު އެނދުތަކެއް ނެރެން ސަރުކާރުން މި ފަހަރު 16 ރަށެއް ނެރެފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން މި ފަހަރު ބިޑަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި 16 ރަަށެއް ހިމެނެ އެވެ. އެންމެ ގިނައިން ރިސޯޓު ހަދަން ހުޅުވާލާފައި ވަނީ ގއ. އަދި ގދ. އަތޮޅުންނެވެ. އަދި މީގެ އިތުރުން ލ. އަތޮޅު ވެސް ހިމެނެ އެވެ.

މި ސަރުކާރުން މީގެ ކުރިން ހަތަރު ރަށެއްގައި ރިސޯޓު ތަރައްގީ ކުރަން އިއުލާނު ކުރި އެވެ. ނަމަވެސް މި ރަށްތަކަށް ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުންނެވެ. ސަރުކާރުން ބުނީ އެ ރަށްތައް ވެސް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.