އިންފޮގްރެފިކް

ބްރިޖުމަތީ ސައްބީސް ހާސް ގަޑިއިރު

ރާއްޖޭގެ ތާރީހުގައި ކަނޑު ހުރަސްކޮށް އެޅި ފުރަތަމަ ބްރިޖަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ ލޯނުން އެޅި "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ނުވަތަ "ސިނަމާލެ ބްރިޖު" އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅަން ފަށައި ވެރިކަމުގެ ފަހުކޮޅު ހުޅުވި މި ބްރިޖުގެ ދިގުމިނުގައި ދެ ކިލޯ މީޓަރު ފުޅާމިނުގައި 20.3 މީޓަރު ހުރެ އެވެ. މި ބްރިޖުން ގްރޭޓާ މާލެ ސަރަހައްދުގެ ތިން ރަށް ކަމަަށްވާ "ހުޅުމާލެ" އާއި "މާލެ" އަދި "ހުޅުލެ" ގުޅި "މެޓްރަޕޮލިޓަން ސިޓީ" އެއްގެ ސިފަ ފެންނަން ފެށި އެވެ.

މި ބްރިޖުން ތިން ރަަށް ގުޅާލިތާ މި މަހުގެ 30 ވަނަ ދުވަހަށް ތިން އަހަރުވެ، ބްރިޖާއެކު ދިވެހިން އުޅޭތާ 1،095 ދުވަސް- ބްރިޖުމަތި ދުއްވާތާ 26،280 ގަޑިއިރު ނުވަތަ 36 މަސް ހަމަވީއިރު މި ބުރިޖުން ދިވެހިންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދީފި އެވެ. ބޮޑު ފަސޭހައެއް ލިބިއްޖެ އެވެ. މުހިންމު ބޮޑު މި ކަނެކްޓިވިޓީގެ ސަބަބުން ދިވެހިންގެ ލައިފް ސްޓައިލަށް އައިީ ކޮން ބަދަލެއް ހެއްޔެވެ؟ ބްރިޖުން ލިބުނު އިގްތިސޯދީ މަންފާ އަކީ ކޮބާ ހެއްޔެވެ؟ ބްރިޖުގެ "ފޯ ލޭން" ގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

ޖީބަށް ލުއިވި ބޮޑު ތަކުލީފެއް ދުރުވި

ދެހާސް ހަތްވަނަ އަހަރު ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުޅުމާލެ ހިއްކުމާއެކު އެ ދުވަހުން ފެށިގެން ދެވަނަ މާލެ އަކަށްވީ އެ ރަށެވެ. ނަމަވެސް އުފެދި ބޮޑުވަމުން ދިޔަ ހުޅުމާލޭގެ އާބާދީއަށް އިތުރު މައްސަލަ ތަކެއް ދިމާނުވެ ހައްލުވާނެ އެއްގޮތަކީ ހުޅުމާލެއަށް ދެވޭނެ ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމެވެ. ހުޅުމާލެ-މާލެ ބްރިޖުގެ ވިސްނުމަކީ މިއެވެ. ހުޅުލެއާއި މާލެއާ ދެމެދު ބްރިޖުގެ މަސައްކަތް ފެށިއިރު، ހުޅުމާލޭގެ އާބާދީ އުޅެނީ ގާތްގަނޑަކަށް 40،000 އެވެ. އޭރު އެ ރަށް ގިނަ ބަޔަކު ބޭނުން ކުރީ ނިދަންއަރާ "ހާއްޔެއް"ގެ ގޮތުގަ އެވެ. ސަބަބަކީ ދެރަށުގެ ދެމެދުގައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމެވެ- ކަނެކްޓިވިޓީ ނެތުމެވެ.

މާލޭ އިން ހުޅުމާލެ އަށް ކަނޑުމަގުން ކުރާ ދަތުރަށް ކޮންމެ ދުވަހަކު އެންމެ މަދުވެގެން 30 މިނެޓު ހޭދަކުރަން ޖެހުނެވެ. ފަހުން މި ހިދުމަތް ރަނގަޅުކޮށް އެއާކޯން ނުވަތަ ސްޕީޑް ފެރީގެ ހިދުމަތް ފެށުމާއެކު ދަތުރު އަވަސްވީ ނަމަވެސް އަތުންދާ ބައި ބޮޑުވި އެވެެ. ލޯންޗުގައި ކުރާ ދަތުރަށް ޖީބުންދާ އަދަދު 50ރ. އަށް އެރި އެވެ. އަދި ފެރީގައި 10ރ. އަދި ސައިކަލް ގެންދާނަމަ 15ރ. ގެ ޓިކެޓަށް ދިޔަ އެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާނަމަ ދަތުރަކަށް ދެކޮޅަށް 40ރ. ގެ ހޭދަ އެކެވެ. މަހެއްގެ މައްޗަށް ބަލާނަމަ މި ދަތުރަށް އެކަނި 900ރ. އާއި 1،000ރ. ހޭދަ ކުރަން ޖެހެ އެވެ. އަހަރެއްގެ މައްޗަށް ބަލާނަމަ މި ހަރަދު އުޅެނީ 12،000ރ. ވަރުގަ އެވެ.

ބްރިޖުން ގުޅާލުމުގެ ކުރީގައި މާލެއިން ކޮންމެ ރެއަކާއި ދުވާލު ހުޅުލެއަށް ކުރާ "އެމްޓީސީސީ ފެރީ" ގައި 6،000 މީހުން ދަތުރު ކުރަމުން ދިޔަ އެވެ. ނަމަވެސް މާލެ ސަރަހައްދަށް އާބާދީ ތޮއްޖެހެމުން ދިއުމުގެ ނަތީޖާ އަކީ ފެރީ އިތުރު ކުރި ނަމަވެސް ހަގީގީ މައްސަލަ އަށް ހައްލު ނުލިބުމެވެ. ޑިމާންޑް މަތިވެ މާލޭގެ ބަނދަރު ކުޑަވެ ފެރީތައް ކިޔޫ ޖެހެން ފެށުމެވެ. މާލޭގައި އޮތް ޕަބްލިކް ޓްރާންސްޕޯޓުގެ ބަލި ނިޒާމުގެ ސަބަބުން އޮފީހަށް ދިއުން ފަދަ ޒަރޫރީ ކަންކަމަށް އަންނަ މީހުން ސައިކަލް ގެންނަން ޖެހެނީ ފެރީގަ އެވެ. މިކަމަކީ ކޮންމެ ދުވަހަކު ކުރަން ބުރަ މަސައްކަތަކަށް ވުމުން ގިނަ ބަޔަކު ދެ ސައިކަލް ހޯދި އެވެ. އެއް ސައިކަލް ބަހައްޓަނީ ހުޅުމާލޭގަ އެވެ. އަދި އަނެއް ސައިކަލް ޕާކު ކުރަނީ މާލޭގަ އެވެ. އަދި މާލެއަކީ ވިޔަފާރީގެ މައި ހަބަށްވުމުން މައި އެއާޕޯޓާ ދެމެދު ކުރަމުން ދިޔަ ދަތުރުތައެކު ޓިކެޓުގެ އަގު އެއްކޮށްގެން އަންދާސީ ހިސާބެއް ބަލާނަމަ މިހާތަނަށް ސަލާމަތްވި ފައިސާގެ އަދަދު ހަ މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވެ އެވެ. ކުރިން ހުޅުމާލެ އަށް ދިއުމަށް ދޯންޏަށް ލައިގެން ސައިކަލްގައި ކުރާ ދަތުރު ނިމުމަކަށް އައިސް މިހާރު އަމިއްލަ އުޅަނދެއްގައި ނުވަތަ ޕަބްލިކް ޓްރާންސްޕޯޓް މެދުވެރިކޮށް ބަހުގައި ދިއުމުގެ މަގު ވަނީ ފަހި ވެގެން ގޮސްފަ އެވެ. މިއާއެކު ހުޅުމާލޭގެ އިގްތިސޯދު ވަރުގަވެ އެކި ވިޔަފާރިތައް އުފެދި އާބާދީ އެއް ލައްކައާ ގާތަށް ވަނީ ޖެހިލާފަ އެވެ.

"އަވަސް އާކައިވް" ގައި "ސިނަމާލެ ބްރިޖު"ގެ ގިނަ ވާހަކަ ތަކެއް ރައްކާ ކުރެވިފައިވެ އެވެ. އާކައިވް ހާވާލުމުން ފެންނަނީ މި ބްރިޖު އަޅާ ވާހަކަ "ތުންތުން މަތިން" ދެކެވެން ފެށި ހިސާބުން މި ބްރިޖުގެ ޕްލެޓްފޯމް ނުވަތަ އަށި އަޅަމުން ދިޔަ ގޮތާއި މައްޗަށް އަރައިގެން ދިޔަ ގޮތެވެ. ދިވެހިން ދުވަހަކު ވެސް ހީވެސް ނުކުރާ އަދި އަޅާފާނެ ކަމަށް ގަބޫލުނުކުރި މި ބިޔަ މަޝްރޫއު ފެށިގެން މި މަސައްކަތަށް ކުރިއެރުން ލިބި މަސައްކަތް ފޮރޮޅި ނިމެމުން ދިޔަ ގޮތެވެ.

ހަތަރު ލޭން- ބްރިޖުގެ ނުދައްކާ ވާހަކަ

"ފޯ ލޭން" ނުވަތަ ހަތަރު ލޭން ސިނަމާލެ ބްރިޖެއް އަޅާނެ ކަމަށް އޭރު ސަރުކާރުގެ ބައެއް ވަޒީރުން ބުނަމުން ދިޔަ އެވެ. ނަމަވެސް ބްރިޖު ނިމުނުއިރު ފެންނަނީ އޮތީ ދެ ލޭން އެވެ. ބްރިޖުގައި "ފޯ ލޭން" ނެތީ ކީއް ވެގެން ހެއްޔެވެ؟ މި ސުވާލަކީ މިއަދާ ހަމައަށް ވެސް ޖަވާބު ނެތް ސުވާލެކެވެ. އޭރު ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބްރިޖުގައި ހަތަރު ލޭން ހުންނާނެ ކަމަށް ބުނެ "ފޮނި ކެނޑި" އެވެ.

"ފޯލޭން" އަކީ އޭރު ގެންގުޅުނު ވިސްނުމެވެ. ނަމަވެސް "ފޯ ލޭން" އަށް ކުރި ދިރާސާ ތަކުން ބްރިޖު އަޅަން އޭރު ކޮންސަލްޓެންޓެއްގެ ގޮތުގައި އުޅުނު ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ އާރޫޕު ކުންފުނީ ގެ ލަފާއަކީ ހަތަރު ލޭން އަޅައިފިނަމަ ޕްރޮޖެކްޓް އިންތިހާ އަށް ބޮޑު ވެގެން ދާނެ އެވެ. އެހެންވެ ސަރުކާރުން ފަހުން އެވިސްނުން ދޫކޮށްލި އެވެ. ނަމަވެސް މިއަދާ ހަމައަށް ހަތަރު ލޭންގެ ވާހަކަ އޮތީ ބްރިޖު ތަނބު ތެރޭގައި ފޮރުވާފަ އެވެ.

ލޯމަތިން ފޮރޮޅެމުން ދިޔަ ބޮޑު މަސައްކަތެއް

"ސިނަމާލެ" ބްރިޖަކީ މިގޮތަށް ބޮޑު ކަނޑުއޮޅިއެއް ހުރަސްކޮށް ދުނިޔޭގައި އަޅާފައިވާ މަދު ބްރިޖު ތެރެއިން އެއް ބްރިޖެވެ. މި ބްރިޖު ފަރުމާކުރީ ޗައިނާގައި ފުރަތަމަ ބްރިޖު ފަރުމާކުރި ބީއާރުޑީއައި ކުންފުނިންނެވެ. ހުޅުމާލެ އާއި މާލެ ހުޅުވާލި ބްރިޖު އަޅަން ނިންމައި އެކަން ރަސްމީކޮށް އިއުލާނު ކުރީ ޗައިނާގެ ރައީސް ޝީޖިންޕިން ރާއްޖެ އަށް ކުރެއްވި ރަސްމީ ޒިޔާރަތެއްގަ އެވެ.

ބްރިޖަށް ކުރިމަތިލި ކުންފުނިތަކުގެ ބިޑް ހުޅުވީ 10، ނޮވެމްބަރު 2015 ގަ އެވެ. މި މަސައްކަތް ކުރުމަށްޓަކައި ތިން ކުންފުންޏެއް ޝޯޓްލިސްޓް ކުރި އެވެ. ޗައިނާގައި ބިޑް އިވެލުއޭޓްކޮށް ކުންފުންޏެއް ނެގި، ބިޔަ މި މަޝްރޫ އަށް ކުރިމަތިލި ކުންފުނިތައް އޭރު ހާމަ ކުރި އެވެ. ބިޔަ މި މަޝްރޫއަށް މަސައްކަތަށް ކުރިމަތިލާފައިވަނީ ސީސީސީގެ އިތުރުން ޝިޒްއާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަން އާއި ޗައިނާ ރޭލްވޭ މޭޖާ ބްރިޖް އިންޖިނިއަރިން ކުންފުންޏެވެ.

މި ކުންފުނިތަކުން ހުށަހަޅާފައިވާ ބިޑްތައް އިވެލުއޭޓް ކޮށްފައިވަނީ މުޅި ޗައިނާ އިން 600 އެކްސްޕާޓުންގެ ތެރެއިން ހޮވާލައި 11 އެކްސްޕާޓުންގެ ޓީމަކުންނެވެ. ބިޑް އިވެލުއޭޓް ކުރީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ޓެކްނިކަލް ބިޑިން އިވެލުއޭޝަންގައި ބަލަނީ ޕްރޮޖެކްޓްގެ އެންމެ އުނދަގޫ މަސައްކަތް ކުރުމަށް ކުންފުނި ތަކުން ހުށަހެޅި ކޮމްޕްރެހެންސިވް މެތަޑް ސްޓޭޓްމަންޓަށެވެ. އެއިން ފާސްވާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ބްރިޖް ޕްރޮޖެކްޓް އެވޯޑްކުރި އެވެ. ބްރިޖު އަޅާނެ ކުންފުންޏެއެއްގެ ގޮތުގައި ސީސީސީ ހަމަޖައްސައި އެ ކުންފުންޏަށް މި މަޝްރޫއު ހަވާލުކުރީ 15، ޑިސެމްބަރު 2015 ގަ އެވެ.

މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 198 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އެވެ. މި ފައިސާގެ ތެރެއިން 113 މިލިއަން ޑޮލަރު ނުވަތަ މަޝްރޫއުގެ 57 ޕަސެންޓް ފައިސާ ދިނީ ޗައިނާ ސަރުކާރުން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގަ އެވެ. އަދި 67 މިލިއަން ޑޮލަރަކީ ދެ ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 15 އަހަރުން ދައްކަން ޗައިނާއިން ދިން ލޯނެކެވެ. އަދި މި މަޝްރޫ އަށް 18 މިލިއަން ޑޮލަރު ސަރުކާރުން ހަރަދު ކުރި އެވެ.

ބްރިޖު އަޅާ ކުންފުނިން ސައިޓު ބަލާލަން ޒިޔާރަތް ކުރީ 2، ޑިސެމްބަރު 2015 ވަނަ ދުވަހު އެވެ. މި މަސައްކަތް ކުރަން ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފައިވަނީ 25، ފެބްރުއަރީ 2016 ވަނަ ދުވަހު އެވެ. މި މަސައްކަތަށް 8500 ޓަނުގެ ސާމާނު ރާއްޖެ ގެނެސްފައިވެ އެވެ. ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 30 ޑިސެމްބަރު 2015 ގަ އެވެ. މި ބޮޑު މަސައްކަތް ފަށައި ފުރަތަމަ ތަނބު ޖަހާފައިވަނީ 12، ޖުލައި 2016 ގަ އެވެ.

ބްރިޖުގެ މި މަސައްކަތުގައި ޗައިނާގެ 2000 އަށް ވުރެ ގިނަ މީހުން 24 ގަޑިއިރު މެދުކެނޑުމެެއް ނެތި މަސައްކަތް ކުރިއިރު މި މަސައްކަތްވީ ޗައިނާގެ ޓީމަށް ވެސް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި ބޮޑު މަސައްކަތަކަށެވެ. ބްރިޖު އަޅަން 153،000 ކިއުބިކް މީޓަރުގެ ކޮންކްރީޓް ބޭނުން ކުރި އެވެ. އަދި 82،000 މެޓްރިކް ޓަނުގެ ސްޓީލް ބޭނުން ކުރިއިރު ބްރިޖު ސައިޓުގައި 2000 މީހުން މަސައްކަތް ކުރި އެވެ. މީގެއިތުރުން ޗައިނާގައި ތިބެގެން 100 އަށްވުރެ ގިނަ މަސައްކަތް ކުރަމުން ދިޔަ އެވެ.

ބްރިޖު ނިންމައި ކުލަގަދަ ރަސްމިއްޔާތަކާއެކު ބްރިޖު ހުޅުވީ 30، އޮގަސްޓް 2018 ގައެވެ. ބްރިޖު ހަދާފައިވަނީ މާލެ- ހުޅުމާލެ ކަރަންޓާއި ފެން ވިއުގައަކުން ގުޅާލާ ގޮތަށެވެ. މިހާރު ވަނީ ކަރަންޓުގެ ވިއުގައިން ގުޅާލައި ކަރަންޓު ދޭން ވެސް ފަށާފަ އެވެ.