ވިޒިޓް މޯލްޑިވްސް

ރާއްޖޭގެ ވާހަކަ 700 މިލިއަނަށްވުރެ ގިނަ މީހުނަށް

ރާއްޖެ އިސްތިހާރު ކުރަން އެމްއެމްޕީއާރުސީން ހިންގި ހަރަކާތްތަކުން "ރާއްޖޭގެ ވާހަކަ" 704 މިލިއަން މީހުނަށް ފޯރު ކޮށްދެވިފައިވާ ކަމަށް ބުނެފި އެވެ.

ރާއްޖެ އިސްތިހާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެމްޕީއާރްސީ އިން އަވަސް އަށް ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އިސްތިހާރު ކުރަން ބައެއް ގައުމުތައް ހިމެނޭ ގޮތަށް 19 ހަރަކާތެއްގައި ބައިވެރި ވެފައިވެ އެވެ. މި ހަރަކާތްތަކުން މައުލޫމާތު ފޯރުކޮށް ދެވުނު އާބާދީ 704,529,241 އަށް އަރަ އެވެ.

މި ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ރާއްޖޭގެ މައުލޫމާތު ދީފައި ވަނީ އެމެރިކާގައި ހިންގި މާކެޓިން ހަރަކާތްތަކުންނެވެ. އެ ގައުމުގައި ހިންގި ހަރަކާތްތަކުގައި 219 މިލިއަން މީހުންނަށް ވާސިލު ވެވުނު ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. އަދި ރާއްޖޭގެ އެންމެ ދުވަސްވީ މާކެޓު ކަމަށްވާ އިނގިރޭސިވިލާތުގައި ހިންގި މާކެޓިން ހަރަކާތްތަކުން 30 މިލިއަން މީހުނަށް ވާސިލު ވެވުނެވެ.

މި އަހަރު ހިންގި ހަރަކާތްތަކާއި އަދަދު

  • އިޓަލީ: 694,110 މީހުނަށް
  • ރަޝިއާ / ސީއެސްއައި ގައުމުތައް: 48,810,727 މީހުނަށް
  • ޖަރުމަނުވިލާތް: 20,671,242 މީހުނަށް
  • ސުވިޒަލޭންޑް: 363,446 މީހުނަށް
  • އޮސްޓްރިއާ: 363,446 މީހުނަށް
  • ދެކުނު އެފްރިކާ: 301,518,702 މީހުނަށް
  • ދެކުނު ކޮރެއާ: 301,518,702 މީހުނަށް
  • ޗައިނާ: 7,985,320 މީހުނަށް
  • ތުރުކީ: 303 މީހުނަށް
  • ނޮޑިކް ކަންޓްރީޒް: 30 މީހުނަށް
  • އިންޑިއާ: 70,086,951 މީހުނަށް
  • ސައުތު އޭޝިއާ: 1,250,780 މީހުނަށް
  • ސްޕެއިން: 3,001,000.00 މީހުނަށް
  • މެދުއިރުމަތި: 35,262 މީހުނަށް

އެމްއެމްޕީއާރުސީން މި އަހަރު 15 ފެއާއެއްގައި ބައިވެރިވާން ނިންމި އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައި ވުމުން މި އަހަރު ގިނަ ހަރަކާތްތައް ހިންގާފައި ވަނީ އޮންލައިން ކޮށެވެ. މިގޮތުން ގައުމުތަކަށް ގޮސް ބައިވެރިވެފައި ވަނީ މަދު ފެއާތަކެއް ގަ އެވެ. މި ހާލަތަށް ހާއްސަކޮށް އެ ކުންފުނިން ވަނީ ރާއްޖެ އިސްތިހާރު ކުރަން ހާއްސަކޮށް ޕްލެޓްފޯމެއް ވެސް ގާއިމްކޮށްފަ އެވެ.

މި ހަރަކާތްތަކުގެ އިތުރުން އެމްއެމްޕީއާރުސީން މި އަހަރު އާ ގިނަ ހަރަކާތްތަކެއް ބާކީ އޮތް ދުވަސްތަކުގައި ހިންގަން ރާވާފައި ވެއެވެ. މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެ އިސްތިހާރު ކުރަން 21 ގައުމެއްގައި ހަރަކާތްތައް ހިންގާނެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ރޯޑްޝޯތަކާއި ފޭމްޓްރިޕްތައް އަދި ފެއާތަކުގައި ބައިވެރިވުން ވެސް ހިމެނެ އެވެ. މި ހަރަކާތްތައް އަމާޒު ކޮށްފައި ވަނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ތަކަށެވެ. ރާއްޖޭގެ އެއްވަނަ މާކެޓު ކަމަށްވާ ޗައިނާގައި 21 ހަރަކާތެއް ހިންގަން އެ ކުންފުނިން ނިންމާފައިވެ އެވެ.

ރާއްޖެ އިސްތިހާރު ކުރަމުން ގެންދަނީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.